Roadha Mihaaru
ބަދަލުގެ ގޮތުގައި ފަޅުތަކާއި ބިންތައް ވެސް ދޭން ނިންމި

ބަދަލުގެ ގޮތުގައި ގިނަ އަދަދެއްގެ ފައިސާ އާއި ފަޅު ވެސް ދޭން ކުރީގެ ސަރުކާރުން ނިންމި!

29 އެޕްރީލް 2024

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ނަގުދު ފައިސާގެ އެތައް މިލިއަން ރުފިޔާގެ އިތުރުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ބިންތަކާއި ފަޅުތައް ދޭން އެއްބަސްވެފައިވާ ކަން އެނގިއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އުފެއްދި ސެޓްލްމަންޓް ކޮމިޓީން އެކި ފަރާތްތަކަށް ބަދަލުގެ ގޮތުގައި ނަގުދު ފައިސާގެ އެތައް މިލިއަން ރުފިޔާގެ އިތުރުން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އަގުހުރި ބިންތަކާއި ފަޅުތައް ދޭން އެއްބަސްވެފައިވާ ކަން އެނގިއްޖެ އެވެ.

ނަމަވެސް މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި ރައީސް ކަމުގެ ހުވާކުރެއްވި ޑރ. މުހައްމަދު މުއިއޒުގެ ސަރުކާރުން ވަނީ ބަންޑާރަ ނައިބުގެ ލަފައެއް ނެތި އެ ކޮމިޓީން ބަދަލު ދޭން ނިންމާފައިވާ ނިންމުންތަކަށް އަމަލުކުރުން މަޑުޖައްސާލައި، އެ ކޮމިޓީ އުވާލައިފަ އެވެ.

އެ ކޮމިޓީން ބަދަލު ދޭން ނިންމި ނިންމުންތަކުގެ ބައެއް ތަފްސީލުތައް "މިހާރު" އަށް ލިބިފައިވާ އިރު، އެ ކޮމިޓީން ވަނީ 10 ފަރާތަކާ އެކު ހަދާފައިވާ އެއްބަސްވުން ބާތިލުކުރުމުގެ ސަބަބުން ބަދަލު ދޭން ނިންމައިފަ އެވެ.

މީގެ ތެރޭގައި ނަގުދު ފައިސާގެ ގޮތުގައި ހަތަރު ފަރާތަކަށް ޖުމްލަ 225.35 މިލިއަން ރުފިޔާ ދޭން ވަނީ އެއްބަސްވެފަ އެވެ. އެންމެ ބޮޑު އަދަދެއް ބަދަލުގެ ގޮތުގައި ދޭން އެއްބަސްވެފައި ވަނީ ދީބާޖާ އަށެވެ. އެ ކުންފުންޏަށް 64 މިލިއަން ރުފިޔާ ދޭން ކޮމިޓީން ނިންމާފައިވެ އެވެ.

ދެން ހުރި ނިންމުންތަކަށް ބަލާއިރު، ބަދަލުގެ ގޮތުގައި 3-4 ފަޅާއި ރަށްތަކާއި ބިންތަކުގެ އިތުރުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ވެސް އިތުރު ފަޅުތަކާއި ބިންތައް ވެސް ދޭން އެއްބަސްވުން ހިމެނެ އެވެ. ބައެއް އެއްބަސްވުންތަކުގައި ކުންފުނިތަކުން ދައްކަން ޖެހިފައި އޮތް ކުއްޔާއި ޖޫރިމަނާ ވެސް ވަނީ މާފުކޮށްދީފަ އެވެ.

އެ ފަޅުތަކާއި ރަށްތައް އަދި ބިންތަކުގެ ސީދާ އަގެއް ހިމަނާފައި ނެތް ނަމަވެސް، ބަދަލުގެ ގޮތުގައި ކޮމިޓީން ދޭން އެއްބަސްވި އަދަދު ބިލިއަނަކަށް ވުރެ ގިނަ ރުފިޔާ އަށް އަރާނެ ކަމަށް މި ސަރުކާރުން ވަނީ އަންދާޒާކޮށްފަ އެވެ.

ކޮމިޓީގެ ކޮންމެ ނިންމުމެއްގައި ވަނީ ދައުލަތާ ދެކޮޅަށް އިތުރު ޝަކުވާއެއް އަދި ދައުވާއެއް ނުކުރުމަށް ޝަރުތުކޮށްފަ އެވެ. ބަދަލުގެ އެއްބަސްވުމުގެ ތަފްސީލު އެއްވެސް ފަރާތަކަށް ދައުލަތުން ހާމަނުކުރެވޭ ގޮތަށް ވެސް ވަނީ އެއްބަސްވެ ސޮއިކޮށްފަ އެވެ. ކޮންމެ އެއްބަސްވުމެއް އޭގައިވާ ގޮތުން ސިއްރެވެ.

ސެޓެލްމަންޓް ކޮމިޓީން ބަދަލު ދޭން އެއްބަސްވި ފަރާތްތައް

1. ލެޝާ ބީޗް ޕްރައިވެޓް ލިމިޓެޑް: ވ. ފޮއްތެޔޮބޮޑުފުށީގެ ލީސް އިތުރުކޮށްދިނުން.

2. ސްލިއާ ސޭންޑްސް ޕްރައިވެޓް ލިމިޓެޑް: ތ. ވަންބަދި، ކަނި އަދި ފުށި 50 އަހަރަށް އަދި އއ. މާފަރުފަޅު.

3. ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް: 26 މިލިއަން ރުފިޔާ

4. ބްލޫ ލެގޫން އިންވެސްޓްމަންޓް: އއ. މަޑޫގަލީ 50 އަހަރަށް އަދި 20 މިލިއަން ޑޮލަރުގެ ބަދަލުގައި ރ. ވިލިނގިލި، ރ. ތާވަތާ، ރ. އޮރިމަސްފަރުން 50 އަހަރަށް ބިން.

5. އެގްޒޯޓިކް ޕްރޮޕަޓީޒް ޕްރައިވެޓް ލިމިޓެޑް: ނ. އެކުޅިވަރު 99 އަހަރަށް.

6. ދީބާޖާ އިންވެސްޓްމަންޓް: 64 މިލިއަން ރުފިޔާ.

7. ކޮރަލިއަން ޕްރައިވެޓް ލިމިޓެޑް: ޅ. ދިއްދޫން 5.32 ހެކްޓަރު ބިން 21 އަހަރަށް ކުލި ނުދައްކާ ގޮތަށް.

8. އަމްސަން އެންޑް ފުޑް ބެވަރޭޖް ޕްރައިވެޓް ލިމިޓެޑް: 5.1 މިލިއަން ރުފިޔާ.

9. އަބްދުﷲ އަލީ، ހ. ގިރިތެރެގެ: ހދ. ހޮނޑާފުށި 50 އަހަރަށް އަދި އެ ރަށުގެ ކުއްޔާއި ޖޫރިމަނާ މާފުކުރުން.

10. ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް: ހދ. ކުޑަމުރައިދޫ 50 އަހަރަށް އަދި ކުރީގެ ކުއްޔާއި ޖޫރިމަނާ މާފުކުރުން.