Roadha Mihaaru
ކޮރަޕްޝަނާ ދެކޮޅަށް ނަތީޖާ ނެރެވޭނެ: ރައީސް އޮފީސް

ކޮރަޕްޝަން ހުއްޓުވުމުގައި އިންގިލާބީ ބަދަލެއް ގެނެވޭނެ: ރައީސް އޮފީސް

27 ސެޕްޓެމްބަރ 2020

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނާ އެކު ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންގިލާބީ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން މިއަދު ދީފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނާ އެކު ސަރުކާރުން ކޮރަޕްޝަނާ ދެކޮޅަށް ކުރާ މަސައްކަތުގައި އިންގިލާބީ ބަދަލެއް އަންނާނެ ކަމުގެ ޔަގީންކަން ރައީސް އޮފީހުން މިއަދު ދީފި އެވެ.

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން އުޅޭ ބިލްތަކުގެ މައުލޫމާތު ހިއްސާކުރަން ފަށައި، އޭގެ ފުރަތަމަ ބިލެއްގެ ގޮތުގައި ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނާ ގުޅޭ ގޮތުން ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް އަހްމަދު އަބްދުﷲ އަފީފް ވިދާޅުވީ އެއީ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ނައްތާލަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތަށް އިންގިލާބީ ބަދަލެއް ގެނުވާނެ ގާނޫނެއް ކަމަށެވެ.

އެ ގާނޫނުގެ ބޭނުމަކީ ދައުލަތުގެ އެކި ނިޒާމްތަކުގައި ހިނގާ ކޮރަޕްޝަނާއި ވައްކަން ފަދަ ނޭދެވޭ އަމަލުތައް ހުއްޓުވަން ކަމާ ބެހޭ އިދާރާތަކަށް ރިޕޯޓް ކުރުމުގެ ނިޒާމެއް ގާއިމްކޮށްދިނުމެވެ.

އެންމެ މުހިއްމު ކަމަކީ، އަފީފް ވިދާޅުވި ގޮތުގައި، ކޮރަޕްޝަން ރިޕޯޓްކުރާ މީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމެވެ. މައްސަލަތައް އަވަހަށް ތަހުގީގުކޮށް ފިޔަވަޅު އެޅޭނެ ނިޒާމެއް ގާއިމްކުރުމަކީ ވެސް އެ ގާނޫނުގެ އެއް ބޭނުން ކަމަށް އޭނާ ވިދާޅުވި އެވެ.

ގާނޫނުން ފިޔަވަޅު އެޅޭ އަމަލުތަކުގެ ތެރޭގައި ގާނޫނީ ޒިންމާ އަދާނުކުރުމާއި އިންސާނީ ހައްގަކާ ޚިލާފު އަމަލުތަކާއި ބައިނަލްއަގުވާމީ އިންސާނިއްޔަތު ކަމުގެ ގާނޫނަކާ ޚިލާފު ކަމެއް ކުރުމާއި ކޮރަޕްޝަން ފަދަ އަމުތައް ހިމެނެ އެވެ.

"ކޮންމެ މީހަކަށް ވެސް އެނގޭނެ ވަޒީފާގެ މާހައުލުގައި ނުވަތަ ތިމާ ވަޒީފާ އަދާކުރާ ތަނެއްގައި ގޯސް ކަމެއް، ނުރަނގަޅު ކަމެއް ހިނގާ ނަމަ އެ ކަންކަން. އެފަދަ ކަމެއް ހިނގާފާނެ ކަމަށް ގަބޫލުކުރެވޭ ކަމަށް ވަންޏާ ލަސްނުކޮށް ރިޕޯޓް ކުރެވޭނެ ވާހަކަ،" އަހްމަދު ވިދާޅުވި އެވެ.

"އެއް ގޮތަކަށް ވެސް މާ ގިނަ ޑޮކިއުމެންޓްސް ހޯދާކަށް ނުޖެހޭނެ، ހެއްކެއް ހޯދާކަށް ނުޖެހޭނެ. ހަމައެކަނި ތިމާއަށް ގަބޫކުރެވެންވީ މިތަނުގައި މި ހިނގަނީ، ހިނގަން އުޅެނީ ނޭދެވޭ އަމަލެއް ކަމަށް. އެ ހިސާބުން އެ އޮތީ ފުދިފައި."

ވަޒީފާގައި އުޅެމުން އެ ތަނެއްގެ އިސް ވެރިޔާގެ މައްޗަށް ކުރެވޭ ތުހުމަތުތައް ރިޕޯޓްކުރިއަސް އެ ރިޕޯޓްކުރާ މުވައްޒަފަކާ ދެކޮޅަށް ފިޔަވަޅު އެޅުން މި ގާނޫނުން މަނާކުރެ އެވެ. މައްސަލަ ރިޕޯޓްކުރާ މީހާއަށް މި ގާނޫނުގެ ދަށުން ރައްކާތެރިކަމާއި ހިމާޔަތް ވެސް ލިބޭނެ ކަމަށް އަހުމަދު އަބްދުﷲ އަފީފް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޮފީހެއްގައި ކޮރަޕްޝަންގެ އަމަލެއް ހިންގާއިރު، އެކަމުގައި ބައިވެރިވާން މުވައްޒަފަށް އަމުރުކުރުން ވެސް، އާ ގާނޫނާ އެކު ނިމުމަކަށް އަންނާނެ ކަމަށެވެ. އެފަދަ އަމުރަށް ތަބާނުވެގެން އޮފީހުން އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯންނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"މުވައްޒަފަކަށް ފިޔަވަޅު އަޅައިފިއްޔާ އެކަން ރުޖޫއުކުރެވޭނެ، އަދި ފިޔަވަޅު ނޭޅުމުގެ އަމުރުތައް ވެސް ކަމާ ބެހޭ އިދާރާތަކަށް ނެރެވޭނެ،" އޭނާ ވިދާޅުވި އެވެ.

އެ ގާނޫނުގެ ދަށުން ހުށަހަޅާ މައްސަލަަތައް 21 ދުވަހުގެ ތެރޭގައި ނިންމަން ޖެހެ އެވެ. ގިނަ ދުވަސް ބޭނުންވާ މައްސަލައެއް ނަމަ ވެސް 30 ދުވަހުގެ ތެރޭގައި ނިންމަން ގާނޫނުން ލާޒިމްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މި ގާނޫނުން އުފައްދާފައި މިއޮތީ ކޮރަޕްޝަންގެ މައްސަލަތައް ހުއްޓުވުމަށްޓަކައި މިފަދަ ޝަކުވާތަކާ މެދު ނަތީޖާ ނެރެވޭނޭ ނިޒާމެއް ގާއިމްކޮށްދީފައި،" އަހްމަދު ވިދާޅުވި އެވެ.

ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ގާނޫނަކުން ނަތީޖާ ނެރެދޭނެ ކަމަށް ރައީސް އޮފީހުން ބުނިއިރު، މި ސަރުކާރުން ވަނީ ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް ސިޔާސަތެއް ކަނޑައަޅައި އިއުލާން ވެސް ކޮށްފަ އެވެ. އެއާއެކު ވެސް މިނިސްޓްރީތަކާއި އެކި އިދާރާތަކުން ކުރާ މަސައްކަތުގައި ހިނގާ ކޮރަޕްޝަންގެ މައްސަލަތައް ފެންމަތިވެ އޭސީސީއަށް ދަނީ ހުށަހަޅަމުންނެވެ. އެކަމަކު މައްސަލަތައް އެތަނުގައި ލަސްވުމުގެ ޝަކުވާ ބޮޑެވެ.

އޭސީސީން ބުނެފައި ވަނީ، އާ މެމްބަރުން ހަވާލުވިއިރު ވެސް އެތައް މައްސަލައެއް ފުނިޖެހިފައިވާއިރު، ވަސީލަތްތަކުގެ ދަތިކަމަކީ މައްސަލަތައް ބެލުން ލަސްވާ ސަބަބެއް ކަމަށެވެ.