Roadha Mihaaru
މަހްލޫފްގެ މައްސަލަ ފަސްކުރީ ގާޒީ: ކްރިމިނަލް ކޯޓު

މަހްލޫފްގެ މައްސަލަ ފަސްކުރުމަކީ ގާޒީގެ ނިންމުމެއް: ކްރިމިނަލް ކޯޓް

27 ޖެނުއަރީ 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތްތައް ކޮވިޑްގެ ހާލަތު ރަނގަޅުވަންދެން ފަސްކުރުމަކީ ކްރިމިނަލް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ގާޒީންގެ މަޖިލީހުގެ ނިންމުމެއް ނޫން ކަމަށާއި އެއީ އެ މައްސަލަ ބަލާ ގާޒީގެ ނިންމުމެއް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތްތައް ކޮވިޑްގެ ހާލަތު ރަނގަޅުވަންދެން ފަސްކުރުމަކީ ކްރިމިނަލް ކޯޓުގެ ހުރިހާ ފަނޑިޔާރުންގެ މައްޗަށް އެކުލެވޭ ގާޒީންގެ މަޖިލީހުގެ ނިންމުމެއް ނޫން ކަމަށާއި އެއީ އެ މައްސަލަ ބަލާ ގާޒީގެ ނިންމުމެއް ކަމަށް އެ ކޯޓުން މިއަދު ބުނެފި އެވެ.

މަހްލޫފްގެ ޝަރީއަތް ދެން ކުރިއަށް ގެންދާނީ ކޮވިޑްގެ ހާލަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން އިއްޔެ ބުނުމާ ގުޅިގެން، އެ ކޯޓަށް ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ. ކެބިނެޓުގައި ހިމެނޭ ވަޒީރެއްގެ މައްސަލަ ފަސްކުރިއަސް ކޮވިޑުގެ ހާލަތުގައި އެހެން ޝަރީއަތްތައް އެ ކޯޓުން ކުރިއަށް ގެންދެ އެވެ.

ކްރިމިނަލް ކޯޓުގެ މީޑިއާ އޮފިޝަލް އަމާން މުހައްމަދު ނަޖީބު މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މަހްލޫފްގެ ޝަރީއަތް ފަސްކުރުމަކީ އެ މައްސަލަ ބައްލަވާ ސެކްޝަނުގެ ގަޒީއެއްގެ ނިންމުމެއް ކަމަށާއި އެއީ މުޅި ކޯޓުގެ ހުރިހާ ގާޒީންގެ ނިންމުމެއް ނޫން ކަމަށެވެ.

މަހްލޫފްގެ މައްސަލަ ބައްލަވަނީ ގާޒީ މުހައްމަދު މިސްބާހެވެ.

ގާޒީ މިސްބާހް ވަނީ އެމްއެމްޕީއާރުސީ މައްސަލައިގައި ހިމެނޭ އަބްދުﷲ ޒިޔަތުގެ ދިފާއީ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރައްވައިފަ އެވެ. ދައުލަތާ އެކު ޒިޔަތުގެ އިއުތިރާފްގެ އެއްބަސްވުން ހެދިއިރު އޭނާގެ ފަރާތުން ވަކީލަކަށް ވަޑައިގަތީ މިސްބާހެވެ. އެހެންވެ މިކަން ކްރިމިނަލް ކޯޓުގެ ސަމާލުކަަމަށް ގެންނެވުމަށް ޕީޖީ އޮފީހުން ވަނީ ސިޓީއެއް ފޮނުވައިފަ އެވެ.

އެ ސިޓީގެ ޖަވާބުގައި ކޯޓުން ޕީޖީ އޮފީހަށް އަންގާފައި ވަނީ މަހްލޫފްގެ މައްސަލައިން ގާޒީ މިސްބާހް ތަނާޒުލްވާން ޖެހޭ ސަބަބެއް ނެތް ކަމަށެވެ. މިގޮތަށް އަންގާފައިވާ ކަން ޕީޖީ އޮފީހުން ކަށަވަރުކޮށްދިނެވެ.

އެނގިފައިވާ ގޮތުގައި ގާޒީ މިސްބާހު ތަނާޒުލް ވާން ނުޖެހޭނެ ކަަމަށް ކޯޓުން ނިންމާފައިވާ ސަބަބުތަކުގެ ތެރޭގައި މައްސަލަ ބަލާ ބެންޗުގައި ހިމެނޭ ފަނޑިޔާރަކު އޭނާ ބަލާ މައްސަލައިގައި ހިމެނޭ އެހެން މީހެއްގެ ބައިގެ ތަހުގީގު މަރުހަލާގެ ވަކީލެއްގެ ގޮތުގައި މަސައްކަތް ކުރުމަކީ އެ މައްސަލައެއް ބެލުމަށް އޮތް ހުރަހެއް ނޫން ކަމަށް ސުޕްރީމް ކޯޓުން ބެލި މައްސަލައެއްގައި ކަނޑައަޅާފައި ވުން ހިމެނެ އެވެ. މީގެ އިތުރުން މަހްލޫފަށް ކުރާ ދައުވާގައި ޒިޔަތު ހިމެނޭހެން މުއާމަލާތެއް ނެތުމާއި އެ މައްސަލައިގައި ޒިޔަތަކީ ހެއްކަކަށް ނުވުމަކީ ވެސް ގާޒީ މިސްބާހަށް މައްސަލަ ބެލޭނެ ކަަމަށް ކަނޑައެޅި ސަބަބެކެވެ.

ކޯޓުން ބުނެފައި ވަނީ، ޒިޔަތުގެ ވަކީލެއްގެ ގޮތުގައި ގާޒީ މިސްބާހު ހަރަކާތްތެރިވީ މުޅިން އެހެން މައްސަލައެއްގައި ކަމަށް ވެފައި އެ މައްސަލައިގެ މުޅި ތަހުގީގުގައި ހަރަކާތްތެރިވެފައެއް ނުވެ އެވެ.

މަހުލޫފުގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާއިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ އެވެ. އެ މައްސަލައިގެ އަޑު އެހުމެއް މިދިޔަ ހަފުތާގެ ބުދަ ދުވަހަށް ތާވަލު ކުރި ނަމަވެސް އެ ދުވަހު ވަނީ ޝަރީއަތް ކެންސަލް ކޮށްފަ އެވެ. އެކަމަކު، ކެންސަލް ކުރި ސަބަބެއް އެ ދުވަހު ނުބުނެ އެވެ.

އޭނާގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް، މެދުކެނޑުމެއް ނެތި މަހުލޫފް އެތައް ރަށަކަށް މިހާރު ރަސްމީ ދަތުރު ކުރައްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ ހުއްދަ ލިބިގެންތޯ ސުވާލު ކުރުމުން އެ ކޯޓުގެ އޮފިޝަލަކު ކުރިން "މިހާރު" އަށް ވިދާޅުވެފައި ވަނީ މައްސަލަ ހިންގަން ނިންމާފައި ވަނީ އެ މައްސަލައިގައި ހިމެނޭ ހުރިހާ އެންމެން ކޯޓަށް ހާޒިރު ކޮށްގެން ކަމަށެވެ.

އެހެންކަމުން، ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ އަލުން ތާވަލުކުރާ ގޮތަށް ނިންމާފައިވާ ކަމަށް އޭރު އޭނާ ވިދާޅުވި އެވެ.

މިދިޔަ ދެތިން ހަފުތާއެއްގެ ތެރޭގައި މަހުލޫފް ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ސަރުކާރުގެ އިސްވެރިންގެ އަރިހުގައި ކޮމަންޑޫ ދާއިރާގެ ކެމްޕެއިނާއި ޕްރެޒިޑެންޓް ކަޕާ ގުޅޭ ދަތުރުތަކާއި އަދި ބައެއް ރަށްރަށުގައި މަޝްރޫއުތައް ފައްޓަވައި ދެއްވުމަށް ވެސް ގިނަ ދަތުރުތަކެއް ކުރައްވައިފަ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ބަލައި ފިޔަވަޅު އެޅުމާއި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސަކީ މި ސަރުކާރުގެ ވައުދަކަށް ވި ނަމަވެސް މަހްލޫފްއާ މެދު ފިޔަވަޅު ނާޅާންވެގެން ސަރުކާރުން އަންނަނީ އުސޫލް ބަދަލުކުރަމުންނެވެ.

ސަރުކާރުން ކުރިން ގެންގުޅުނު އުސޫލަކީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ނަމަ އެ މީހަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމެވެ. އެކަމަކު ތަހުގީގު މަރުހަލާ ދިގުލައިގެން ދިއުމުގައި ހައްލުތަކެއް ނުފެނިގެން އުސޫލަށް ބަދަލު ގެނައީ ދައުވާކޮށްދޭން ޕީޖީއަށް ފޮނުވުމުން ފިޔަވަޅު އަޅާ ގޮތަށެވެ. މި އުސޫލު ދެ ވަނަ ފަހަރަށް ބަދަލުކުރީ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ގޮތެއް ނިމުމުން ފިޔަވަޅު އަޅާ ގޮތަށެވެ. އެކަމަކު މަހްލޫފްގެ މައްޗަށް ދައުވާ ކުރުމުން ވެސް ސަރުކާރުން ފިޔަވަޅެއް ނާޅަ އެވެ.