Roadha Mihaaru
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން

އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން

16 އޯގަސްޓް 2023

ވ. އާރަށް ކުއްޔަށް ހޯދަން އުޅުކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ވ. އާރަށް ކުއްޔަށް ހޯދަން އުޅުކަން ކުރިން އެނގިވަޑައިނުގަންނަވާ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައި ކޯޓުގައި މިއަދު ވިދާޅުވެއްޖެ އެވެ.

އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށް ސާބިތުވެ ޔާމީންގެ މައްޗަށް 11 އަހަރުގެ ޖަލު ހުކުމާއި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާގެ ހުކުމް އިއްވީ ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެމްބަރު ޔޫސުފް ނައީމްގެ ހިއްސާ އޮތް ކުންފުންޏަކަށް އެރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު އެމަނިކުފާނު ގަބޫލު ކުރެއްވިކަން ސާބިތުވުމުންނެވެ. އެ މައްސަލާގައި ޔޫސުފް ނައީމްގެ މައްޗަށް ތިން އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވައިފަ އެވެ.

އެ ހުކުމް ޔާމީނާއި ޔޫސުފް ނައީމްގެ ފަރާތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޔާމީން ވިދާޅުވީ އޭރު ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން އެމަނިކުފާނަށް އެނގިވަޑައެއްނުގަންނަވަ އެވެ. އަދި ރަށްތަކާއި ފަޅުތައް ދޫކުރަނީ އަދި ލިބެނީ ކޮން ބަޔަކަށްތޯ ރައީސް އޮފީހުން ނުބަލާނެ ކަމަށާއި އެކަން ކުރާނީ ޓޫރިޒަމް މިނިސްޓްރީން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ޔޫސުފް ނައީމް ރަށް ބޭނުންވެގެން އުޅޭކަން އަޅުގަނޑަކަށް ނޭނގެ. ޔޫސުފް ނައީމް ރަށެއް ބޭނުންވެގެން އުޅޭކަން ރަސްމީކޮށް ނުރަސްމީކޮށް ވެސް ރައީސް އޮފީހަށް ލިޔެފައެއް ނުވާނެ. އަދި އަޅުގަނޑަށް ފޮނުވި އެސްއެމްއެސްއެއް ވެސް ނޯންނާނެ." ޔާމީން ވިދާޅުވި އެވެ.

ޔާމީންގެ އިސްތިއުނާފީ އަޑުއެހުމުގެ ތެރެއިން

ޔާމީންގެ އިސްތިއުނާފީ އަޑުއެހުމުގެ ތެރެއިން

އެދުވަސްވަރު ޔޫސުފް ނައީމްގެ ފަރާތުން ލިބިވަޑައިގަތް ފައިސާއާ ބެހޭގޮތުން ޔާމީން ވިދާޅުވީ އެއީ ސިޔާސީ ކެމްޕެއިނަށް ފައިސާ ހޯދަން ހިންގެވި ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ކަމަށެވެ. އަދި ޔޫސުފް ނައީމް އަތުން ޑޮލަރު ގަތީ އެހެން މީހުން އަތުން ޑޮލަރު ލިބޭ ގޮތް ނުވުމުން ކަމަށް ވެސް ޔާމީން ވިދާޅުވި އެވެ.

"ޔޫސުފް ނައީމް އަޅުގަނޑަށް ކޮށްދެއްވި ކަމަކީ ހަމަ އަގުން ޑޮލަރު މާރުކޮށް ދެއްވީ. މިއަކު ނެތް އަޅުގަނޑަށް ލިބުނު މަންފާއެއް." ޔާމީން ވިދާޅުވި އެވެ.

އެއީ ސިޔާސީ ކަންކަމަށް ލިބިވަޑައިގަތް ފައިސާއެއް ނަމަ އެ ފައިސާ ޖަމާ ކުރަންވާނީ އިންތިހާބާބެހޭ ގާނޫނާއި ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ދަށުން ހުޅުވާ ވަކި އެކައުންޓަކަށް ކަމަށް ދައުލަތުން ކުރިން ބުނެފައިވެ އެވެ.

އެކަމާ ގުޅިގެން ޔާމީން ވިދާޅުވީ އެ ފައިސާއަކީ ސިޔާސީ ކެމްޕެއިނަށް ހޯއްދެވި ފައިސާއެއް ކަމަށާއި އަދި ޕާޓީއާ ވަކިން ވެސް އަމިއްލަފުޅަށް ސިޔާސީ ކެމްޕެއިނަށް ފައިސާގެ މުއާމަލާތްތައް ކުރެވޭނެ ކަމަށް ޔާމީން ވިދާޅުވި އެވެ. އެހެންވެ، އެ ފައިސާ ޕާޓީގެ އެކައުންޓަށް ވަންނަން ނުޖެހޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އިންތިހާބަކަށް ކުރިމަތިލައިގެން އުޅެންޏާ އިންތިހާބުގެ ވާހަކަ އަންނާނީ. ސިޔާސީ ޕާޓީއަކަށް ފައިސާ ދޭކަމަށް ވަންޏާ ސިޔާސީ ޕާޓީއެއްގެ އެކައުންޓަށް ފައިސާ ވަންނާނީ. އެހެން ނޫނީ ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގައި ހުންނަ މީހަކު އަދި ޕާޓީއާ ވަކިން ވެސް އޭނާގެ އަމިއްލަ ހައިސިއްޔަތުން ވެސް ސިޔާސީ ބައިވަރު އެތައް މަސައްކަތްތަކެއް ކުރާނެ." ޔާމީން ވިދާޅުވި އެވެ. ޔާމީން ވިދާޅުވި ގޮތުގައި އެ ފައިސާއާ ގުޅޭގޮތުން ބޭންކަށް އެމަނިކުފާނު ފޮނުއްވި ކަމަށް ބުނެ ދައުލަތުން ހުށަހެޅި ލިޔުމަކީ ސައްހަ ލިޔުމެއްކަން ކަށަވަރެއް ނުވެ އެވެ. އެއީ ޓައިޕްކޮށްފައި އޮތް ސިޓީއެއްގައި އަތު ލިޔުމެއް އޮތްއިރު އެއީ އެމަނިކުފާނުގެ އަތު ލިޔުމެއްކަން ކަށަވަރުކުރަން ސާމްޕަލެއް ފުލުހުން ނުނަގާ ކަމަށް ވިދާޅުވި އެވެ. އަދި އެއީ އެޗްއެސްބީސީއަށް ފޮނުއްވި ލިޔުމެއް ކަމަށް ބުނާއިރު އެ ބޭންކް މިހާރު ބަންދުކޮށްފައި ހުރުމުން އެކަން ކަށަވަރުކުރަން ފުރުސަތު ލިބިވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

ޔާމީން ވިދާޅުވީ ފިޝަރީޒް މިނިސްޓްރީގެ ދަށުގައި އާރަށް އޮއްވާ ޓޫރިޒަމް މިނިސްޓްރީގެ ދަށަށް އެރަށް ބަދަލުކުރަން އެމަނިކުފާނު ހުއްދަ ދެއްވި ލިޔުމެއް ނޯންނާނެ ކަމަށެވެ. އަދި ބެލެވޭ ގޮތުގައި އެކަންކުރީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އެންގެވުމަށް އިކޮނޮމިކް ކައުންސިލުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޔާމީން ވިދާޅުވި ގޮތުގައި ރައީސް އޮފީހުގެ ކޮންމެ ސިޓީއެއްގައި ވެސް ރައީސުލް ޖުމްހޫރިއްޔާ ވިދާޅުވި ކަމަށް ލިޔެފައި އޮތަސް، އޭގެ މާނައަކީ ރައީސްގެ ހުއްދަ ލިބިގެން އެކަން ނިންމެވި ކަމުގެ ހެއްކެއް ނޫނެވެ. އަދި ރައީސް އޮފީހުން އަބަދުވެސް ފޮނުވާ ސިޓީތަކުގައި ރައީސަށް އެންގުމެއް ނެތި އެކަމަކު ރައީސްގެ ނަމުގައި ސިޓީ ފޮނުވާފައިވާ ހުންނާނެ ކަމަށާއި އެކަމުގެ ހެކި ދަށު ކޯޓަށް ހުށަހަޅާފައި ހުންނާނެ ވެސް އެމަނިކުފާނު ވިދާޅުވި އެވެ. އެ މައްސަލާގައި ޔާމީންގެ ފަރާތުން ރައްދު ދިނުމުގެ ބައި މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ދައުލަތުން އެ ވާހަކަތަކަށް ޖަވާބު ދިނުމުގެ ބައި އެވެ. ހައި ކޯޓުން އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުޒައިފާ މުހައްމަދާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު މުހައްމަދު ސަލީމެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ހުޒައިފާ އެވެ. ޔާމީންގެ މައްޗަށް ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް އޮތުމުގެ ސަބަބުން އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު އެމަނިކުފާނަށް ވަނީ ގެއްލިފަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވިޔަސް، އެ ކޯޓުން ވެސް ނިންމެވީ އެމަނިކުފާނަށް އިންތިހާބުގައި ވާދަ ނުކުރެއްވޭނެ ކަމަށެވެ.