Roadha Mihaaru
ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

ޔާމީނަށް ކުރާ ދައުވާގެ އަޑުއެހުމެއް މާދަމާ ބާއްވަނީ

05 ޑިސެމްބަރ 2021

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާގެ ޝަރީއަތް މާދަމާ ބާއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މަނީ ލޯންޑްރިންގެ އެހެން ކުށެއްގައި ޔާމީން ފަސް އަހަރަށް ޖަލަށްލާފައި ވަނިކޮށް، މިދިޔަ ހަފުތާގައިި ސުޕްރީމް ކޯޓުން ވަނީ އެ މަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށް، މިނިވަންކޮށްފަ އެވެ. އެކަމަކު ޔާމީނަށް ދައުވާކުރާ އިތުރު މައްސަލަތަކެއް ކްރިމިނަލް ކޯޓުގައި ދަނީ ހިނގަމުންނެވެ.

އެއީ ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން އުފުލާފައިވާ މަނީ ލޯންޑްރިންގެ ދައުވާ އާއި ރިޝްވަތުގެ ދައުވާއެއްގެ އިތުރުން ވ. އާރަށުގެ މައްސަލާގައި އުފުލާފައިވާ މަނީ ލޯންޑްރިިންގެ ދައުވާއަކާއި ރިޝްވަތުގެ ދައުވާ އެކެވެ.

ކްރިމިނަލް ކޯޓުން މާދަމާ ހެނދުނު ބާއްވަން ހަމަޖައްސާފައި ވަނީ ފުއްގިރި މައްސަލައިގައި އުފުލާފައިވާ ދެ ދައުވާގެ އަޑުއެހުމެކެވެ. އެ މައްސަލައިގެ އަޑުއެހުންތައް މީގެ ކުރިން ވެސް ކްރިމިނަލް ކޯޓުން ކުރިއަށް ގެންގޮސްފައިވެ އެވެ.

ފުއްގިރި މައްސަލައިގައި ޔާމީންގެ އިތުރުން ސަން ކުންފުންޏާއި މއ. ކުރިކީލަގޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ވެސް ދައުލަތުން ދައުވާކުރެ އެވެ. އެކަމަކު އެ މައްސަލަތައް ކުރިއަށް ގެންދަނީ ވަކިންނެވެ.

މިހާރު އުފުލާފައިވާ ދައުވާތައް ސާބިތުވެއްޖެ ނަމަ، މަދުވެގެން ފަސް އަހަރުގެ ޖަލު ހުކުމާއެކު، ޖޫރިމަނާގެ ހުކުމެއް އަންނާނެ އެވެ. އެހެންވެއްޖެ ނަމަ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް އަނެއްކާ ވެސް ގެއްލޭނެ އެވެ.