Roadha Mihaaru

ރެހެންދި ފްލެޓުގެ ފުޓޭޖް ނަގާފައި އޮތީ 2015 ގައި، ރައީސްގެ ވީޑިއޯއެއް ނުދެކެން: ޕޮލިސް ކޮމިޝަނަރު

21 ސެޕްޓެމްބަރ 2021

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރައި ރެހެންދި ފްލެޓް ފަދަ އިމާރާތްތަކުގެ ފުޓޭޖް ފުލުހުން ނަގާފައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގައި ކަމަށާއި ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުލި ފުޓޭޖް ހުރި ނަމަ އެކަމެއް އޮންނަން ވާނީ ތަހުގީގު ކޮށްފައި ކަމަށް ގަބޫލުކުރައްވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެމްއެމްޕީއާރުސީގެ ހިޔާނާތް ފަޅާއަރައި ރެހެންދި ފްލެޓް ފަދަ އިމާރާތްތަކުގެ ފުޓޭޖް ފުލުހުން ނަގާފައި އޮތީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި 2015 ގައި ކަމަށާއި ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުލި ފުޓޭޖް ހުރި ނަމަ އެކަމެއް އޮންނަން ވާނީ ތަހުގީގު ކޮށްފައި ކަމަށް ގަބޫލުކުރައްވާ ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ވިދާޅުވެއްޖެ އެވެ.

ޖިންސީ ގޯނާގެ މައްސަލައިގައި ޝަރީއަތް ހިނގަނިކޮށް ކޯޓުތަކަށް ފިއްލަވައިގެން ބޭރުގައި ހުންނެވި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރޭ ވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އިދިކޮޅު ފަރާތްތަކުން ކުރިން ކޮށްފައިވާ ތުހުމަތު ތަކުރާރު ކުރައްވައިފަ އެވެ.

އޭނާ ފްރޭމްކުރީ ކަމަށް ވިދާޅުވެ ދިފާއުގައި އެކި ބޭފުޅުންނަށް ތުހުމަތުގެ އިނގިލި ދިއްކުރައްވަމުން ވިދާޅުވީ ހިޔާނާތުން އެމްޑީޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުންނަށް މަންފާވި ކަމަށެވެ. މި ވާހަކަ ތަފްސީލު ކޮށްދެއްވަމުން ފަހުން ތުހުމަތު ކުރެއްވި ގޮތުގައި މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ހިމެނިވަޑައިގަންނަވަ އެވެ. އޭގެ ވީޑިއޯ ފުލުހުންގެ މުއައްސަސާގައި ހުންނާނެ ކަމަށް ވިދާޅުވި އެވެ.

ރައީސަށް 35 މިލިއަން ރުފިޔާ ލިބުނު ކަމަަށް އަލީ ވަހީދުގެ ތުހުމަތާ ގުޅިގެން "މިހާރު" އިން ސުވާލު ކުރުމުން ޕޮލިސް ކޮމިޝަނަރު މިއަދު ވިދާޅުވީ އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅުން ހުރި ފުޓޭޖް ފުލުހުންގެ މުއައްސަސާ އިން ނެގީ 2015 ގައި ކަމަށެވެ. މި ތަހުގީގަކީ ގުޅިގެން ހިންގާ ތަހުގީގަކަށް ވާތީ ހެއްކާއި ގަރީނާ ހޯދައި ކަންކަން ބެލުމުގެ އިހްތިސާސް ވެސް އޮންނާނެ ކަމަށް ވިދާޅުވި އެވެ.

އެފަދަ ތުހުމަތެއް ކުރިން އަމާޒު ކުރުމުން އެންޓި ކޮރަޕްޝަން ކޮމިޝަނުން ވެސް ތަހުގީގު ކުރި ކަން ކޮމިޝަނާ ފާހަގަކުރެއްވި އެވެ.

އޭސީސީން އެ މައްސަލަ ނިންމައި އާއްމުކުރި ރިޕޯޓުގައި ބުނެފައި ވަނީ ޕީޕީއެމްގެ އިސް ބޭފުޅުންތަކެއް އެ ވާހަކަ ދެއްކެވީ ހެއްކެއް ހުރެގެން ނޫން ކަަމަށާއި ސިޔާސީ ގޮތުން ކަމަށް ތަހުގީގުގައި ސުވާލުކުރުމުން ވިދާޅުވެފައިވާ ކަމަށެވެ.

ޕޮލިސް ކޮމިޝަނަރު ވިދާޅުވި ގޮތުގައި އަލީ ވަހީދު ތުހުމަތު ކުރެއްވި ފަދަ ވީޑިއޯއެއް ހިޔާނާތުގެ ތަހުގީގައި މިހާތަނަށް ފެނިވަޑައިގެންފައެއް ނުވެ އެވެ.

"ދެހާސް ފަނަރަ ވަނަ އަހަރު ފެށި އެ ތަހުގީގާ ގުޅުން ހުރި އެކި އިމާރާތްތަކުގެ ސީސީޓީވީ ފުޓޭޖްއާ އެއްޗެހި ނަގާފައި ވާނީ. އެހެންވެއްޖިއްޔާ އެ ފާހަގަކުރައްވާ ތަނެއްގައި ހަރުކުރެވިފައިވާ ކެމެރާއެއްގައި ރެކޯޑު ކުރެވިފައި ހުރި ފުޓޭޖް އޭރު ހުންނާނީ ނަގާފައި. 2018 ވަނަ އަހަރު ތަހުގީގު ކުރަން އެ ފުޓޭޖެއް ނުހުންނާނެ ހަމަގައިމު ވެސް،" ހަމީދު ވިދާޅުވި އެވެ.

"އޭރު ނަގާފައި ހުރި އެއްޗެހީގެ މައްޗަށް އޭރު ތަހުގީގު ކޮށްފައޭ ހުންނާނީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި. ހާއްސަކޮށް އެ ވިދާޅުވާ ފަދަ ބޭބޭފުޅުންގެ މަންފާ އަށް ފޮށިތަކެއް ހިފައިގެން ހަރަކާތްތެރިވާ ފަދަ މަންޒަރެއް އޭރުގެ ފުލުހުންގެ ހިދުމަތުގެ ލީޑަޝިޕަށް ފެންނަން ހުރި ނަމަ ތަހުގީގު ހިންގާފައި ވާނީ."

ހަމީދު ވިދާޅުވި ގޮތުގައި ހިޔާނާތުގެ ތަހުގީގަކީ މުއައްސަސާތައް ގުޅިގެން ހިންގާ ތަހުގީގަށް ވާތީ އެއާ ގުޅުން ހުރި ހުރިހާ ކަމެއް ބެލުމުގެ އިހުތިސާސް ކޮންމެ މުއައްސަސާއަކަށް ވެސް އޮވެ އެވެ. އެކަމަށް އެއްވެސް ހުރަހެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދުގެ ތުހުމަތުތައް ސަރުކާރުން ވެސް ވަނީ ދޮގުކޮށްފަ އެވެ.

ރައީސް އޮފީހުން ބުނިގޮތުގައި އޭނާ ދެއްކެވި ވާހަކައަކީ ހަގީގަތެއް ނެތް ތޯތޯ ވާހަކައެކެވެ.