Roadha Mihaaru
އާރަށް މައްސަލައިގެ ހުކުމް ނޮވެމްބަރު މަހު އިއްވަނީ

އާރަށް މައްސަލައިގެ ހުކުމް ނޮވެމްބަރު މަހު އިއްވަނީ

27 ޖެނުއަރީ 2022

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އަންނަ ނޮވެމްބަރު މަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ހުކުމް އަންނަ ނޮވެމްބަރު މަހު އިއްވަން ކްރިމިނަލް ކޯޓުން ހަމަޖައްސައިފި އެވެ.

އާރަށުގެ މައްސަލައިގައި ޔާމީނަށް ދައުވާ ކުރަނީ އެމްއެމްޕީއާރުސީ މެދުވެރިކޮށް، އެ ރަށުގައި ރިސޯޓެއް ތަރައްގީ ކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން، ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލުފުޅު ކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލައިގައި ޔާމީނަށް ކުރަނީ ރިޝްވަތު ގަބޫލު ކުރެއްވުމުގެ ދައުވާ އާއި މަނީ ލޯންޑްރިންގެ ދައުވާ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލަ ބައްލަވާ އިސް ގާޒީ އަހުމަދު ޝަކީލް ވިދާޅުވީ، ދައުވާ އަށް ޖަވާބުދާރީވުމާއި އިބްތިދާއީ މަރުހަލާ އަންނަ މޭ މަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ޖުލައި މަހުން ފެށިގެން ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ފަހު، އަންނަ އޮކްޓޫބަރު މަހު ޚުލާސާ ބަޔާން ހުށަހަޅައި، އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

އެ މައްސަލައިގެ ޝަރީއަތް ލައިވް ކުރަން ޔާމީންގެ ފަރާތްޕުޅުން ކުރިން އެދިފައިވާތީ އެކަމާ ގުޅިގެން އިސް ގާޒީ ޝަކީލް ވިދާޅުވީ، ޝަރީއަތް ލައިވްކޮށް ދެއްކޭނެ ވަސީލަތްތައް މި ވަގުތު ކޯޓުގައި ނެތް ކަމަށާއި އެހެންވެ، އެ ޝަރީއަތް މި ވަގުތު ލައިވް ނުކުރެވޭނެ ކަމަށެވެ. އެކަމަކު، ވަސީލަތްތައް ލިބުމުން ލައިވް ކުރާނެ ކަމަށާއި ލައިވް ނުކުރިޔަސް، އެ ޝަރީއަތް ކުރިއަށް ގެންދާނީ އާންމުކޮށް ހުޅުވާލައިގެން ކަމަށް އިސް ގާޒީ ވިދާޅުވި އެވެ.

އިސް ގާޒީ ޝަކީލް ވިދާޅުވިގޮތުގައި، އެ މައްސަލަ ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތަކަށް ކޯޓުގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ އެވެ. އަދި އެެހެން މީހުން ދައްކާ ވާހަކަތަކަށް ކޯޓުން ނުބަލާނެެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

ޔާމީންގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވީ، ޔާމީނަކީ ކުރީގެ ރައީސަށް ވާތީ އެ މަނިކުފާނަށް ކުރާ ދައުވާއެއްގެ ޝަރީއަތަކީ އާންމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ޝަރީއަތެއް ކަމަށެވެ. ޔާމީނަށް ކުރިން ދައުވާކުރި މައްސަލަތަކުގެ ޝަރީއަތް ވެސް ލައިވްކުރި ކަމަށާއި އެހެންވެ، ލައިވް ކުރެވޭނެ ވަސީލަތްތައް ލިބެންދެން އެ ޝަރީއަތް މަޑުޖައްސައިލަން ޖަމީލް އެދިވަޑައިގަތެވެ.

ދައުލަތުން ބުނިގޮތުގައި، ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ޝަރީއަތް އަބަދުވެސް ލައިވްކޮށް ދައްކަން އެދޭ އެދެ އެވެ. އަދި ލައިވް ކުރެވެން ނެތް ނަމަ، އާންމުކޮށް ހުޅުވާލައިގެން ޝަރީއަތް ކުރިއަށް ގެންދަން އެދޭ ކަމަށް ދައުލަތުން މިއަދު ބުންޏެވެ.

އަންނަ އޭޕްރީލް 2 ގައި ފަށާ މި އަހަރުގެ ރޯދަމަހުގެ ކުރިން ޔާމީން ޖަލަށްލާނެ ކަމަށް އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސައިން އަމްރު ވިދާޅުވެފައިވާތީ، އެކަމުގެ ޝަކުވާ ވެސް ޔާމީންގެ ވަކީލުން މިއަދު ކޯޓުގައި ކުރެއްވި އެވެ.

ވަކީލް ޖަމީލް ވިދާޅުވީ، އެއީ ޝަރީއަތަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށާއި އެކަމަށް ފިޔަވަޅު ނާޅާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.

ނަމަވެސް އިސް ގާޒީ ޝަކީލް ވިދާޅުވިގޮތުގައި، އެ މައްސަލަ ކުރިއަށް ގެންދިއުމުގައި އެއްވެސް ފަރާތަކަށް ކޯޓުގެ މައްޗަށް ނުފޫޒެއް ނުފޯރުވޭނެ އެވެ. އަދި އެެހެން މީހުން ދައްކާ ވާހަކަތަކަށް ކޯޓުން ނުބަލާނެެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

އިސް ގާޒީ ޝަކީލް ވިދާޅުވީ އެ މައްސަލައިގެ ދައުވާ އަށް ޖަވާބުދާރީވުމާއި އިބްތިދާއީ މަރުހަލާ އަންނަ މޭ މަހާ ހަމައަށް ކުރިއަށް ގެންދާނެ ކަމަށެވެ. ޖުލައި މަހުން ފެށިގެން ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް ފަހު، އަންނަ ސެޕްޓެމްބަރު މަހު ދިފާއީ ހެކިންގެ ހެކިބަސް ނަގާނެ ކަމަށް ވިދާޅުވި އެވެ. އަދި އަންނަ އޮކްޓޫބަރު މަހު ޚުލާސާ ބަޔާން ހުށަހަޅައި، އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހު އެ މައްސަލައިގެ ހުކުމް އިއްވާނެ ކަމަށް ވެސް އިސް ގާޒީ ވިދާޅުވި އެވެ.

އާރަށުގެ މައްސަލައިގެ ޝަރީއަތް ލައިވް ނުކުރަން ނިންމި ނަމަވެސް، ޔާމީން ކުރިން ޖަލަށްލި މައްސަލައިގެ ޝަރީއަތް ލައިވްކުރި އެވެ. އޭގެ ފަހުން ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާ ގުޅިގެން ޔާމީނަށް ކުރާ މަނީ ލޯންޑްރިންގެ ދައުވާގެ ޝަރީއަތް ވެސް ލައިވްކުރި އެވެ.