Roadha Mihaaru
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"

ޑޮލަރު ގަތުމުގެ މުއާމަލާތެއް ކަމަށް ބުނެ ޔާމީންގެ އެކައުންޓަށް ފައިސާ ޖަމާކުރި: ހެއްކެއް

20 ޖުލައި 2023

ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ބުނެ ސަން ކުންފުނީގެ އެކައުންޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑޮލަރު ޖަމާކޮށްދިން ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޑޮލަރު މާރު ކުރުމުގެ މުއާމަލާތެއް ކަމަށް ބުނެ ސަން ކުންފުނީގެ އެކައުންޓުން ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޑޮލަރު ޖަމާކޮށްދިން ކަމަށް އެ ކުންފުނީގެ ކުރީގެ މުވައްޒަފަކު ކްރިމިނަލް ކޯޓުގައި މިއަދު ހެކިބަސް ދީފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ޔާމީންގެ މައްޗަށް ރިޝްވަތު ގަބޫލު ކުރުމުގެ ދައުވާ ކުރާއިރު ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް ކުރަނީ މަނީ ލޯންޑްރިންގެ ދައުވާ އެވެ. އެ ދައުވާ ކުރަނީ ބޭރުގެ ކުންފުންޏަކަށް ފުއްގިރި ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި ލިބުނު ފައިސާ ސަން ކުންފުނިން މެދުވެރިކޮށް ލޯންޑާކުރި ކަމަށް ބުނެ އެވެ. އެ މައްސަލާގައި ރިޝްވަތު ގަބޫލު ކުރުމުގައި މެދުވެރިއަކަށް ވުމުގެ ދައުވާ ކްރިކް ރިޒާގެ މައްޗަށް ކުރިޔަސް، އޭނާގެ ބައި ދައުލަތުން ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި، ސަން ކުންފުނީގެ ފައިސާއާ ބެހޭ މަގާމެއް އަދާކުރި ރާއްޖެ އިން ބޭރުގެ މުވައްޒަފަކު ހެކިބަސް ދެމުން ބުނީ ޑޮލަރު މާރުކުރަން ޖެހޭ ކަމަށް ސަން ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އޭނާ ގާތު އޭރު ބުނި ކަމަށެވެ. ފަހުން ސަން ކުންފުނީގެ މުވައްޒަފެއް ކަމަށްވާ މައުރޫފް ކިޔާ މީހަކާ އެކު ރިޒާ ކިޔާ މީހަކު ގޮސް ޗެކެއް ދިން ކަމަށާއި އެ ޗެކުން ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް އެއް މިލިއަނަށް ވުރެ ގިނަ ޑޮލަރު ޖަމާކުރި ކަމަށް އެ މީހާ ބުންޏެވެ.

އޭނާ ބުނިގޮތުގައި ސަން ކޮންސްޓްރަކްޝަންގެ އެކައުންޓަށް ފައިސާ ޖަމާވުމުން އެ ފައިސާ ސަން އިންވެސްޓްމަންޓްގެ އެކައުންޓަކަށް ފޮނުވި އެވެ. އެގޮތަށް ފައިސާ ފޮނުވީ ބޭރު ފައިސާ މާރު ކުރުމުގެ ހުއްދަ އޮންނަނީ ސަން އިންވެސްޓްމަންޓަށް ކަމަށް ވާތީ ކަމަށް އޭނާ ބުންޏެވެ.

އޭނާ ބުނިގޮތުގައި އޭގެ ފަހުން ޔާމީންގެ ފަރާތުން ދިވެހި ރުފިޔާ ލިބިފައިވާ ކަމަށް ބުނާ ލިޔުމެއް ހިފައިގެން ސަންގެ މުވައްޒަފާއި ރިޒާ ކިޔާ މީހާ އަނެއްކާވެސް ދިޔަ އެވެ. ޔާމީނަށް ޑޮލަރު ދޫކުރަން ސަންގެ އިސް މުވައްޒަފަކު އޭނާ ގާތު ބުނި ކަމަށް އޭނާ ބުންޏެވެ.

އެހެންވެ، ސަން އިންވެސްޓްމަންޓްގެ އެކައުންޓުން ޔާމީންގެ އެކައުންޓަށް ޑޮލަރު ޖަމާކުރަން ޗެކެއް ދިން ކަމަށާއި އޭގެ ރިސިޓް ވެސް ދީފައިވާނެ ކަމަށް އޭނާ ބުންޏެވެ. ނަމަވެސް އެ ޑޮލަރަށް ވާ ދިވެހި ރުފިޔާ ނަގުދު ފައިސާ އިން ލިބުނުކަން ނުވަތަ ނޫންކަން އޭނާއަށް ނޭނގޭ ކަމަށް އެ ހެކިވެރިޔާ ބުންޏެވެ.

އޭނާގެ ހެކިބަސް އޮންލައިން ނެގުމުގައި ދަތިތައް ކުރިމަތިވާން ފެށުމުން އޭނާ ކޯޓަށް ހާޒިރު ކޮށްގެން ހެކިބަސް ނަގަން ނިންމި އެވެ. އެކަން ކުރެވޭނެ ދުވަހެއް ބެލުމަށް ފަހު ދައުލަތުން އިންތިޒާމް ހަމަޖައްސަން ކޯޓުން ފުރުސަތު ދިނެވެ.

ދެވަނަ ހެކިވެރިޔާގެ ހެކިބަސް ނަގަން ހާޒިރުކުރީ ސައުދީ އަރަބިއާގައި ހުރި ރާއްޖޭގެ ކޮންސިއުލޭޓަކަށެވެ. ނަމަވެސް ޖިނާއީ އިޖްރައާތުގެ ގާނޫނު އޮންނަ ގޮތުން ބޭރުގައި ތިބޭ މީހުންގެ ހެކިބަސް ނެގޭނީ އެމްބަސީއަކަށް ހާޒިރުކޮށްގެން ކަމަށް ވާތީ އެގޮތަށް ހެކިބަސް ނަގަން ދިފާއީ ވަކީލުން ދެކޮޅު ހެދި އެވެ.

އެ މައްސަލަ ބައްލަވާ ގާޒީ އަލީ ނަދީމް ވެސް ނިންމެވީ ކޮންސިއުލޭޓެއްގައި ހެކިބަސް ނުނެގޭނެ ކަމަށެވެ. އެހެންވެ، އެހެން ދުވަހަށް އެ ބައި ފަސްކުރަން ގާޒީ ނިންމެވި އެވެ.

ޔާމީން މިހާރު ވެސް ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ، 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެ ހުކުމް ދެމި އޮތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ޔާމީނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ.