ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވޭ ފެނަކަ ކޯޕަރޭޝަނާ ގުޅޭ 13 ކަމެއް އިސްލާހުކުރަން މާދަމާއާ ހަމައަށް މުއްދަތު ދީފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
06 އެޕްރީލް 2021
ކޮރަޕްޝަންގެ އެތައް ތުހުމަތުތަކެއް ކުރެވޭ ފެނަކަ ކޯޕަރޭޝަނާ ގުޅޭ 13 ކަމެއް އިސްލާހުކުރަން މާދަމާއާ ހަމައަށް މުއްދަތު ދީފައިވާ ކަމަށް ރައީސް އޮފީހުން މިއަދު ބުނެފި އެވެ.
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިހާރު ވެސް އަންނަނީ އެ ކުންފުންޏާ ގުޅޭ 22 މައްސަލައެއް ތަހުގީގު ކުރަމުންނެވެ. އެ ކޮމިޝަނުން ވަނީ ފެނަކައިގައި ކޮރަޕްޝަން ހިނގަމުންދާކަން ނުވަތަ އެ ފުރުސަތު އޮތްކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަމާލުކަމަށް ގެނެސްފަ އެވެ.
މިިދިޔަ މަހު ބޭއްވި ނިއުސް ކޮންފަރެންސްގައި ރައީސް ވިދާޅުވީ، އޭސީސީން ފޮނުވާފައިވާ ރިޕޯޓުގައި ހުރި މައްސަލަތައް ހައްލުކޮށް، ކުންފުނި އިސްލާހުކުރަން ދޭ މުއްދަތުގައި އެކަން ނުކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށެވެ. ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑު (ޕީސީީބީ) މެދުވެރިކޮށް ފެނަކަ އަށް އިސްލާހުތައް ގެންނަވާނެ ކަމަށް އެ މަނިކުފާނު އެ ދުވަހު ވިދާޅުވި އެވެ.
އެކަމާ ގުޅޭގޮތުން، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "މިހާރު" އަށް މިއަދު ވިދާޅުވީ އޭސީސީން ފާޅުކޮށްފައިވާ ކަންބޮޑުވުންތައް ހައްލުކުރަން ފެނަކައިގެ ޕްރޮކިއުމަންޓް ޕޮލިސީ އަށް ޕީސީބީން ތައްޔާރުކޮށްފައިވާ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ޕްރޮކިއުމަންޓް ޕްރޮސީޖާ އަދި ގައިޑްލައިނާ އެއްގޮތްވާ ގޮތުގެ މަތިން ނުވަ އިސްލާހެއް ގެންނަން ފިނޭންސް މިނިސްޓްރީން އަންގާފައިވާ ކަމަށެވެ.
އިސްލާހުކުރަން ފެންނަ އިތުރު ހަތަރު ކަމެއް ވެސް އަންގާފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.
"މި ކަންކަން އިސްލާހު ކުރުމަށް އެ ކުންފުންޏަށް ދީފައިވާ އެންމެ ފަހުގެ ތާރީޚަކީ އޭޕްރީލް 7، 2021 ވަނަ ދުވަހެވެ. މީގެ އިތުރުން އެ ކުންފުނީގެ ދެ އޮޑިޓެއް މި އަހަރު ނިމުމުގެ ކުރިން ހެދުމަށް ވެސް ވަނީ ނިންމައިފަ އެވެ،" ލިޔުމުން ދެއްވި ޖަވާބުގައި މަބްރޫކް ވިދާޅުވި އެވެ.
ފެނަކައިގެ ގިނަ މައްސަލަތަކުގައި ކޮރަޕްޝަންގެ ތުހުމަތު ކޮށްފައި ވަނީ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދަށެވެ. އެކަމަކު އެ ތުހުމަތުތައް ދޮގުކުރައްވައި އޭނާ ވިދާޅުވަނީ އެއީ ސިޔާސީ ރޭވުމެއް ކަމަށެވެ.
ނަމަވެސް އޭސީސީގެ ރިޕޯޓުގައި އެ ކުންފުނި އުފެއްދި އަހަރު، 2012 އިން ފެށިގެން މިދިޔަ އަހަރާ ހަމައަށް ހުށަހެޅި މައްސަލަތަކުގެ ތަފުސީލު ހިމަނާފައި ވެ އެވެ. ވޭތުވެދިޔަ ނުވަ އަހަރަށް ބަލާއިރު ފެނަކައާ ގުޅޭގޮތުން އެންމެ ގިނަ މައްސަލަތައް ހުށަހެޅީ މިިދިޔަ އަހަރެވެ. އެއީ 79 މައްސަލަ އެވެ.
ރިޕޯޓުގައި ބުނީ 2012 ވަނަ އަހަރުން ފެށިގެން ހުށަހެޅި މައްސަލަތަކާ ގުޅިގެން ކަންކަން އިސްލާހުކުރަން އަންގާފައިވާނެ ކަމަށެވެ. އެކަމަކު މިހާތަނަށް އެދެވޭ ބަދަލުތަކެއް ގެނެސްފައިނުވާ އޭސީސީން ބުންޏެވެ. ފެނަކައާ ގުޅޭ ގޮތުން ހުށަހަޅާ ކޮރަޕްޝަންގެ މައްސަލަތައް ދުވަހުން ދުވަހަށް އިތުރުވަމުންދާ ކަމުގެ ކަންބޮޑުވުން އޭސީސީން ވަނީ ފާޅުކޮށްފަ އެވެ.
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް
އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކަ: ސަރުކާރު
ރިޔާސީ ބަޔާން: ގައުމު ކުރިއަށް ގެންދާނެ ގޮތުގެ ތަރުތީބަށް
ރައީސްގެ ކަންބޮޑުވުމާ ގުޅިގެން އޭސީސީން މަޝްވަރާ އަށް
ސީ ލައިފް މައްސަލަ އަށް ކޯޓުން ބޭރުގައި ހައްލެއް!
ސިޔާސީ މޮޅާއި ކުރި ހޯދުމެއް ނެތް, ޗޮއިސްއަކީ ރައީސް!
ހަމަޖެހުން ހޯދައިދީ ގިނަ މަސައްކަތް ކުރެވިއްޖެ: ރައީސް
ނަޝީދުއާ އޮތް ހިޔާލުތަފާތުވުމަކީ މި މަގާމުގައި ހުރުން
މެނިފެސްޓޯގައި ނިޒާމީ ވޯޓު ނަގާކަށް ނުނިންމާ: ސަރުކާރު
އަހުދުގެ މަތީގައި ދެމިހުންނެވީ ރައީސް އެކަނި: އަސްލަމް