Roadha Mihaaru
ރިޔާސީ ބަޔާން: ގައުމު ކުރިއަށް ގެންދާނެ ގޮތުގެ ތަރުތީބަށް

ރިޔާސީ ބަޔާނުގައި ރައީސް އިސްކަންދެއްވާނީ ކޮވިޑަށް ފަހު ގައުމު ކުރިއަށް ގެންދާނެ ތަރުތީބަށް

03 ފެބުރުއަރީ 2021

ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ދެއްވާ ރިޔާސީ ބަޔާނުގައި އިސްކަން ދެއްވާނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ގައުމު ކުރިއަށް ގެންދަވާނެ ތަރުތީބަށް ކަމަށް ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީސް ހުޅުވާ ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މާދަމާ ދެއްވާ ރިޔާސީ ބަޔާނުގައި އިސްކަން ދެއްވާނީ ކޮވިޑް-19ގެ ބަލިމަޑުކަމުން އަރައިގަނެ ގައުމު ކުރިއަށް ގެންދަވާނެ ތަރުތީބަށް ކަމަށް ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

މަބްރޫކް ވިދާޅުވީ ރައީސް ދެއްވާނީ ރައްޔިތުންނަށް އުއްމީދީ ބަޔާނެއް ކަމަށެވެ. ރައްޔިތުންނާއި ގައުމުގެ ހާލަތު ރަނގަޅުކުރަން ސަރުކާރުގެ އިގްތިސާދީ ވިސްނުމާއި މިސްރާބު ސާފުކޮށްދެއްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޗައިނާ އިން 2019ގެ ޑިސެމްބަރުގައި ފެނުނު ކޮވިޑް-19 ރާއްޖޭގައި މިދިޔަ މާޗް މަހުގެ ތެރޭގައި ފެތުރެން ފެށީ އެ އަހަރުގެ ރިޔާސީ ބަޔާނަށް ފަހު އެވެ. އެ ބަޔާނުގައި މިދިޔަ އަހަރަށް ގައުމު ކުރިއަށް ގެންދާނެ މިސްރާބު ރައްޔިތުންނަށް ވިދާޅުވެދެއްވި ނަމަވެސް، އިސްކަން ދޭން ޖެހުނީ ކޮވިޑުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ މަސައްކަތަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ.

"ދުނިޔޭގެ އެއްވެސް ގައުމަކުން ލަފާކޮށްގެން ތިބި ގޮތަކަށް ނޫން އިކޮނޮމީ މިދިޔަ އަހަރު ދިޔައީ. އެހެންވީމަ މި އަހަރު ހުންނާނެ އަލުން ކަންކަން ތަރުތީބުކުރަން. ކަންކަން ދޫކޮށްލުމަށް ވުރެން މިހާރު އަލުން ކުރަން ޖެހޭ ކަންތައް ބަދަލުވެއްޖެ. ދަސްވި ފިލާވަޅުތަކެއް އެބަހުރި،" މަބްރޫކް ވިދާޅުވި އެވެ.

ނެޝަނަލް ރިކަވަރީ އެންޑް ރިޒިލިއަންޓް ޕްލޭނެއް އެކުލަވާލާފައި އޮންނަކަން ފާހަގަކުރައްވައި ވިދާޅުވީ އެ ޕްލޭނާ އެއްގޮތަށް މިހާރު ވެސް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި އިގްތިސާދު ކުރިއަރުވާނެ މަގުޗާޓު ވެސް އެނގޭނެ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ކޮވިޑުގެ މި ހާލަތުގައި، ޖަޒީރާވަންތަ ތަރައްގީގެ މުހިއްމުކަން ސިއްހީ ދާއިރާއަށް އެކަނި ބަލައިލިއަސް ފެންނާނެ އެވެ. މި އަހަރު ވެސް ސަރުކާރުގެ އަމާޒަކީ ލާމަރުކަޒީ ނިޒާމުގެ ތެރެއިން އެ ދާއިރާ ވެސް ކުރިއެރުވުން ކަން ފާހަގަކުރެއްވި އެވެ.

"އަލުން ތަރުތީބުކޮށް އަލުން މި ބިނާކުރާ އިގްތިސާދަކީ މި ކަހަލަ [ކޮވިޑް-19 ފަދަ ކަމުން] އަރައިގަތުމަށް ވިސްނައިގެން، މި ކަހަލަ ކަމެއް ދެން ދިމާވެއްޖިއްޔާ މިވަރުގެ އިމްޕެކްޓެއް ނުކުރާނެ ގޮތަކަށް ބިނާކުރާ އިގްތިސާދަކަށް ވުން،" އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ކޮވިޑް-19އާ ދެކޮޅަށް ކުރި މަސައްކަތުން ރާއްޖެއަކީ ޓޫރިސްޓުންނަށް ރައްކާތެރިކަމާ އެކު އެންމެ ފުރަތަމަ ބޯޑަރު ހުޅުވާލި އެއް ގައުމު ކަމަށާއި ދެ ވަނަ ރާޅުން ލޮކްޑައުންއަކާ ނުލައި އަރައިގަނެ ތިން ވަނަ ރާޅުގައި ތިއްބަސް މިކަމުން އަރައިގަނެވޭނެ ވަރަށް ތަޖުރިބާއިން ކަންކަން ތަރުތީބުކުރެވިފައިވާ ކަމަށެވެ. ކޮރަޕްޝަނާއި ހުދުމުހުތާރުކަން ގައުމުތަކުގައި ގޯސްވެގެން ދިޔައަސް ރާއްޖޭގައި އެކަމުން އަރައިގަތުމަށް ފިޔަވަޅު އަޅައި ކާމިޔާބު ލިބެމުން އަންނަ ކަމަށް މަބްރޫކް ފާހަގަކުރެއްވި އެވެ.

ރައީސްގެ ބަޔާނުގައި، ގައުމުގެ ހާލަތު އޮތް ގޮތް ރައްޔިތުންނަށް ވިދާޅުވާނީ އަދަދުތަކުން ކަމަށް ވިދާޅުވި އެވެ.