Roadha Mihaaru
މަގާމުގެ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް

މަގާމުގެ ހައިސިއްޔަތުން ލިބޭ ހަދިޔާތަކުގައި ހޯދަން ވެފައި އޮތީ ހައްދެއް

11 އޮކްޓޯބަރ 2022

ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރަސްމީ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގަތުމުން ހަދިޔާ ދިނުމަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އާއްމު ކަމެކެވެ. ސަގާފަތާ ގުޅޭ ހަދިޔާތަކާއި ސައިދިނުން ފަދަ ކަންކަން ނުކުރެވިއްޖެ ނަމަ ދެކެނީ އިހުތިރާމު ކުޑަކުރެވުނީ ކަމަށެވެ. ހަމަ އެގޮތަށް ދައުލަތުގެ އިސްވެރިން ރާއްޖެ އިން ބޭރަށް ވަޑައިގަތަސް ގައުމުތަކުގެ އާދަކާދަ ހަމަޖެހިފައި އޮންނަނީ މެހްމާންދާރީއާ ގުޅުވައި ހަދިޔާ ބަދަލުކުރާ ގޮތަށެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދައުލަތުގެ އެކި މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރަސްމީ ދަތުރުތަކުގައި ރަށްރަށަށް ވަޑައިގަތުމުން ހަދިޔާ ދިނުމަކީ އެހެން ގައުމުތަކެކޭ އެއްގޮތަށް ރާއްޖޭގައި ވެސް އާއްމު ކަމެކެވެ. ސަގާފަތާ ގުޅޭ ހަދިޔާތަކާއި ސައިދިނުން ފަދަ ކަންކަން ނުކުރެވިއްޖެ ނަމަ ދެކެނީ އިހުތިރާމު ކުޑަކުރެވުނީ ކަމަށެވެ. ހަމަ އެގޮތަށް ދައުލަތުގެ އިސްވެރިން ރާއްޖެ އިން ބޭރަށް ވަޑައިގަތަސް ގައުމުތަކުގެ އާދަކާދަ ހަމަޖެހިފައި އޮންނަނީ މެހްމާންދާރީއާ ގުޅުވައި ހަދިޔާ ބަދަލުކުރާ ގޮތަށެވެ.

މި ފަހުން ރާއްޖޭގައި އެ ކަން ބަހުސަކަށް ވީ، ޒުވާން ވިޔަފާރިވެރިއެއްގެ ފިހާރައެއް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަތުމުންނެވެ. މައްސަލައަކަށް ވީ ރައީސްގެ ދެކަނބަލުން "ކްލެވެންޓީ" ފިހާރަ ހުޅުމުގެ އިވެންޓުގައި ބައިވެރިވެވަޑައިގަތުމުގެ ފޮޓޯ އާއި މައުލޫމާތު ރައީސް އޮފީހުގެ ރަސްމީ އެކައުންޓްތަކުން އާއްމުކުރުމެވެ. އަމިއްލަ ވިޔަފާރިތައް ކުރިއަރުވައި ހިތްވަރު ދެއްވުމަށް "ކްލެވެންޓީ" އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަޑައިގަތަސް އުސޫލެއް ނެތި ވަކި ބަޔަކަށް އެ ފުރުސަތު ދެއްވާ ނަމަ ތަފާތު ކުރުމެއްގެ ގޮތުގައި ބެލެވިދާނެ އެވެ.

އެ އިވެންޓަށް ވަޑައިގަތުމުން, "ކްލެވެންޓީ" އިން ދިން އެ ބްރޭންޑުގެ ހަދިޔާ ރައީސް ގަބޫލުފުޅު ކުރެއްވުމުން އަދި މާބޮޑަށް ސުވާލު އުފެއްދި އެވެ. ރައީސަށް އެ ގޮތަށް ހަދިޔާ ގަބޫލުކުރެއްވިދާނެ ހެއްޔެވެ؟ ބަހުސަށް ހުޅުވައިލެވުނު ރަނގަޅު ސުވާލެކެވެ.

ކްލެވެންޓީ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

ކްލެވެންޓީ ފިހާރަ ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސްގެ ދެކަނބަލުން ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ | ރައީސް އޮފީސް

އެއް ބަޔަކަށް އެ އިވެންޓުގެ މަންޒަރު ސިފަވީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމާއި ލިބިގަތުމުގެ ގޮތުގަ އެވެ. ރައީސަށް އެ ހަދިޔާ ގަބޫލުފުޅު ނުކުރެއްވޭނެ ކަމަށް ހިޔާލުފާޅުކުރި މީހުން ތިއްބެވެ.

މިއީ ހަމައެކަނި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކުރެއްވި ކަމެއް ނޫނެވެ. މިހާތަނަށް ވެރިކަން ކުރެއްވި ހުރިހާ ބޭފުޅުން ވެސް އަމިއްލަ ފަރާތްތަކުގެ އެފަދަ އިވެންޓުތައް އިފުތިތާހު ކޮށްދެއްވައި ހަދިޔާ ގަބޫލު ކުރައްވާފައި ވެ އެވެ. ރާއްޖެ އާއި ރާއްޖެ އިން ބޭރުން ވެސް މެ އެވެ.

ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކަށް ބަލާއިރު "ކްލެވެންޓީ" ގެ އިވެންޓަށް ރައީސް ވަޑައިގަތުމާއި އެތަނުގެ އިސްވެރިން ދެއްވި ހަދިޔާ ގަބޫލުފުޅު ކުރެއްވުމުގައި މައްސަލައެއް ނެތެވެ. މަގާމުގެ ހައިސިއްޔަތުން ދައުލަތަށް ލިބުނު އެއްޗެއްގެ ގޮތުގައި ރަސްމީ އިދާރާއަކާ ވެސް ހަވާލުކުރައްވާކަށް ޖެހިވަޑައެއްނުގަންނަވަ އެވެ.

ދައުލަތުގެ މަގާމުތައް ފުރުއްވާ ބޭފުޅުން ހަދިޔާ ގަބޫލުކުރެއްވުން ކުށަކަށް ވާ ހާލަތު ގާނޫނުގައި ބަޔާން ކޮށްފައި އެބަ އޮތެވެ. އެއީ ސަރުކާރުން ކަމަކަށް އެދި ކުރިމަތިލާފައި އޮތުމެވެ.

ގާނޫނުގައި ބުނެފައި އޮންނަނީ ސަރުކާރުން ކަމަކަށް އެދިގެން އުޅޭ މީހެއްގެ ކިބައިން ނުވަތަ ސަރުކާރަކާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނަމަ ނުވަތަ ކުރަން އުޅޭ މީހެއްގެ ކިބައިން އެކަމަކާ ބެހޭ ސަރުކާރުގެ މުވައްޒަފަކު ނުވަތަ މުވައްޒަފެއްގެ އަންބަކަށް ނުވަތަ ފިރިއަކު އެއްވެސް ބާވަތެއްގެ އަމިއްލަ ކަމެއް ކޮށްދޭން އެދުމަކީ ނުވަތަ އެފަދަ މީހަކު ލައްވައި އަމިއްލަ ކަމެއް ކުރުވުމަކީ ކުށެއް ކަމަށެވެ.

އަދި އެކަމާ ގުޅުވައި ހަދިޔާއެއް ލިބިއްޖެ ނަމަ ލަސްނުކޮށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ނުވަތަ އެ އޮފީހުން ކަނޑައަޅާފައިވާ ފަރާތަކަށް ހަވާލުކުރަން ވާނެ އެވެ. އެފަދަ ހުށަހެޅުމެއް އަތުވެއްޖެ ނަމަ ވެސް އަންގަން ޖެހޭ ކަމަށް ގާނޫނުގައި އޮވެ އެވެ.

ގާނޫނުގައި މިހެން އޮތަސް އެފަދަ ހާލަތުތައް މެދުވެރިވާ ފަހަރުތަކުގައި ވެސް ދައުލަތުގެ އިދާރާތަކުން އަމަލުކުރާ ތަނެއް ނުފެނެ އެވެ. އޮންނަނީ އެއްވެސް ހައްދެއް ނެތި ދޫކޮށްލައިފަ އެވެ.

ހޯމް މިނިސްޓްރީން ބޭރު ގައުމެއްގެ ވެރިއަކަށް ދޭން ތައްޔާރުކުރި ގުޅިއެއް.

ހޯމް މިނިސްޓްރީން ބޭރު ގައުމެއްގެ ވެރިއަކަށް ދޭން ތައްޔާރުކުރި ގުޅިއެއް.

ދައުލަތުގެ ވެރިންނާއި ސަރުކާރުގެ އެކި މިނިސްޓްރީތަކާއި ކުންފުނިތަކަށް ބެލިޔަސް ބޭރުގެ ދަތުރުތަކާއި ބައްދަލުވުންތަކުގައި މަގާމުގެ ހައިސިއްޔަތުން އަގު ބޮޑެތި ހަދިޔާ ލިބުނަސް ދައުލަތަށް އެ އިން ފައިދާވުމުގެ ބަދަލުގައި ހުޅުވިފައި އޮތީ ނުރަނގަޅު ނުފޫޒަކަށް މަގުފަހިވެދާނެ ފަދަ ދޮރެކެވެ.

ގާނޫނީ ނިޒާމު މިހާރު އޮތް ގޮތުން މިފަދަ މައްސަލަތަކަށް އެންމެ އެކަށީގެންވާ ހައްލެއް ވެސް ހޯދިފައެއް ނެތެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ރައީސް އާދަމް ޝާމިލް ވިދާޅުވީ މަގާމުގެ ހައިސިއްޔަތުން ހަދިޔާ ގަބޫލުކުރުން އެއްކޮށް ދޫކޮށްލެވިފައި އޮތުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އޭގައި ހަމަތަކަކާއި އުސޫލްތަކެއް ގާއިމުވެފައި އޮންނަން ޖެހޭ ކަމަށް ވިދާޅުވި އެވެ.

"މިސާލަކަށް އަޅުގަނޑު މަގާމުގެ ހައިސިއްޔަތުން ތަނަކަށް ދިޔައީމާ އަޅުގަނޑަށް ލިބޭ ކޮންމެ އެއްޗެއް އެއީ އަޅުގަނޑަށް ލިބޭ އެއްޗެއް ނޫން އަސްލުގައި. އަޅުގަނޑު ހުރި މަގާމު ނުވަތަ އަދާކުރާ ޒިންމާގެ ގޮތުން ލިބޭ އެއްޗެއް އަދި އެ ހަދިޔާ ލިބުނީ އަޅުގަނޑު ތަމްސީލު ކުރާ އޮފީހުން ކަމަކަށް އެދިގެން އުޅޭ ފަރާތެއްގެ ކިބައިން، ނޫނީ އެ އޮފީހާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއް ކުރާ ނުވަތަ ކުރަން އުޅޭ ފަރާތެއްގެ ކިބައިން ނަމަ އެ ފަހަރު އެ ހަދިޔާގައި ހިފުން އެއީ ގޯހެއް،" އޭނާ ވިދާޅުވި އެވެ.

އޭސީސީގައި ކުރިން ވަނީ މުވައްޒަފުން ހަދިޔާ ބަދަލުކުރުމާ ގުޅޭ އުސޫލެއް ހަދައިފަ އެވެ. އެފަދަ ޕޮލިސީއަކަށް މުއައްސަސާތަކުގެ ތެރޭގައި އަދިވެސް އަމަލުކުރުމަކީ މުހިއްމުކަން ޝާމިލް ފާހަގަކުރެއްވި އެވެ.

މަގާމުގެ ހައިސިއްޔަތުން ވަޑައިގަންނަވާ ތަންތަނުން ލިބޭ ހަދިޔާ ގަބޫލުކުރުން މައްސަލައެއް ނޫނެވެ. އޮންނަން ޖެހެނީ ހަދިޔާއަށް އަމަލުކުރާނެ ގޮތްތަކެކެވެ.

މައްސަލައަކަށް ވަނީ ހިޔާނާތަކަށް މަގު ހުޅުވޭ ހިސާބެވެ. ނުވަތަ ވިޔަފާރިތަކާއި އާއްމުންގެ މެދުގައި ވެސް ތަފާތުކުރުން ގެންގުޅެވޭ ހިސާބަށް ދިއުމެވެ. ހަމަހަމަ އުސޫލެއް އޮތް ނަމަ މައްސަލައެއް ނޫނެވެ. މިހާރު މައްސަލައަކީ އެފަދަ އުސޫލެއް ނެތުމެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކްލެވެންޓީ ފިހާރަ އަށް ވަޑައިގަތީ ރައީސް އޮފީހުން ބުނެފައިވާ ގޮތުގައި ވަގުތު ދެއްވުނު ވަރަކުން ވިޔަފާރިތައް ކުރިއެރުވުމުގައި ހިތްވަރު ދެއްވަން ބޭނުންފުޅުވާތީ އެވެ. އެކަމަކު އެ ކަމުގައި އުސޫލެއް އެކުލަވާލައި ރައީސް އޮފީހުގައި އަމަލުކުރަމުން އަންނަ ކަމެއް އެ އޮފީހުން ސާފެއް ނުވި އެވެ.

ބައެއް ގައުމުތަކުގައި އޮންނަ ގޮތް

ބައެއް ގައުމުތަކުގައި ޕަބްލިކް އޮފިޝަލުންނަށް މަގާމުގެ ހައިސިއްޔަތުން އެކި ފަރާތްތަކުން ލިބޭ ހަދިޔާތަކާ ގުޅޭ އުސޫލުތަކެއް އެކުލަވާލައި އަމަލުކުރެ އެވެ.

އޮސްޓްރޭލިއާގެ އިންފޮމޭޝަން ކޮމިޝަންގެ އޮފީހުގެ މަގާމުގައި ތިބޭ ބޭފުޅުންނަށް މަގާމުގެ ހައިސިއްޔަތުން ލިބޭ ހަދިޔާ 100 ޑޮލަރަށް ވުރެ ބޮޑު ނަމަ އެ ހަދިޔާއެއް އެ ގައުމުގެ އިންފޮމޭޝަން ކޮމިޝަން އޮފީހުން ބަލަހައްޓާ ރަޖިސްޓަރީގައި ރަޖިސްޓަރީ ކުރަން ޖެހެ އެވެ. މި ރަޖިސްޓަރީ އޮންނަނީ އާއްމުކޮށްފަ އެވެ.

އެ އުސޫލުގެ ދަށުން ޕަބްލިކް އޮފިޝަލަކަށް މަގާމުގެ ހައިސިއްޔަތުން ލިބޭ ހަދިޔާއަކާ ހަވާލުވަނީ ވެސް އެ އޮފީހުގެ ފަރާތުންނެވެ. އަދި އެ ލިބޭ ހަދިޔާއަކީ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ލިބޭ އެއްޗެއްގެ ގޮތުގައި އެ އުސޫލުގައި ކަނޑައަޅާފައިވެ އެވެ.

ރަސްމީ ދަތުރުތަކާއި އެ ނޫން ހާލަތުތަކުގައި އެމެރިކާގެ ރައީސާއި ނައިބު ރައީސް އަދި ސެކްރެޓަރީ އޮފް ސްޓޭޓް އާއި އެ މީހުންގެ އަނބިން ނުވަތަ ފިރިންނަށް ރަސްމީ ދަތުރުތަކާއި އެ ނޫން ހާލަތުތަކުގައި ލިބޭ ހަދިޔާތައް ބެލެހެއްޓުމަކީ އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓްގެ ޗީފް އޮފް ޕްރޮޓޮކޯލް ގެ ދަށުން 'ދަ ގިފްޓް އޮފީސް"ގެ ޒިންމާ އެވެ. އެ އޮފީހުން ކަނޑައަޅާ ގޮތަށް ހަދިޔާ ބަލަހައްޓަމުން އަންނައިރު, އެ ހަދިޔާއެއް ދިން ފަރާތާއި ލިބުނު ބޭފުޅަކާއި ފައިސާގެ އަގާއި ބެހެއްޓިފައި ހުރި ތަން އަދި ހަދިޔާ ބަލައިގަތް ސަބަބު އާއްމުކުރާ ލިސްޓެއްގައި ބަޔާންކުރަން ޖެހެ އެވެ.

އާދަކާދަ އާއި މެހުމާންދާރީގައި ހެޔޮ ހިތުން ހަދިޔާއެއް ބަދަލުކުރިޔަސް އެމެރިކާގެ ސަރުކާރުގެ އެއްވެސް ބޭފުޅަކަށް އެ ހަދިޔާ ގަބޫލުކުރެއްވޭނީ ކަނޑައަޅާފައި އޮންނަ ހުދޫދުގެ ތެރޭގަ އެވެ.

އެ ގައުމުގައި އޮންނަނީ ހަދިޔާގެ އަގު 415 ޑޮލަރަށް ނާރާ ނަމަ ބަލައިގަނެވޭނެ ގޮތަށެވެ. އެކަމަކު އެ އަށް ވުރެ މަތި ނަމަ އޮންނަން ޖެހޭނީ ދައުލަތުގެ މިލްކިއްޔާތެއްގެ ގޮތުގައި ލިސްޓް ކުރެވި، ތަފުސީލު ފެންނަ ގޮތަށް ނޭޝަނަލް އާކައިވްސްގަ އެވެ. ގިފްޓް އޮފީހުން ބަލަހައްޓާ ހަދިޔާތައް ލިބުނު ރައީސުންނާއި އޭގެ އަގުތައް ވެސް ހުރީ އާއްމުކޮށްފަ އެވެ.

އެ ހަދިޔާ ލިބިވަޑައިގަންނަވާ ބޭފުޅުންނަށް އެހެން އިހުތިޔާރެއް ދީފައި އޮވެ އެވެ. އެއީ, މާކެޓް ވެލިއުގައި ހަދިޔާ ގަތުމުގެ ފުރުސަތެވެ. އެމެރިކާގެ ހާރިޖީ ވަޒީރު ކަމުގައި ހިލަރީ ކްލިންޓަން ހުންނެވިއިރު، މިއަންމާގެ އިދިކޮޅު ލީޑަރު އަން ސަން ސޫޗީ ދެއްވި ހާރެއް, ގާނޫނުގައި ހަދިޔާ ގަބޫލުކުރައްވަން ކަނޑައަޅާފައި އޮންނަ އަގަށް ވުރެ ބޮޑުވުމުން ޖެހިވަޑައިގަތީ އަމިއްލަ އަށް ބައްލަވައިގަންނަވާށެވެ.

އެމެރިކާގެ ކުރީގެ ރައީސް އޮބާމާގެ ދައުރުގައި އަރަބި ގައުމުތައް ފަދަ ތަންތަނުން ދީފައިވާ އަގު ބޮޑު ހަދިޔާތަކުގެ ތަފުސީލު، ގިފްޓް އޮފީހުން އާއްމުކޮށްފައިވާ އިރު ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ވެރިކަމުގައި ލިބިވަޑައިގަތް އަގު ބޮޑު ހަދިޔާތަކުގެ ތަފުސީލު ނޭނގުން މައްސަލައަކަށް ވެ ތަހުގީގު ވެސް ހިންގި އެވެ.

މިފަދަ އުސޫލަކަށް ގައުމުތަކުން އަމަލުކުރަމުން އަންނަނީ އަގު ބޮޑު ހަދިޔާތައް ހުށަހަޅައިގެން ގައުމުތަކުން ވެސް ފޯރުވާނެ ނުފޫޒަކުން ވެސް ދުރުވެ ތިބުމަށެވެ. އަދި ދާހިލީ ކަންކަމުގައި ވެސް މިފަދަ ކަމަކުން އަސަރު ފޯރިޔަ ނުދިނުމަށެވެ.

ދައުލަތުގެ އިސްވެރިންނަށް މަގާމުގެ ހައިސިއްޔަތުން ނުވަތަ ދެ ގައުމުގެ ގުޅުމުގެ ތެރެއިން ދޭ ހަދިޔާގެ ތަފުސީލުތަކަކީ ރާއްޖޭގައި އެއްވެސް ސަރުކާރަކުން މިހާތަނަށް އާއްމުކުރަމުން އައި ކަމެއް ނޫނެވެ.

ރާއްޖޭގައި ނެތީ ކިތަންމެ އަގު ބޮޑު ހަދިޔާއެއް ލިބުނު ކަމުގައި ވިޔަސް އަމަލުކުރާނެ ގޮތެވެ. މަގާމުގެ ހައިސިއްޔަތުން ބަލައިގަނެވޭނެ އަދި ދައުލަތަށް ރައްދުކުރަން ޖެހޭނެ ހަމައެއް ކަނޑައެޅިފައި ނެތުމެވެ. އެކަން މާ ބޮޑު ކަމަކަށް ވަނީ ކަމަކާ ގުޅުވައި ފާޑުކިއުން އަމާޒުކުރަން ޖެހޭ ފަަހަރުތަކުގައި އެކަންޏެވެ. މި ފަހަރު ވެސް ވީ އެހެންނެވެ.