10 ފެބުރުއަރީ 2022
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކަށް އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިފި އެވެ.
ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާތަކަށް އެ މަނިކުފާނު މިއަދު އިންކާރު ކުރައްވައިފި އެވެ.
އެމްއެމްޕީއާރުސީ މެދުވެރިކޮށް އާރަށުގައި ރިސޯޓެއް ތަަރައްގީ ކުރަން ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން، ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލުކުރުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދިނުމަށްޓަކައި އެއް މިލިއަން ޑޮލަރު ރިޝްވަތުގެ ގޮތުގައި ޔާމީން ގަބޫލުފުޅު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. ރިޝްވަތު ދިން ކަމަށް ބުނެ ވ. ފެލިދޫ ހަނދުވަރީގޭ ޔޫސުފް ނައީމްގެ މައްޗަށް ވެސް ދައުވާ ކުރެ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުވާ އަށް ޖަވާބުދާރީވުމުގެ ކުރިން، ޔާމީންގެ ވަކީލުންގެ ގިނަ ސުވާލުތަކެއް ދައުލަތަށް އަމާޒުކުރި އެވެ. އޭގެ ތެރޭގައި ރިޝްވަތުގެ ދައުވާގައި ޔާމީން ކުރެއްވި އަމަލަކީ ކޮބައިތޯ އާއި ކުށްކުރި ވަގުތުގެ އިތުރުން އާރަށް ކުއްޔަށް ދިނުމަށް ނުފޫޒު ފޯރުވުމުގެ ގޮތުން އެ މަނިކުފާނު ކުރެއްވި އަމަލަކީ ކޮބައިތޯ ވިދާޅުވެ، ވަކީލުން ދައުލަތާ ސުވާލުކުރި އެވެ. އަދި މަނީ ލޯންޑްރިންގެ ދައުވާއާ ގުޅޭގޮތުން ވެސް ގިނަ ސުވާލުތަކެއް އަމާޒުކުރި އެވެ.
ދައުލަތުން ބުނީ ކުށްކުރި ވަގުތަކީ ކޮބައިކަން އެ ދައުވާގައި ކޮންމެހެން ބަޔާން ކުރަން ނުޖެހޭ ކަމަށާއި ދައުވާގެ ބޭނުމަކީ އެ މުއާމަލާތަކީ ކޮބައިކަން އެނގޭ ވަރަށް ސާފުކޮށް ދިނުން ކަމަށެވެ. އަދި އާރަށް ކުއްޔަށް ދިނުމަށްޓަކައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ޔާމީން މަޝްވަރާ ކުރެއްވިކަން ހެކިތަކުން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ. އޭރު ރައީސަކީ ޔާމީން ކަމަށް ވާތީ އެ ކަމުގައި ނުފޫޒު ފޯރުވުމުގެ ފުރުސަތު އެ މަނިކުފާނަށް އޮތްކަމަށް ވެސް ދައުލަތުން ބުންޏެވެ.
އެކަމަކު ޔާމީންގެ ވަކީލުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދަވަނީ ދައުވާގައި ބުނާ އެއްޗެއް ކިޔަން އެނގުނަސް، ދައުވާގައި ދައްކާ ވާހަކަތައް ސާފުނުވާ ކަމަށެވެ. އަދި ދައުލަތުން އެ ވާހަކަތައް އަލުން ކިޔައި ދިނުމުން ދައުވާއާ މެދު އިތުރު ސުވާލުތައް އުފެދުން ނޫން ކަމެއް ނުވާނެ ކަމަށް ވަކީލުން ވިދާޅުވި އެވެ.
އެހެންވެ، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދައުވާގައި ބުނާ ވާހަކަތައް އެކަށީގެންވާ ވަރަށް ސާފުކޮށް ދެވިފައިވާ ކަމަށް ނިންމަވާ ކަމަށެވެ. ދައުވާ އަށް ޖަވާބުދާރީވާން ޔާމީނަށް އިސް ގާޒީ އެންގެވުމުން އެ މަނިކުފާނު ވިދާޅުވީ އެ ދެ ދައުވާ އަށް ވެސް އިންކާރު ކުރައްވާ ކަމަށެވެ.
ދައުވާއަށް އިންކާރު ކުރެއްވި ސަބަބާ ބެހޭގޮތުން ވާހަކަ ދައްކަން ފުރުސަތު ދިނުމުން ޔާމީންގެ ވަކީލުން އެދިވަޑައިގަތީ އެކަމަށް އިތުރު ފުރުސަތެއް ދިނުމަށެވެ.
ދައުވާ ލިބޭ ޔޫސުފްގެ ނައީމަށް ކުރާ ދައުވާ އިއްވިޔަސް، ދައުވާ އަށް ޖަވާބުދާރީވުމަށް އޭނާގެ ވަކީލުން އެދިވަޑައިގަތީ އިތުރު ފުރުސަތަކަށެވެ.
މިއަދުގެ އަޑުއެހުމުގައި ޔާމީނާއި އެ މަނިކުފާނުގެ ވަކީލުންގެ އެންމެ ބޮޑު ކަންބޮޑުވުމަކަށް ވީ، އެ ޝަރީއަތް ލައިވް ނުކުރަން ކްރިމިނަލް ކޯޓުން ނިންމާފައި އޮތުމުންނެވެ. ޔާމީން ވިދާޅުވީ އެ މަނިކުފާނުގެ މައްސަލާގައި ގުޅުވައިގެން އެކި ގޮތްގޮތަށް އިންޒާރުތައް ދެމުންދާތީ ސަލާމަތްކަން ލިބޭނީ ޝަރީއަތް ލައިވް ކުރުމުން ކަމަށެވެ. އެހެންވެ، ކޯޓުގައި ވަސީލަތްތައް ނެތް ނަމަ، އަމިއްލަ ފަރާތްތަކަށް އެކަން ކުރުމުގެ ފުރުސަތު ދޭން ވެސް ޔާމީން އެދިވަޑައިގަތެވެ.
އެ މަނިކުފާނުގެ ވަކީލުންގެ ޓީމުގައި އިސްކޮށް ހަރަކާތްތެރިވާ ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް އަހުމަދު ވެސް ވިދާޅުވިގޮތުގައި، ޔާމީން ކުރިން ޖަލަށްލި މައްސަލައިގެ ޝަރީއަތް ލައިވް ކުރިއިރު އަދި ސުޕްރީމް ކޯޓުގެ ހުރިހާ ޝަރީއަތްތަކެއް ލައިވް ކުރަމުން ދާއިރު، މިހާރުގެ ޝަރީއަތް ލައިވް ކުރުން މުހިންމެވެ. އަދި ޔާމީން ޖަލަށް ނުލާ ފަނޑިޔާރުން މަަގާމުން ވަކިކުރަން އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް ވިދާޅުވެފައިވާތީ އިންސާފުވެރި ޝަރީއަތެއް ހޯދަން ޝަރީއަތް ލައިވްކުރަންޖެހޭ ކަމަށް ޑރ. ޖަމީލް ވިދާޅުވި އެވެ.
އިސް ގާޒީ ޝަކީލް ވިދާޅުވީ މިވަގުތު އެ ޝަރީއަތް ލައިވް ނުކުރަން ނިންމީ ކޯޓުގައި އެކަމަށް ޚާއްސަ މުވައްޒަފުން މިހާރު ނެތުމުން ކަމަށެވެ. އަދި މުވައްޒަފުން ހޯދުމުގެ މަސައްކަތް މިހާރު ވެސް ކުރިއަށް ގެންދާ ކަމަށާއި އެކަން ހަމަޖެހުމާ އެކު، ޝަރީއަތް ލައިވް ކުރާނެ ކަމަށް އިސް ގާޒީ ވިދާޅުވި އެވެ. އެކަމަކު މުވައްޒަފުން ހަމަޖެހެންދެން ޝަރީއަތް މަޑުޖައްސައި ނުލެވޭނެ ކަމަށާއި އަމިއްލަ ފަރާތްތައް މެދުވެރިކޮށް ޝަރީއަތް ލައިވް ކުރުމާ މެދު ގޮތެެއް ނިންމޭނީ ފަނޑިޔާރުންގެ މަޖިލީހަށް ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.
ދައުލަތުން ބުނީ ކޮރަޕްޝަންގެ މައްސަލަތަކުގެ ޝަރީއަތް ލައިވްކުރަން އަބަދުވެސް ދައުލަތުން ބޭނުންވާ ކަމަށެވެ. އެކަމަކު ލައިވް ކުރެވޭނެ ވަސީލަތްތައް ނެތުމަކީ ޝަރީއަތް މަޑުޖައްސައިލަން ޖެހޭނެ ސަބަބެއް ނޫން ކަމަށް ދައުލަތުން ވެސް ބުންޏެވެ.
އާރަށް މައްސަލާގައި ޔާމީނަށް ދައުވާ ކުރާއިރު، ގއ. ވޮޑަމުލާ ކުއްޔަށް ދިނުމުގެ މައްސަލާގައި ޔާމީނަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވަނީ ބާތިލްކޮށް، އެ މަނިކުފާނު މިނިވަންކޮށްފަ އެވެ.
ހުކުމް އަވަސްކުރީ ހުރިހާ މައްސަލަތައް އެއްކޮށް ނިންމަން
ޔާމީންގެ ހުކުމް އަވަސްކުރީ ސަރުކާރުގެ ނުފޫޒުން: އިދިކޮޅު
އާރަށް މައްސަލައިގެ ހުކުމް ނޮވެމްބަރު މަހު އިއްވަނީ
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ
ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް
"އެއީ ޑޮލަރު ގަތުމުގެ މުއާމަލާތެއް، ރިޝްވަތެއް ނޫން"
ފުއްގިރި މައްސަލަ އަވަސް ކުރާތީ ޔާމީންގެ ނުރުހުން
އިސްތިއުނާފުން ޔާމީނަކީ މައުސޫމު މީހެއްކަން ސާބިތުވާނެ