Roadha Mihaaru
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟

މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟

02 މާޗް 2022

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ދައުވާއަކީ އެތައް ބައެއް ލޯ އަމާޒުވި މައްސަލަ އެކެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވައުދު އޮތް މި ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ފުރަތަމަ ފަހަރަށް އަދި ފަހުގެ ތާރީހެއްގައި މަގާމުގައި ހުންނެވި ވަޒީރެއްގެ މައްޗަށް ދައުވާކުރި މައްސަލަ އަށް ވާތީ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ދައުވާއަކީ އެތައް ބައެއް ލޯ އަމާޒުވި މައްސަލަ އެކެވެ. ކޮރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރުމުގެ ވައުދު އޮތް މި ސަރުކާރުގެ ވަޒީރެއްގެ މައްޗަށް ފުރަތަމަ ފަހަރަށް އަދި ފަހުގެ ތާރީހެއްގައި މަގާމުގައި ހުންނެވި ވަޒީރެއްގެ މައްޗަށް ދައުވާކުރި މައްސަލަ އަށް ވާތީ އެވެ.

ރައްޔިތުންގެ މަޖިލިސް މެމްބަރަކަށް ހުންނަވައިގެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ރިޝްވަތު ނެގުމުގެ ތުހުމަތުގައި މަހްލޫފްގެ މައްޗަށް ކުރި އެ ދައުވާ ކުރިއަށް ގެންދެވޭ ފަދަ އެއްވެސް ހެއްކެއް ނެތް ކަމަށް ނިންމައި، ކްރިމިނަލް ކޯޓުން އިއްޔެ އެ މައްސަލަ ބޭރުކޮށްލީ އިބްތިދާއީ މަރުހަލާގަ އެވެ.

އިބްތިދާއީ މަރުހަލާގައި މަދަނީ މިންގަނޑުން ހެކި ވަޒަން ކުރަނީ ޝަރީއަތެއް ހިންގަންޖެހޭ ފަދަ މައްސަލައެއްތޯ ބެލުމަށެވެ. މިއީ މިފަދަ މައްސަލައެއް މި މަރުހަލާގައި ބޭރުކޮށްލި ފުރަތަމަ ފަހަރެވެ. މަހްލޫފް ދެ ފަހަރަށް ސަސްޕެންޑްކޮށް އަދި ދެ އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން ހިންގި ތަހުގީގަށްފަހު ކުރި ދައުވާގައި ކޯޓުގެ ނިންމުމަކީ ހެކިތަކަށް "އެންމެ މަތީ މިންވަރަށް ރިއާޔަތްކޮށް، އެ މިންވަރަށް ހެކި ލިބޭނެ ކަމަށް ބެލި ނަމަވެސް" މަހްލޫފްގެ މައްޗަށް ކުށް ސާބިތުވާނެ ފުރުސަތެއް ނެތް ކަމަށެވެ.

އަދިވެސް މައްސަލައަކީ އަދީބު!

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) އާ ގުޅިފައިވާ ހުރިހާ މައްސަލައެއްގައި ދައުލަތް ބަރޯސާވަނީ އެ ޚިޔާނާތުގައި ބައިވެރިވެ، އެކަމުގެ ކުށް ސާބިތުވެފައިވާ އަދީބަށެވެ. އޭނާއާ އެކު ހެދި އިއުތިރާފް އެއްބަސްވުންތަކުގެ ދަށުން ކޯޓުގައި ދައުލަތުގެ މައި ހެއްކަކީ އޭނާ އެވެ.

އަދީބުގެ ހެކިބަހުން މިހާތަނަށް ކޯޓެއްގައި ނަތީޖާއެއް ނުނެރެވި، މައްސަލަތައްވީ ނާކާމިޔާބެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލައަކީ އޭގެ މިސާލެކެވެ. އެ ސިލްސިލާ އަށް އިތުރުވި ދެވަނަ ބޮޅުގައި ޝަރީއަތެއް ވެސް ހިންގަން ނުޖެހި، މަހްލޫފްގެ މައްސަލަ ކޯޓުން ބޭރުވި އެއް ސަބަބަކީ ވެސް އަދީބުގެ ހެކިބަހެވެ.

"އަދީބުގެ ހެކިބަސް އެންމެ ފުރިހަމައަށް ޝަރީއަތަށް ލިބޭނެ ކަމަށް ބެލި ނަމަވެސް މި ވާގިއާ ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ބަލިކަށި ގަރީނާއެއް ވިޔަސް، އަދީބުގެ ހެކިބަހުން ލިބިދާނެ ކަމަކަށް މަދަނީ މިންގަނޑުން ބުރަވެވެން ނެތެވެ."

މަހްލޫފްގެ މައްސަލާގައި އަދީބު ތަހުގީގަށް ބަޔާން ދިނީ އޭނާގެ ދައުލަތާ އެކު ހެދި އެއްބަސްވުމުގެ ދަށުން ކަމަށްވާތީ ކޯޓުގެ ނިންމުމަކީ އޭނާއަކީ މިނިވަންކަމާ އެކު ހެކިބަހެއް ދެވޭނެ ބޭފުޅެއް ނޫން ކަމަށެވެ. ކޯޓުން އެ އިޝާރާތް ކުރަނީ އަދީބަށް ލުއިތަކެއް ދޭން ދައުލަތުން އެއްބަސްވެފައިވާތީ ވަކި ގޮތަކަށް ބަޔާން ދިނުމުގެ ފުރުސަތު އޮތުމުން އެކަމަށެވެ. އަދި އޭނާއަކީ މަހްލޫފަށް ރިޝްވަތު ދިން ކަމަށް ތުހުމަތުވާ އަދި އެ ކުށުގެ އަނެއް ބައިވެރިޔާ ކަމުގެ ތުހުމަތު އޮތުމުން އެގޮތަށް ބެލުމުގެ ފުރުސަތު އިތުރަށް ބޮޑުވެ އެވެ.

"އަދީބަކީ ލާބައެއް ލިބިދާނެ ކަމުގެ އުއްމީދެއް ނެތި އަދި ގެއްލުމެއް ލިބިދާނެ ކަމުގެ ބިރެއް ނެތި މިނިވަންކަމާއި މުސްތަގިއްލު ކަމާއެކު ހެކިބަސް ދެވިދާނެ މީހެއް ކަމަށް ބެލެވެން ނެތެވެ." ގާޒީ މުހައްމަދު މިސްބާހު ނިންމެވި ނިންމުމުގައިވެ އެވެ.

ކްރިމިނަލް ކޯޓް --- ފޮޓޯ/މިހާރު

ކްރިމިނަލް ކޯޓް --- ފޮޓޯ/މިހާރު

މަހްލޫފް ޕީޕީއެމުން ވަކިވި ފަހުން އަދީބާއި މަހްލޫފާ ދެމެދު ޓްވިޓާގައި ހިނގި މުއާމަލާތްތަކަކާއި އޭގެ ރިޕޯޓެއް ދައުލަތުން މަހްލޫފާ ދެކޮޅަށް ހުށަހެޅީ އަދީބުގެ ބަޔާނަށް އިތުރު ބާރެއް ދިނުމަށެވެ. އެހެން ނަމަވެސް އާހިރުގައި އެ ރިޕޯޓް ވީ އަދީބުގެ ހެކިބަސް ބަލައިނުގަތުމަށް ލިބުނު އިތުރު ބާރަކަށެވެ. އެއީ އެ ބޭފުޅުންގެ ޓްވީޓްތަކުގައި ބަދަލުކުރި ބަހުގެ ހަމަލާތަކަށް ބަލާއިރު މަހްލޫފާއި އަދީބު ދެމެދުގައި ދެކޮޅުވެރިކަން އޮތުމުންނެވެ.

"މި ރިޕޯޓުގެ ސަބަބުން މި ދައުވާއަށް އަސަރެއް ކުރާނެ ކަމަށް ބެލެވޭ ނަމަ، މި ދައުވާއަށް ކުރާނެ އަސަރެއްގެ ގޮތުގައި ފެންނަން އޮތީ އަދީބުގެ ހެކިބަސް އިތުރަށް ބަލިކަށިވުމެވެ. އަދީބުގެ ބަހަށް ބުރަދަނެއް ނުދިނުމަށް ލިބޭ ހުއްޖަތަކަށް ވުމެވެ." އެ ނިންމުމުގައި ބުނެފައިވެ އެވެ.

"މެސެޖްތަކުން ބަލިކަށި ގަރީނާއެއްގެ މިންވަރު ވެސް ނުލިބޭ"

މަހްލޫފަށް 33،000 ޑޮލަރު ލިބުނު ކަމާ މެދު އޭނާ ވެސް ދެކޮޅެއް ނުހައްދަވަ އެވެ. އޭނާ ވިދާޅުވަނީ އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށެވެ. ކޯޓުގެ ނިންމުމަކީ ވެސް ވަނީ ފައިސާއެއް ލިބުނުކަން ސާބިތުވާން އެބައޮތް ކަމަށެވެ. އެހެން ނަމަވެސް އެއީ ރިޝްވަތުގެ ފައިސާއެއްކަން ސާބިތު ކުރެވޭނެ ގޮތެއް ނެތް ކަމަށެވެ.

އެސްއޯއެފް މެދުވެރިކޮށް މަހްލޫފަށް ލިބުނީ ރިޝްވަތުގެ ފައިސާ ކަމަށް އަދީބުގެ ބަޔާނުގައި އޮތަސް، އެސްއޯއެފްގެ އޭރުގެ އެއް ވެރިޔާ މުހައްމަދު އައްލާމް ލަތީފް (މޮހޯ) ގެ ބަޔާނުގައި އޮތީ މަހްލޫފް ވިދާޅުވި ފަދައިން އެއީ ޑޮލަރު ވިއްކުމުގެ މުއާމަލާތެއް ކަމަށެވެ. އެހެންވުމުން އަދީބުގެ ބަސް ފިޔަވައި، އޭނާގެ ބަހަށް ބާރު ދޭނެ އިތުރު ހެއްކެއް ނެތް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

"އަދީބުގެ ހެކިބަސް އެންމެ ފުރިހަމައަށް ޝަރީއަތަށް ލިބޭނެ ކަމަށް ބެލި ނަމަވެސް މި ވާގިއާ ސާބިތު ކުރުމަށް ބޭނުން ކުރެވިދާނެ ބަލިކަށި ގަރީނާއެއް ވިޔަސް، އަދީބުގެ ހެކިބަހުން ލިބިދާނެ ކަމަކަށް މަދަނީ މިންގަނޑުން ބުރަވެވެން ނެތެވެ." ނިންމުމުގައިވެ އެވެ.

މަހްލޫފް އަދީބާއި ދެމެދު ކުރި މެސެޖްތަކެއް ތެރެއިން، އޭނާ ކަމަކަށް އެދިފައިވާ މެސެޖެއް އޮވެ އެވެ. އެއީ ކޮން ކަމެއް ކަން މެސެޖަކު ނެތެވެ. އޭގެ ދެ ތިން ދުވަސް ފަހުން، އަދީބަށް ޝުކުރު އަދާކުރުމަށްފަހު "ޑަން" މިހެން ލިޔެފައި އޮތް މެސެޖެއް އަދީބަށް ފޮނުވާފައި އޮތެވެ. ފައިސާގެ ވާހަކައެއް މެސެޖްގައި ނެތެވެ. އަދި މެސެޖް ފޮނުވާފައި އޮތީ ވެސް އެސްއީޒެޑް ބިލްގެ ވޯޓު ނިމުނު ފަހުންނެވެ. އަދީބުގެ ބަހުން އެނގެން އޮތީ ފައިސާ ދިނީ ވޯޓުގެ ކުރިން ކަމަށެވެ.

"ދައުވާލިބޭ މީހަކު ހުށަހަޅާ ދިފާއީ ހެއްކެއް ނަފީކުރަން މަސައްކަތް ކުރަން ޖެހޭނީ ފުރަތަމަ ތުހުމަތުކުރާ ކުށް ސާބިތުކުރަން ބޭނުން ހިފޭނެ އެކަށީގެންވާ ހެކި ހޯދުމަށްފަހު އެވެ. އެހެން ނަމަވެސް މި މައްސަލާގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ."

ދައުލަތުން ބުނާގޮތުން "ރިޝްވަތު ދޭށޭ" ބުނެފައި، މީހަކު ރިޝްވަތެއް ނުހޯދާނެ އެވެ. އެކަން ކުރާނީ އެހެން ނަންނަމުގަ އެވެ. މަހްލޫފް ކަމަކަށް އެދި މެސެޖް ކުރުމާއި އަދި ފަހުން ޝުކުރު އަދާކުރި މެސެޖުން "ކޮންމެވެސް މިންވަރެއްގެ ޝައްކެއް އުފެދޭ" ކަމަށް ކޯޓުން އެއްބަސްވެ އެވެ. އެހެން ނަމަވެސް ފައިސާގެ މުއާމަލާތާ އެ މެސެޖާ އޮތް ގުޅުމެއް ނުދެއްކޭތީ ކޯޓުން ނިންމީ އަދީބުގެ ބަހަށް ބާރު ލިބޭ ފަދަ "ބަލިކަށި ގަރީނާއެއް ވެސް" އެ މެސެޖްތަކުން ނެތް ކަމަށެވެ.

މަދަނީ މިންގަނޑުން ބެލުމަށްފަހު ކޯޓުން މައްސަލަ ބޭރުކޮށްލާ ހާލަތުގައި އާ ހެކި ހޯދައިގެން އަލުން ދައުވާ ކުރުމުގެ ފުރުސަތު ދައުލަތަށް އޮވެ އެވެ. މި މައްސަލާގައި ދައުލަތުން ތިބީ ހައި ކޯޓުގައި އެ ނިންމުން އިސްތިއުނާފް ކުރުމުގެ ވިސްނުމެއްގަ އެވެ. އާންމުކޮށް އަމަލުކުރަނީ ވެސް އެގޮތަށެވެ.

"އަޅުގަނޑުމެންގެ ނިޔަތް އެބައޮތް އިސްތިއުނާފް ކުރަން." ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެހެން ނަމަވެސް ރަސްމީކޮށް އަދި ގޮތެއް ނުނިންމަ އެވެ.

ތަހުގީގުގެ މިސްރާބު ގޯސްވުން

ތަހުގީގުގައި ނުބަލައި ދޫކޮށްލާފައި ހުރި މުހިންމު ކަންތައްތަކެއް ފާހަގަ ކުރުމާ އެކު، ކޯޓުގެ ނިންމުމުގައިވަނީ ހެކި ނެތުމުގެ އިތުރަށް މުޅި ތަހުގީގުގެ މިސްރާބު ވެސް ގޯސް ކަމަށެވެ. މަހްލޫފްގެ މައްޗަށް ހެކި ހޯދުމަށް ވުރެ ބޮޑަށް ތަހުގީގުގައި މަސައްކަތް ކޮށްފައި އޮތީ އޭނާގެ ދިފާއުގައި ހުށަހެޅި ހެކިތަކުގެ ސައްހަކަމާ މެދު ސުވާލު އުފެއްދުމަށް ކަމަށެވެ.

"ދައުވާލިބޭ މީހަކު ހުށަހަޅާ ދިފާއީ ހެއްކެއް ނަފީކުރަން މަސައްކަތް ކުރަން ޖެހޭނީ ފުރަތަމަ ތުހުމަތުކުރާ ކުށް ސާބިތުކުރަން ބޭނުން ހިފޭނެ އެކަށީގެންވާ ހެކި ހޯދުމަށްފަހު އެވެ. އެހެން ނަމަވެސް މި މައްސަލާގައި އެކަން އޮތީ އެގޮތަކަށް ނޫނެވެ." އެ ނިންމުމުގައިވެ އެވެ.

ތަހުގީގާ ކޯޓުން ފާހަގަކުރި އެއް މައްސަލައަކީ މަހްލޫފަށް ރިޝްވަތު ދިނީ އެސްއޯއެފް މެދުވެރިކޮށް ކަމަށް ތަހުގީގުން ނިންމުމުގައި އަދީބު ބުނި ބުނުމަކަށް އެކަނި ބަލާފައި އޮތުމެވެ. އަދި އެސްއޯއެފް މެދުވެރިކޮށް ފައިސާ ދިނީ ކޮން ތަނެއްގައި އަދި ކިހިނެތް ކަމެއް ހޯދިފައެއް ނެތެވެ. އަދި މަހްލޫފަށް ފައިސާ ދިނީ މަޖިލީހުގެ ވޯޓުތަކަށް ނުފޫޒު ފޯރުވަން މެމްބަރުންނަށް އާންމުކޮށް ފައިސާ ބެހި ރޭޓުން ކަމަށް އަދީބު ބުނާ ބުނުން ވެސް އިތުރަށް ކަށަވަރުވާނެ ގޮތެއް ނެތް ކަމަށް ކޯޓުގެ ނިންމުމުގައިވެ އެވެ.

ހަމައެހެންމެ، ތަހުގީގުގައި ނިންމާފައިވަނީ މަހްލޫފަށް ރިޝްވަތުގެ ފައިސާ ދިނީ އެސްއީޒެޑް ބިލްގެ ވޯޓު ނެގުމުގެ ކުރިން ކަމަށެވެ. އެކަމަކު ދައުލަތުން ހުށަހެޅި މެސެޖްތަކަކީ އެ ވޯޓުގެ ފަހުން ކޮށްފައިވާ މެސެޖްތަކަކަށް ވާއިރު، އެ ފުށުއެރުން އައި ގޮތެއް ތަހުގީގުން ބަލާފައި ނެތުމަކީ އަނެއް މައްސަލަ އެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން މިގޮތަށް އަޔަސް، ހައި ކޯޓަށް މައްސަލަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ބޮޑެވެ. ހައި ކޯޓުން އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިފި ނަމަ، އަނެއްކާވެސް މައްސަލަ އަންނާނީ ކްރިމިނަލް ކޯޓަށެވެ.