Roadha Mihaaru
އޭސީސީއަށް އައްޔަންކުރަން ނަންތަކެއް އަދިވެސް ނުފޮނުވާ!

ގާނޫނީ ހުސްކަމެއްގައި އޮތް އޭސީސީއަށް މެމްބަރުން އައްޔަންކުރަން އަދިވެސް ނުފޮނުވާ!

20 ފެބުރުއަރީ 2022

ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މަސައްކަތް ނުކުރެވި ގާނޫނީ ހުސްކަމަކަށް ދިޔަތާ ދެ މަސް ވެފައިވިޔަސް އަދިވެސް މެމްބަރުން އައްޔަންކުރަން މަޖިލީހަކަށް ނުފޮނުވަ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ހިޔާނާތުގެ މައްސަލަތައް ބެލުމުގެ ޒިންމާ އޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް މަސައްކަތް ނުކުރެވި ގާނޫނީ ހުސްކަމަކަށް ދިޔަތާ ދެ މަސް ވެފައިވިޔަސް އަދިވެސް މެމްބަރުން އައްޔަންކުރަން މަޖިލީހަކަށް ނުފޮނުވަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ޗުއްޓީ ތެރޭގައި ޖަލްސާ ބާއްވައި މެމްބަރުން ވަކިކުރުމުގެ މަސައްކަތް ފެށުމުން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ތިން މެމްބަރުން އިސްތިއުފާ ދެއްވީ އެވެ. އޭގެ ކުރިން އަމިއްލަ ސަބަބުތަކަކަށްޓަކައި ދެ މެމްބަރަކު ވަނީ ވަކިވެވަޑައިގެންފަ އެވެ.

އެ ކޮމިޝަނަށް ކުރިމަތިލާން ދެ ފަހަރެއްގެ މަތިން ހުޅުވާލައި މުއްދަތު ހަމަވީ މިިދިޔަ މަހުގެ 31 ގަ އެވެ. ކޮމިޝަނަށް ދެ މަސް ތެރޭގައި މެމްބަރުން އައްޔަންކުރަން ޖެހޭ ކަމަށް ގާނޫނުގައި އޮންނަ އިރު އެ މުއްދަތު ވެސް މިހާރު ވަނީ ހަމަވެފަ އެވެ.

އޭސީސީގެ މެމްބަރު ކަމަށް 30 އަށް ވުރެން ގިނަ މީހުން ކުރިމަތިލި އެވެ. އެކަމަކު ރައީސް އޮފީހުން ލިސްޓު އެކުލަވާލައި މިހާތަނަށް ހަމައަށް މަޖިލީހަށް ނުފޮނުވާ ކަން މެމްބަރުން ކަށަވަރު ކޮށްދެއްވި އެވެ.

މަޖިލިސް މި ދައުރު މި މަހުގެ ތިން ވަނަ ދުވަހު ފަށާފައިވާ އިރު ވެސް ނަންތައް ނުފޮނުވި ލަސްވުމަކީ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައެއް މެމްބަރުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ.

އޭސީސީއަށް އައްޔަންކުރަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ފެނިވަޑައިގަންނަވާ ތަރުތީބަކުން ނަންތައް ފޮނުވާނެ ތާރީހެއް ރައީސް އޮފީހުން އަދި ނުބުނެ އެވެ. އެކަމަކު އެކަން ހިނގަމުން އަންނަ ކަމަށް ކުރިން ބުނެފައިވެ އެވެ.

މި ވެރިކަމުގައި އޭސީސީ އަށް އައްޔަންކުރި މެމްބަރުން އިސްތިއުފާ ދެއްވައި ކޮމިޝަން ގާނޫނީ ހުސް ކަމަކަށް ދިޔައީ މައްސަލަތައް ބެލުމުގައި ލަސްކަމަށް ބުނެ ވަކިކުރަން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ނިންމުމުންނެވެ. ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ފޮނުވައި އެ ނިންމުން ފާސްކުރުމުގެ ކުރިން މެމްބަރުން އިސްތިއުފާ ދެއްވީ އެވެ.

ކުރީގެ ސަރުކާރުގައި ނޫފޫޒުގެ ދަށުވެފައިވާ ކަަމަށް ތުހުމަތުކުރި މުއައްސަސާ އަށް ފަހުން އައްޔަންކުރި މެމްބަރުންނާ އެކު، އޭސީސީ ނުފޫޒެއްގެ ދަށުނުވެ މަސައްކަތް ކުރަމުން އަންނަނިކޮށް ތުހުމަތުތަކެއް ކުރުމުގެ އެއް ސަބަބަކީ މިނިވަންކަމާ އެކު މަސައްކަތް ކުރާ ތަން ބަލައިނުގަނެވޭ ބަޔަކު ތިބުން ކަމަށް އިސްތިއުފާ ދެއްވި މެމްބަރުން ވަނީ ވިދާޅުވެފަ އެވެ.

އެ މެމްބަރުން ވިދާޅުވެފައިވާ ގޮތުގައި އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުކުރަން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. ތުހުމަތުތަކުގައި ފެންނަން އޮތީ ކޮމިޝަން މިނިވަންކަމާއެކު މަސައްކަތް ކުރަން ހިފެހެއްޓި ސްޓޭންޑާއެކު ނުފޫޒު ނުފޯރުވުމަކީ މައްސަލައަކަށް ވުން ކަަމަށް ވިދާޅުވެފައިވެ އެވެ.

އެކަމަކު މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ބުނެފައިވާ ގޮތުގައި ކޮމިޝަނަށް އެކަށީގެންވާ ސްޕީޑުގައި މައްސަލަތަކެއް ނުބެލެ އެވެ. އެކަން ރަނގަޅު ކުރަން އަންގައި ވަގުތު ވެސް ދިން ކަމަށާއި ފަހުން ހެދި އޮޑިޓް އޮފީހުގެ ރިޕޯޓުން ވެސް ފެންނަން އޮތީ އޭސީސީ އަށް މައްސަލަތައް ނުބެލޭ ކަން ކަމަށް ކޮމިޓީގެ މެމްބަރުން ވިދާޅުވެ އެވެ.

އެ މެމްބަރުން ވިދާޅުވެފައި ވަނީ ހަވާލުވި އިރު ވެސް ފުނިޖެހިފައި ހުރި މައްސަލަތައް އަވަސްކުރަން އޭސީސީން ބަދަލުތަކެއް ގެނެސްފައިވާނެ ކަަަމަށެވެ. ކޮވިޑުގެ ގެއްލުނު އަހަރާ އެކު އެ ކޮމިޝަނަށް ލިބުނު ކުރު މުއްދަތެއްގެ ތެރޭގައި މައްސަލަތައް ބެލި ކަމަށާއި އެކަމަކު އެންމެ އެދެވޭ ބާރު މިނުގައި މައްސަލަތައް ނުނިމުނީ އިންވެސްޓިގޭޓަރުން ނެތުމުން ކަން އޭސީސީން ފާހަގަކޮށްފައިވެ އެވެ.