Roadha Mihaaru
މަހްލޫފްގެ މައްސަލަ ބެލޭނެތޯ ހައިކޯޓުން މާދަމާ ނިންމަނީ

މަހްލޫފްގެ މައްސަލަ ބެލޭނެތޯ ހައި ކޯޓުން ނިންމުން މާދަމާ

20 މާޗް 2022

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ހައި ކޯޓުން މާދަމާ ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފްގެ މައްޗަށް ކުރި ރިޝްވަތުގެ ދައުވާ ކުރިއަށް ގެންދިއުމާ މެދު ހައި ކޯޓުން މާދަމާ ގޮތެއް ނިންމަން ހަމަޖައްސައިފި އެވެ.

މަހްލޫފްގެ މައްޗަށް ރިޝްވަތުގެ ދައުވާކުރީ އޭނާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ހުންނެވިއިރު އެސްއީޒެޑް ބިލަށް ވޯޓުު ދިނުމަށްޓަކައި 33،000 ޑޮލަރު ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން ނެންގެވި ކަމަށް ބުނެ އެވެ. ކްރިމިނަލް ކޯޓުން މިދިޔަ މަހު އެ މައްސަލަ ބޭރުކޮށްލީ މަދަނީ މިންގަނޑުން ބަލާއިރު އެ މައްސަލަ ކުރިއަށް ގެންދެވޭނެ މިންވަރުގެ ހެކި ނެތް ކަމަށް ބުނެ އެވެ.

ދައުލަތުން އެ މައްސަލަ އިސްތިއުނާފް ކުރުމުން ހައި ކޯޓުން ދެ އަޑުއެހުމެއް ބޭއްވުމަށް ފަހު އެ މައްސަލަ އޮތީ ހުކުމާ ހިސާބުގަ އެވެ. އެހެންވެ، އެ މައްސަލަ ކުރިއަށް ގެންދެވޭނެތޯ ނުވަތަ ނޫންތޯ، މާދަމާ މެންދުރު ބާއްވާ މަޖިލީހުގައި ހައި ކޯޓުން ނިންމާނެ އެވެ.

އެ މައްސަލަ ކުރިއަށް ގެންދެވޭނެ ކަމަށް ހައި ކޯޓުން ނިންމައިފި ނަމަ، އެ މައްސަލާގެ ޝަރީއަތުގެ މަރުހަލާ ކްރިމިނަލް ކޯޓުން އަލުން ފަށާނެ އެވެ.

ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ފާތިމަތު ފަރުހީޒާ އާއި އިސް ފަނޑިޔާރު ހާތިފް ހިލްމީ އަދި ފަނޑިޔާރު އަލީ ސަމީރު ހިމެނިވަޑައިގަންނަވާ ބެންޗަކުންނެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ފަރުހީޒާ އެވެ.