Roadha Mihaaru
ހައިކޯޓު ފަނޑިޔާރުންނާ ބައްދަލުކުރަން އިދިކޮޅުން އެދެފި

ޔާމީންގެ މައްސަލާގައި ހައި ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކުރަން އެދިއްޖެ

28 ޖޫން 2020

މަނީ ލޯޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި މި މައްސަލައާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭނުންވާތީ، ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނާ ބައްދަލު ކުރުމަށް އެ ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

މަނީ ލޯޑްރިންގެ ކުށް ސާބިތުވެ ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްސަލަ މިހާރު ކުރިއަށް ގޮސްފައިވާ ހިސާބު ސާފުކުރުމަށާއި މި މައްސަލައާ ގުޅޭގޮތުން އިދިކޮޅު ކޯލިޝަންގެ ކަންބޮޑުވުންތައް ހިއްސާ ކުރުމަށް ބޭނުންވާތީ، ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އުޘްމާނާ ބައްދަލު ކުރުމަށް އެ ކޯލިޝަނުން މިއަދު އެދިއްޖެ އެވެ.

އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ސޮއިކޮށް، ހައި ކޯޓުގެ އިސް ފަނޑިޔާރު ޝުޖާއު އަށް މިއަދު ފޮނުއްވި ސިޓީއެއްގައި ވަނީ ކްރިމިނަލް ކޯޓުން ޔާމީންގެ މައްޗަށް ކޮށްފައިވާ ފަސް އަހަރުގެ ޖަލު ހުކުމް އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާއިރު އެ މައްސަލައަށް ގޮތެއް ނުނިމި ގިނަ ދުވަސްތަކެއް ވަމުން ދާތީ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކަންބޮޑުވާ ކަމަށެވެ.

އިސްތިއުނާފަށް ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބާއްވާފައިވަނީ 24 ފެބްރުއަރީގައި ކަމަށްވާއިރު އޭގެ ފަހުން ތިން މަސް ވެފައިވާ ކަމަށާއި މިހާ ގިނަ ދުވަސް ވަމުން ދިއުމަކީ ކަންބޮޑުވުމެއް ކަމަށް ވެސް ސިޓީގައި ބުނެފައިވެ އެވެ.

"ދަށު ކޯޓުން މިފަދައިން ސިޔާސީ ނުފޫޒުން ބޭއިންސާފުން ކޮށްފައިވާ ހުކުމެއް ކަމަށް އެތައް ހާސް ދިވެހި ރައްޔިތުން ގަބޫލު ކުރާ މައްސަލައެއްގައި ރައީސް ޔާމީން ކަފާލާތުގެ ދަށުން ވެސް ގެޔަށް ބަދަލުކުރުމުގެ ފުރުސަތު ނުލިބި އިސްތިއުނާފު މަރުހަލާ ދިގު ދެމިގެން ދިއުމަކީ ގައުމުގެ އަދުލު އިންސާފުގެ ދާއިރާއާ ދޭތެރޭ ރައްޔިތުންގެ ހިތްތަކުގައި ޝައްކާއި ވަހުމް އުފެދި ގައުމުގެ ހަމަޖެހުމަށް އެކަމުގެ ސަބަބުން އަސަރު ކުރާނެ ކަމެއްކަން ފާހަގަ ކުރަން،" ސިޓީގައިވެ އެވެ.

ސިޓީގައި ބުނެފައި ވަނީ ކޮވިޑް19 އާ ގުޅިގެން އިއުލާން ކޮށްފައިވާ ލޮކްޑައުންގައި ވެސް ހައިކޯޓުގެ މައްސަލަތައް ކުރިއަށް ގެންދިޔައިރު ފަސް އަހަރުގެ ރިޔާސީ ހިދުމަތްތެރި ދައުރެއް ފުރިހަމަ ކުރެއްވި، އަދި މިހާރުގެ އިދިކޮޅު ލީޑަރަށް އިންސާފު ނުލިބި ޖަލުގައި ހުންނެވުމަކީ އެތައްހާސް ރައްޔިތުންގެ މަސްލަހަތާ ގުޅިފައި އޮތް ކަމެއް ކަމަށެވެ.

ކުރިން އިއްވި ހުކުމުގެ އިސްތިއުނާފް މަރުހަލާ ނުނިމިވާއިރު ޔާމީންގެ މައްޗަށް އަނެއްކާ ވެސް އިތުރު ދެ ދައުވާއެއް ކްރިމިނަލް ކޯޓުގައި މިއަދު ވަނީ އުފުލައިފަ އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި ދައުވާ އުފުލީ ޓޫރިސްޓު ރިސޯޓެއްގެ ގޮތުގައި ރ. ފުއްގިރި ތަރައްގީކުރަން ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ޔާމީން، މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި 1.1 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 17.2 މިލިއަން ރުފިޔާ) ހޯދައި ސަން ކޮންސްޓްރަކްޝަން އެންޑް އިންޖިނިއަރިން ޕްރައިވެޓް ލިމިޓެޑާއި ސަން އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑް ބޭނުންކޮށް އެ ފައިސާ ލޯންޑަކުރުމަށް ފަށަލަކޮށްފައިވާ މައްސަލައިގަ އެވެ.

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާކޮށް ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާ ވަން އެސްއޯއެފްގެ އެކައުންޓަކުން އެމަނިކުފާނަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައިގަ އެވެ. އެ ފައިސާ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާ އެކު ހެދި އެސްކްރޯ އެކައުންޓެއްގައި ބެހެއްޓުމަށް އެމަނިކުފާނު އެއްބަސްވެ ވަޑައިގަތުމަށް ފަހު އެހެން ފައިސާތަކެއް އެސްކްރޯ އެކައުންޓަށް ޖަމާކޮށް އަދި އެސްއޯއެފުން ޖަމާކުރި ފައިސާ އިސްލާމިކް ބޭންކްގެ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓަކަށް ބަދަލުކޮށް، އޭގެ އަސްލު އޮޅުވާލި ކަމަށް ދައުވާގައިވެ އެވެ.

މި ދައުވާގައި ފަސް އަހަރުގެ ޖަލު ހުކުމެއްގެ އިތުރުން ފަސް މިލިއަން ޑޮލަރުން އެމަނިކުފާނު ވަނީ ޖޫރިމަނާކޮށްފަ އެވެ.