Roadha Mihaaru
ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ނިންމައިފި

ރިޔާސީ ބަޔާން އިއްވާ ދުވަސް ބަންދު ނުކުރަން ރައީސް ނިންމަވައިފި

18 ޖެނުއަރީ 2024

ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވާ ދުވަސް ނުވަތަ ރައްޔިތުންގެ މަޖިލިހުގެ ދައުރު ފަށާ ފުރަތަމަ ޖަލްސާ ބާއްވާ ދުވަސް މި އަހަރުން ފެށިގެން ބަންދު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ރައްޔިތުންގެ މަޖިލިހަށް ރިޔާސީ ބަޔާން އިއްވާ ދުވަސް ނުވަތަ ރައްޔިތުންގެ މަޖިލިހުގެ ދައުރު ފަށާ ފުރަތަމަ ޖަލްސާ ބާއްވާ ދުވަސް މި އަހަރުން ފެށިގެން ބަންދު ނުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ކަނޑައަޅުއްވައިފި އެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ނިންމާފައި ވަނީ ޖެނުއަރީ 21، 2019 ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގަ އެވެ. އޭގެ ފަހުން ރިޔާސީ ބަޔާން އިއްވާ ދުވަހު ސަރުކާރު ބަންދުކުރެ އެވެ.

ރައީސް އޮފީހުން ބުނީ ރިޔާސީ ބަޔާން އިއްވާ ދުވަހަކީ، މީގެ ފަހުން ސަރުކާރު ބަންދު ނޫން ދުވަހެއްގެގޮތުގައި، ރައީސް ޑރ. މުއިއްޒު ކަނޑައަޅުއްވާފައިވާ ކަމަށެވެ.

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އަންނަ މަހުގެ 5 ވާ ހޯމަ ދުވަހުގެ ހެނދުނު ނުވައެއް ޖަހާއިރު އެ ޖަލްސާ ބޭއްވުމުގެ ތައްޔާރީތައް ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން މިހާރު ވަނީ ފަށައިފަ އެވެ.

މިއީ މިދިޔަ އަހަރުގެ ނޮވެމްބަރު 17 ގައި މަގާމުގެ ހުވާކުރެއްވި ރައީސް ޑރ. މުއިއްޒު ރިޔާސީ ބަޔާން އިއްވަވާ ފުރަތަމަ ޖަލްސާ އެވެ.

ގާނޫނުއަސާސީގައި ވާ ގޮތުން ކޮންމެ އަހަރެއްގެ ރައްޔިތުންގެ މަޖިލިހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ އަދި ގައުމުގެ ހާލަތު އިތުރަށް ރަނގަޅު ކުރުމަށްޓަކައި ކުރަންޖެހޭ ކަމަށް ރައީސުލްޖުމްހޫރިއްޔާ އަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައްޔިތުންގެ މަޖިލިހަށް އިއްވަން ވާނެ އެވެ.

ރައްޔިތުންގެ މަޖިލިހުގެ މިހާރުގެ ދައުރު ހަމަވާތީ ކުރިއަށް އޮތް ދައުރަށް މަޖިލިހަށް މެމްބަރުން އިންތިހާބުކުރުން އަންނަ މާޗު 17 ގައި ބާއްވަން ވަނީ ނިންމައިފަ އެވެ.