Roadha Mihaaru

ޔާމީންގެ އިންތިހާބީ ހައްގުތައް ގެއްލޭ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ރޭ ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

ޔާމީންގެ މައްސަލަ ސުޕްރީމް ކޯޓުން ބަލައެއް ނުގަތް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 ޖުލައި 2023

ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގުތައް ކަށަވަރު ކޮށްދިނުމަށް އެދި އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ރޭ ހުށަހެޅި މައްސަލަ ބަލައި ނުގަންނަން އެ ކޯޓުން މިއަދު ނިންމައިފި އެވެ.

މަނީ ލޯންޑަރިން އާއި ރިޝްވަތު ހިފުމުގެ ކުށް ސާބިތުވެ، 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅީ އެ މަނިކުފާނުގެ ގާނޫނީ ޓީމުން ރޭ ބުނިގޮތުގައި، ހައި ކޯޓަށް ހުށަހަޅާފައިވާ އިސްތިއުނާފީ މައްސަލަ ނުނިމި ދިގުލައިގެން ދިއުމުގެ ސަބަބުން އެތައް އަސާސީ ހައްގުތަކަކާއި އިންތިހާބީ ހައްގުތަކަކަށް ހުރަސްއެޅިފައިވާ ވާތީ އެވެ.

ސުޕްރީމް ކޯޓުގެ ރަޖިސްޓްރާ މިއަދު ނިންމެވި ނިންމުމުގައި ވަނީ ދުސްތޫރީ މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ހުށަހަޅާފައި ވިޔަސް، އެއީ ކޯޓުތަކުގެ ގާނޫނުގައި ބުނާ ފަދަ ދުސްތޫރީ މައްސަލައެއް ނޫން ކަމަށެވެ. އެހެންވެ، އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ރަޖިސްޓްރާ އެގޮތަށް ނިންމެވިޔަސް، އެ ނިންމުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި އިސްތިއުނާފް ކުރެއްވުމުގެ ފުރުސަތު ޔާމީނަށް ލިބިވަޑައިގަންނަވާނެ އެވެ.

ޕީޕީއެމްގެ ރިޔާސީ ޓިކެޓް ޔާމީނަށް އަރުވާފައި ވިޔަސް، 11 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވުމުން އެ މަނިކުފާނަށް އިންތިހާބުގައި ވާދަކުރެއްވުމުގެ ދޮރު މި ވަގުތު ވަނީ ބަންދުވެފަ އެވެ. ޔާމީނަށް އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނީ އިސްތިއުނާފް މަރުހަލާއިން އެ މަނިކުފާނު މިނިވަންވެއްޖެ ނަމަ އެވެ.

ނަމަވެސް ހައި ކޯޓުގައި އެ މައްސަލަ ބައްލަވާ ބެންޗުގެ އެއް ފަނޑިޔާރަކު މި ވަގުތު ޗުއްޓީގައި ހުންނެވުމުން މައްސަލާގެ އަޑުއެހުންތައް ވަނީ މެދުކެނޑިފަ އެވެ. ރިޔާސީ އިންތިހާބުގައި ވާދަކުރަން ހުށަހެޅުމުގެ ފުރުސަތު އަންނަ މަހުގެ ހަތެއްގައި ބަންދުވާނެ އެވެ.