Roadha Mihaaru
މަހްލޫފްގެ ތަހުގީގުގައި ގޯހެއް އޮތްތޯ ބަލަންް އެދިއްޖެ

މަހްލޫފުގެ ތަހުގީގުގައި މައްސަލަތަކެއް ހުރިކަމަށް އެސެޓް ރިކަވަރީ ކޮމިޝަނަށްް އަންގައިފި

24 އޯގަސްޓް 2021

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލައިގައި އެސްއޯއެފް ކުންފުނީގެ ސްރީ ލަންކާ އެކައުންޓެންޓުގެ ބަޔާން ނެގުމުގައި މައްސަލަތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނުމުން އެކަން ބަލައިދޭން ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނުގައި އެދިއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފަށް ތުހުމަތުކުރާ ކޮރަޕްޝަނުގެ މައްސަލައިގައި އެސްއޯއެފް ކުންފުނީގެ ސްރީ ލަންކާ އެކައުންޓެންޓުގެ ބަޔާން ނެގުމުގައި މައްސަލަތަކެއް ހުރި ކަމަށް ފޮރިން މިނިސްޓްރީން ބުނުމުން އެކަން ބަލައިދޭން ރައީސް އޮފީހުން އެސެޓް ރިކަވަރީ ކޮމިޝަނުގައި އެދިއްޖެ އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް "މިހާރު" އަށް މިރޭ ވިދާޅުވީ މަހްލޫފްގެ މައްސަލައިގައި ބަޔާން ނެގުމުގައި "އިރެގިއުލަރިޓީސް" ހުރި ކަމަށް ރައީސް އޮފީހަށް އެންގީ ފޮރިން މިނިސްޓްރީން ފޮނުވި ސިޓީއެއްގައި ކަމަށެވެ. އެހެންވެ އެ ސިޓީ އޮތް ގޮތަށް އެސެޓް ރިކަވަރީ ކޮމިޝަނަށް ރައީސް އޮފީހުން ފޮނުވި ކަމަށާއި، އެއާ އެކު ރައީސް އޮފީހުން ވެސް ކޮމިޝަނަށް އިތުރު ސިޓީއެއް ފޮނުވި ކަމަށެވެ.

"އެ ސިޓީގައި ފޮރިން މިނިސްޓްރީގެ ސިޓީއާ ހަވާލާދީ އެދިފައި ވާނީ، އިރެގިއުލަރިޓީސް ހުރިކަމަށް ބުނާ މައްސަލަ ބަލަައިދޭން،" މަބްރޫކް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވި ސިޓީގެ ތަފްސީލެއް އަދި ނުލިބެ އެވެ. ރައީސް އޮފީހުން އެފަދަ ސިޓީއެއް ފޮނުވިތޯ ކޮމިޝަންގެ ރައީސް އަހުމަދު އައްސަދާ ސުވާލުކުރުމުން އޭނާ ވިދާޅުވީ އެހެން އިދާރާތަކާ ދެމެދު ހިނގާ މުއާމަލާތްތަކުގެ މައުލޫމާތު އާއްމުކުރުމަކީ ކޮމިޝަނުންކުރާ ކަމެއް ނޫން ކަމަށެވެ.

މަހްލޫފްގެ މައްސަލަައިގެ ތަހުގީގާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ރައީސް އޮފީހަށް ފޮނުވި ސިޓީއާ ބެހޭ ގޮތުން އެ މިނިސްޓްރީން ވަކި އެއްޗެއް ނުބުނެ އެވެ.

ލަންކާ އެކައުންޓެންޓްގެ ބަޔާން ނެގި ގޮތާ ބެހޭ ގޮތުން ފޮރިން މިނިސްޓްރީން ރައީސް އޮފީހަށް އެސިޓީ ފޮނުވީ އެކަން ބަލައިދޭން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އެދިވަޑައިގެންނެވުމުންނެވެ. ފޮރިން މިނިސްޓްރީ މެދުވެރިކޮށް އެކަން ބަލަން ރައީސް އެދިވަޑައިގެންނެވީ މަހްލޫފް ރައީސަށް ފޮނުއްވި ސިޓީއެއްގައި ކުރެއްވި ޝަކުވާއަކާ ގުޅިގެންނެވެ.

އޭސީސީން މަހްލޫފުގެ މައްސަލައިގައި ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވާފައި ވިޔަސް އެ މައްސަލައިގެ ތަހުގީގު އިތުރަށް ފުރިހަމަ ކުރުމަށް ޕީޖީން ވަނީ އަނބުރާ އޭސީސީ އަށް ފޮނުވައިފަ އެވެ. މިހާރު އެ މައްސަލަ އޮތީ އޭސީސީގެ ތަހުގީގުގެ އެންމެ ފަހު މަރުހަލައިގަ އެވެ.

މައްސަލައިގެ ތެރެއަށް ނުފޫޒު ގަދަ ސިޔާސީ ބަޔަކު ވަދެފައިވާ ކަމަށް ތުހުމަތު ކުރައްވައި މީގެ ކުރިން މަހުލޫފު ވިދާޅުވެފައި ވަނީ އޭނާ އަކީ ސިޔާސީ ގޮތުން "ކަތިލާ ކަންބަޅިއެއް" ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން މަހުލޫފަށް ލިބުނު ކަމަށް އޭސީސީން ތުހުމަތު ކުރަނީ 33،000 ޑޮލަރެވެ. އޭސީސީން ބުނެފައި ވަނީ އެ ފައިސާ އަކީ މަހުލޫފު ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު، ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި އަދީބު ދެއްވި ފައިސާ ކަމަށެވެ. ނަމަވެސް އޭނާ ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކޮށްގެން ޖަމާ ކުރި ފައިސާ ކަމަށެވެ.