Roadha Mihaaru
އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކަ: ސަރުކާރު

އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކަ، ހުރި އެއްޗެއް ދައްކަވާ: ސަރުކާރު

21 ސެޕްޓެމްބަރ 2021

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކައެއް ކަމަށާއި އޭނާ އެ ވިދާޅުވާ ފަދަ ހެކިތަކެއް ހުރިއްޔާ އެ ހެއްކެއް އާންމު ކުރައްވަން ސަރުކާރުން މިއަދު އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ނެންގެވި ކަމަށް ތުހުމަތު ކުރައްވައި، ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދައްކަވަނީ ތޯތޯ ވާހަކައެއް ކަމަށާއި އޭނާ އެ ވިދާޅުވާ ފަދަ ހެކިތަކެއް ހުރިއްޔާ އެ ހެއްކެއް އާންމު ކުރައްވަން ސަރުކާރުން މިއަދު އެދިއްޖެ އެވެ.

ޖިންސީގޯނާ އާއި ރޭޕްގެ ތުހުމަތުގައި ދަައުވާ އުފުލާފައި ވަނިކޮށް، އިނގިރޭސި ވިލާތަށް ވަޑައިގެން އެތައް ދުވަހެއް ވަންދެން އުޅުއްވުމަށް ފަހު، ރޭ ބޭއްވެވި ވާޗުއަލް މީޑިއާ ބްރީފިންގައި އަލީ ތުހުމަތު ކުރެއްވި ގޮތުގައި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސް ނެންގެވި އެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގުރޫޕްގެ ލީޑަރުގެ މަގާމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުންނެވި ދުވަސްވަރު، ދަބަހެއްގައި އެ ފައިސާ ގެންދަވާ މަންޒަރު ފެންނަ ވީޑިއޯ ފުޓޭޖް ހުންނާނެ ކަމަށް ވެސް އަލީ ވިދާޅުވި އެވެ.

އެ ތުހުމަތުތަކާ ގުޅިގެން، ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "މިހާރު" އަށް ވިދާޅުވީ އަލީ ދައްކަވަނީ ތޯތޯ ވާހަކަތަކެއް ކަމަށާއި އެކަމަށް ރައީސް ކުރިން ވެސް ޖަވާބު ދެއްވާފައިވާ ކަމަށެވެ.

ރައީސް އޮފީހުގައި ކުރިން ބޭއްވި މީޑިއާ ބްރީފިންއެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެފައި ވަނީ އެ މަނިކުފާނު ކޮމްޕްރޮމައިޒްވާ ފަދަ އެއްވެސް އެއްޗެއް ނުހުންނާނެ ކަމަށާއި ހުރި ކަމަށް ވިދާޅުވާ ބޭފުޅުން އެ އެއްޗެއް އާއްމު ކުރަންވީ ކަމަށެވެ.

"އަލީ ވަހީދު އެ ދައްކަވަނީ ތޯތޯ ވާހަކަތަކެއް. ރައީސް ކޮމްޕްރޮމައިޒް ވާ ފަދަ ހެކިތަކެއް އަލީ ވަހީދުގެ އަތުގައި ހުރިކަމަށް ކުރިން ދެއްކި ވާހަކައާ ގުޅިގެން ވެސް ވަނީ އެ މަނިކުފާނު ޖަވާބު ދެއްވާފައި. އެފަދަ އެއްޗެއް ހުރިއްޔާ ދައްކަވާށޭ އޭރު ވެސް ވިދާޅުވި،" މަބްރޫކް ވިދާޅުވި އެވެ.

"މިއަދު ވެސް ބުނަން އޮތް ވާހަކައަކީ އެ ވިދާޅުވާ އެއްޗެއް އޮތިއްޔާ އަވަހަށް ދައްކަވާށޭ. ދިވެހި ރައްޔިތުންނަށް ހަގީގަތް ޔަގީން ވާނީ އޭރުން."

އަލީ ރޭ ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، ތަފުސީލަށް ވަޑައިގެން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ވީޑިއޯ ފުލުހުންގެ އިދާރާގައި ވެސް ހުންނާނެ ކަމަށެވެ.

އަލީ ވަހީދު ރޭ ކުރެއްވި ތުހުމަތުތަކާ ގުޅިގެން އެ މައްސަލަ ތަހުގީގުކުރަން ގޮވާލައި ރައްްޔިތުންގެ މަޖިލީހަށް ކުއްލި މައްސަަލައެއް ހުށަހަޅަން އިދިކޮޅުން މިއަދު މަސައްކަތް ކުރި އެވެ. ނަމަވެސް މަޖިލީހުގެ ސެކްރެޓޭރިއަޓުން އެ މައްސަލަ ބަލައެއް ނުގަނެ އެވެ.