17 މާޗް 2022
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތުކުރަން ހުށަހެޅި ވައިބަ މެސެޖްތަކަކާ ބެހޭގޮތުން ހައި ކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.
ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރާ ރިޝްވަތުގެ ދައުވާ ސާބިތުކުރަން ހުށަހެޅި ވައިބަ މެސެޖްތަކަކާ ބެހޭގޮތުން ހައި ކޯޓުގެ ފަނޑިޔާރުންގެ ސުވާލުތައް ދައުލަތަށް މިއަދު އަމާޒުވެއްޖެ އެވެ.
މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ގެ ބިލަށް ވޯޓު ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އަތުން ރިޝްވަތުގެ ގޮތުގައި 33،000 ޑޮލަރު ނެންގެވި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން އެ މައްސަލަ ބޭރުކޮށްލީ ހެކިތަކަށް މަދަނީ މިންގަނޑުން ބަލާއިރު އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން، އަޑުއެހުންތައް ހައި ކޯޓުން ނިންމާލައި، ދެން އޮންނާނީ ހުކުމް އިއްވުން ކަމަށް ކުރިން އޮތީ އިއުލާންކޮށްފަ އެވެ. އެކަމަކު މިއަދު ބޭއްވީ އިތުރު ބައެއް ކަންކަން ސާފު ކުރުމަށެވެ.
އެގޮތުން ވައިބަ ޗެޓް ލޮގެއް ހެކީގެ ގޮތުގައި ދައުލަތުން ހުށަހަޅާފައި އޮތީ ކޮން ކަމެއް ސާބިތުކުރަން ތޯ އާއި އެ ހެކި ދަށު ކޯޓަށް ހުށަހެޅިންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ ވައިބަ ޗެޓް ލޮގަކީ އެ މައްސަލައިގައި ހުށަހެޅި މޮބައިލް ފޮރެންސިކް ރިޕޯޓުގެ ބައެއް ކަމަށެވެ.
ދައުލަތުން ބުނިގޮތުގައި އެ ވައިބަ މެސެޖްތަކުން ސާބިތުކޮށްދޭން ބޭނުންވަނީ މަހްލޫފް އޭރު ޕީޕީއެމްގެ މެމްބަރަކަށް ހުންނެވިޔަސް އެސްއީޒެޑްގެ ބިލަށް ވޯޓު ދޭން ރިޝްވަތު ނެންގެވި ކަމެވެ.
އެކަމަކު މަހްލޫފްގެ ވަކީލް ނޫރުއްސަލާމް އަބޫބަކުރު ވިދާޅުވީ، ވައިބާ ޗެޓް ލޮގަކީ ދައުލަތުން ހުށަހެޅި ހެއްކެއް ނޫން ކަމަށެވެ. އަދި މަހްލޫފް ރިޝްވަތު ނެންގެވީ އެސްއީޒެޑް ބިލްގެ ވޯޓުގެ މުގާބިލްގައި ކަން ސާބިތުކުރަން ދައުލަތުން ދެއްކީ މޮބައިލް ފޮރެންސިކް ރިޕޯޓެއްގެ ވާހަކައަށް އެކަނި ކަމަށް ނޫރު ވިދާޅުވި އެވެ. މިހާތަނަށް ދައުލަތުން ދައްކަމުން ދިޔައީ އެސްއެމްއެސް މެސެޖްތަކެއްގެ ވާހަކަތަކެއް ވެސް ކަމަށް އޭނާ ވިދާޅުވި އެވެ.
ވައިބާ ޗެޓް ލޮގްތަކާ ގުޅޭ ގޮތުން މަހްލޫފް ވިދާޅުވީ، އެ ބުނާ ޗެޓް ލޮގެއް ހުރި ފޯނެއް ވެސް ނޯންނާނެ ކަމަށެވެ. އެހެންވެ، ފޯނު ނުލިބެނީސް، ޗެޓް ލޮގެއް ނޯންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި އަދީބުގެ ފޯނުން މެސެޖް ކުރަނީ އަދީބު ނޫން ކަމަށާއި އެކަން ކުރަނީ ފުލުހުން ކަމަށް މިހާރުގެ ޕީޖީ ހުސައިން ޝަމީމް ކުރިން ވިދާޅުވެފައިވާތީ، އެކަން މަހްލޫފް ފާހަގަކުރެއްވި އެވެ. ކުރިން އަދީބުގެ ވަކީލެއްގެ ގޮތުގައި ޝަމީމް މަސައްކަތް ކުރެއްވި އެވެ.
މަހްލޫފް ވިދާޅުވީ އަދީބާއި އޭނާއާ ދެމެދު ކުރި އެއްވެސް މުއާމަލާތެއް އެ ވައިބާ ޗެޓް ލޮގްތަކުގައި ނެތް ކަމަށެވެ.
ދައުލަތުން ބުނީ ހެކިތައް ގުޅިގެންދާ ގޮތާއި އޭގެ ތަފްސީލުތައް އިބްތިދާއީ މަރުހަލާގައި ކިޔައިދިނުމަކީ އުނދަގޫ ކަމެއް ކަމަށެވެ. އެ މަރުހަލާގައި ހަމައެކަނި ކުރަން ޖެހޭ ކަމަކީ މައްސަލަ ކުރިއަށް ގެންދެވޭ ވަރުގެ ހެކި ހުރިކަން ބަޔާންކޮށްދިނުން ކަމަށް ދައުލަތުން ބުންޏެވެ.
ހެކިތަކުން ސާބިތުކުރަން ބޭނުންވާ ކަމެއް ބުނެ ނުދެވެނީސް، މަދަނީ މިންގަނޑުން މައްސަލަ ކުރިއަށް ގެންދިއުމާ ގޮތެއް ނިންމާނީ ކިހިނެއްތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. އަދި ހަމައެކަނި ހެކީގެ އަދަދަށް ބަލައިގެން އެކަމާ މެދު ގޮތެއް ނިންމިދާނެތޯ ބެންޗުން ސުވާލުކުރެއްވި އެވެ. ދައުލަތުން ބުނީ އެކަމާ މެދު ގޮތެއް ނިންމަން ޖެހޭނީ ހެކީގެ އަދަދަށް ބަލައިގެން ނޫން ކަމަށެވެ.
އިބްތިދާއީ މަރުހަލާގައި ހެކިތަކަށް ތައުނުކޮށް، ބަހުސް ނުކުރެވޭނެ ކަމަށް ކަނޑަައަޅަން ދައުލަތުން އެދިފައިވާތީ އެކަމާ ބެހޭގޮތުން ބެންޗުން ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ މިހާރު ކޯޓުތަކުން އަމަލު ކުރާ ގޮތަކީ މަދަނީ މިންގަނޑުން ހެކިތަކަށް ބަލައި، ގޮތެއް ނިންމުމަށް ފަހު ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކާ މެދު ގޮތެއް ނިންމުން ކަމަށެވެ.
މަހްލޫފްގެ ވަކީލް ނޫރު ވިދާޅުވީ ދެ ގޮތަކަށް މަތީ ނިންމުންތައް އެބަހުރި ކަމަށެވެ. އަދި ބައެއް މައްސަަލަތަކުގައި މަދަނީ މިންގަނޑުން ގޮތެއް ނިންމުމުގެ ކުރިން ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކަށް ފުރުސަތު ދީފައި އެބަހުރި ކަމަށް އޭނާ ވިދާޅުވި އެވެ.
މައްސަލަ އަލުން ހުށަހަޅައިގެން ކުރިއަށް ގެންދަން އެދިފައިވާތީ އާއި މަދަނީ މިންގަނޑުން ބަލާއިރު ކުރިއަށް ގެންދެވޭނެ ކަމަށް ނިންމައިދޭން އެދިފައިވެ އެވެ.
އަލުން ހުށަހެޅޭނެ ކަމަށް ހައި ކޯޓުން ކަނޑަނޭޅިޔަސް، އެ މައްސަލަ އަލުން ހުށަހެޅުމުގެ ފުރުސަތު ދައުލަތަށް އޮންނާނެ ނޫންތޯ ބެންޗުން ސުވާލު ކުރެއްވި އެވެ. ދައުލަތުން ބުނީ ކުރީގެ ހެކިތަކާ އެކު އެ މައްސަލަ އަލުން ހުށަހެޅޭނެ ކަމަށް ކަނޑައަޅަން ހުރަހެއް ނެތް ކަމަށެވެ.
އެ ސުވާލުތަކަށް ފަހު އެ މައްސަލައިގެ އަޑުއެހުންތައް އަނެއްކާވެސް ވަނީ ނިންމާލައިފަ އެވެ. އެހެންވެ، ދެން އޮންނާނީ ހުކުމް އިއްވުމެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަލީ ސަމީރެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.
މަހްލޫފްގެ މައްސަލައަށް މިވީ ކިހިނެއް؟
މަހްލޫފްގެ މައްސަލަ: މަސްލަހަތު ފުށުއަރާތަ؟
މަހްލޫފްގެ ޝަރީއަތް:ބޮޑެތި ތުހުމަތުތަކާއި ބަހުގެ ހަމަލާ
މަހުލޫފުގެ މައްސަލަ: ސަރުކާރަށް ހުތުރަކަށް ނުވަނީތަ؟
އާރަށް މައްސަލަ: ޔާމީނާއި އަދީބުގެ ކޯލް ރިކޯޑިންތަކެއް
މަހްލޫފްގެ މައްސަލަ ބެލޭނެތޯ ހައިކޯޓުން މާދަމާ ނިންމަނީ
މަހުލޫފްގެ މައްސަލަ ހައި ކޯޓުން ބަލައިގެންފި
މަހުލޫފަށް ކުރި ރިޝްވަތުގެ ދައުވާ ކޯޓުން ބޭރުކޮށްލައިފި
ޔާމީން ދައުވާއަށް އިންކާރު،އަދިވެސް އެދެނީ ލައިވްކުރަން
މަހުލޫފްގެ ޝަރީއަތް މި މަހުގެ 10 އަކަށް ތާވަލުކޮށްފި