Roadha Mihaaru

ފުއްގިރި މައްސަލާގެ އިސްތިއުނާފް: ސުޕްރީމް ކޯޓުން ވެސް ޔާމީނަށް ނާކާމިޔާބު

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް އެ މަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން ވެސް މިރޭ ނާކާމިޔާބުވެއްޖެ އެވެ.

ފުއްގިރި ދައުވާ: ސުޕްރީމް ކޯޓުން ޔާމީނަށް ނާކާމިޔާބު
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

15 މެއި 2023

ރ. ފުއްގިރި މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގައި ކްރިމިނަލް ކޯޓުގެ ނިންމުންތަކާ ދެކޮޅަށް އެ މަނިކުފާނު ހުށަހެޅުއްވި އިސްތިއުނާފް ސުޕްރީމް ކޯޓުން ވެސް މިރޭ ނާކާމިޔާބުވެއްޖެ އެވެ.

ވ. އާރަށް މައްސަލާގައި ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީންގެ މައްޗަށް ދައުވާކުރަނީ ފުއްގިރި ކުއްޔަށް ދިނުމުގެ މުއާމަލާތާ ގުޅިގެން ރިޝްވަތު ގަބޫލުކުރައްވައި އަދި އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ޔާމީންގެ ފަރާތްޕުޅުން ކްރިމިނަލް ކޯޓަށް ހުށަހެޅި ޝަރީއަތުގެ ކުރީގެ ހުށަހެޅުންތަކުގެ ތެރެއިން ބައެއް ހުށަހެޅުންތަކާ މެދު ނިންމި ނިންމުން އެ މަނިކުފާނުގެ ފަރާތްޕުޅުން އިސްތިއުނާފްކުރި އެވެ. އެއީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ ހެކިންގެ ގޮތުގައި ބަލައިނުގަތުމަށް އެދި ހެއްކާބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތައް ހުށަހެޅުމުގެ ފުރުސަތު ނުދޭން ނިންމި ނިންމުމާއި ބައެއް ލިޔުންތައް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމި ނިންމުމެވެ.

ކްރިމިނަލް ކޯޓުގެ އެ ނިންމުންތަކަށް ހައި ކޯޓުން ކުރިން އޮތީ ތާއީދުކޮށްފަ އެވެ.

އެ މައްސަލަ ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރެއްވުމުން އެ ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިރޭ ކުރެއްވި ހުކުމުގައި ވަނީ ހައި ކޯޓުގެ ހުކުމަށް ބަދަލު ގެންނަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ނަމަވެސް ހައި ކޯޓުގެ ހުކުމަށް ވާސިލްވުމުގައި ހުރި ބައެއް ސަބަބުތައް ބާތިލް ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި އެވެ.

އަދީބާއި ޒިޔަތު ހެކިންގެ ގޮތުގައި ބަލައިގަތުމުގެ މައްސަލާގައި ސުޕްރީމް ކޯޓުން ނިންމީ ހެއްކާ ބެހޭ ގާނޫނުގެ ދަށުން އާ ހުށަހެޅުންތަކަށް ފުރުސަތު ދޭން ނުޖެހޭނެ ކަމަށެވެ. ސަބަބަކީ އެއީ އެ މައްސަލަ ހިނގަން ފެށި ފަހުން އަމަލުކުރަން ފެށި ގާނޫނަކަށް ވާތީ އާއި ފަހުން އަންނަ ގާނޫނުގެ އުސޫލުތައް ހިނގާނީ ކުށާއި އަދަބު ކަނޑައަޅާ ގާނޫނުތަކުގައި އެކަނި ކަމަށް ވާތީ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ، އަދީބާއި ޒިޔަތުގެ ހެކިބަހަށް ދެވޭނެ ބުރަދަނާ ގުޅޭގޮތުން ގޮތް ނިންމަން ޖެހޭނީ ކްރިމިނަލް ކޯޓުގައި މިހާރު ހިނގަމުންދާ ޝަރީއަތުގެ މަރުހަލާއިން ކަމަށް ހުކުމުގައިވެ އެވެ.

އަދީބާއި ޒިޔަތު ފިޔަވައި ދެން ތިބި ހެކިން ބަލައިގަތުމަށް ކްރިމިނަލް ކޯޓުން ނިންމުމުގައި ސަބަބު ބަޔާން ކޮށްފައި ނެތް މައްސަލަ ވެސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.

މިރޭގެ އަޑުއެހުމަށް ޔާމީން ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

މިރޭގެ އަޑުއެހުމަށް ޔާމީން ސުޕްރީމް ކޯޓަށް ވަދެވަޑައިގަންނަވަނީ --- މިހާރު ފޮޓޯ/ނިޝާން އަލީ

އެކަމާ ގުޅިގެން ސުޕްރީމް ކޯޓުން ނިންމީ ކްރިމިނަލް ކޯޓުގެ ނިންމުމުގައި ސަބަބު ބަޔާންކޮށްފައި ނެތުމަކީ އެ ކޯޓުން ރަނގަޅަށް ކުރި ކަމެއް ނޫން ކަމަށެވެ. އެކަމަކު، އެ މަރުހަލާ ކްރިމިނަލް ކޯޓުން އަލުން ކުރިއަށް ގެންދަން އަމުރު ނުކުރެވޭނެ ކަމަށް ހުކުމުގައިވެ އެވެ.

ސަބަބެއްގެ ގޮތުގައި ހުކުމުގައި ވަނީ ކްރިމިނަލް ކޯޓުގެ ޝަރީއަތުގެ މަރުހަލާ ފެށިފައިވާތީ އާއި އަދި އެ ހެކިތައް މިވަގުތު ބަލައިގަތަސް، ޝަރީއަތުގެ މަރުހަލާގައި އެ ހެކިތައް މައްސަލައާ ގުޅޭތޯ ނުވަތަ ނޫންތޯ ބަހުސްކޮށް، ގޮތް ނިންމުމުގެ ފުރުސަތު އޮތުމުންނެވެ.

އެ މައްސަލައާ ގުޅޭ ލިޔުންތަކެއް ހާމަކުރަން ނުޖެހޭނެ ކަމަށް ނިންމާފައިވާ ނިންމުމަށް ވެސް ސުޕްރީމް ކޯޓުން ތާއީދުކުރި އެވެ. ސުޕްރީމް ކޯޓުގެ ހުކުމުގައި ވަނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ހާމަކުރަން ޖެހޭނީ ތަހުގީގީ އިދާރާތަކުގައި ހުންނަ މައުލޫމާތުތައް އެކަނި ކަމަށެވެ.

ސުޕްރީމް ކޯޓުގައި މިރޭ ހުކުމް އިއްވަނީ

ސުޕްރީމް ކޯޓުގައި މިރޭ ހުކުމް އިއްވަނީ

ޔާމީނާ އެކު އެ މައްސަލާގައި ދައުވާ ލިބޭ އަހުމަދު ކްރިކް ރިޒާގެ މައްޗަށް ފަރާތުން ވެސް ބައެއް ހުށަހެޅުންތަކާ މެދު ނިންމި ނިންމުންތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފްކުރި އެވެ.

ކްރިކް ރިޒާގެ މައްޗަށް ދައުވާ ކޮށްފައިވަނީ ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ ދަށުން ކަމަށް ވާއިރު، އޭނާގެ މައްޗަށް ދައުވާ ކުރަން ޖެހޭނީ ގާނޫނުލްއުގޫބާތުގެ ދަށުން ކަމަށް ބުނެ ވެސް އޭނާގެ ފަރާތުން ހުށަހެޅުމެއް ހުށަހެޅި އެވެ.

މި ހުށަހެޅުމާ މެދު ސުޕްރީމް ކޯޓުން މިރޭ ނިންމީ ގާނޫނުލްއުގޫބާތުގެ ދަށުން ދައުވާ ކުރަންޖެހޭ ސަބަބެއް ނެތް ކަމަށެވެ. ނަމަވެސް ތަހުގީގީ އިދާރާތަކުގައި ހުރި ހެކިތަކުގެ ތެރެއިން މައްސަލައާ ގުޅުން ހުރި ހެކިތައް ބެލުމުގެ ފުރުސަތު އޭނާ އަށް ދޭން ޖެހޭނެ ކަމަށް ސުޕްރީމް ކޯޓުން ނިންމި އެވެ.

ފަނޑިޔާރު ސުއޫދުގެ އިތުރުން އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އައިޝާ ޝުޖޫނާއި ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ.

ޔާމީން މިވަގުތު ޖަލު ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ އާރަށުގެ މައްސަލަ މިހާރު އޮތީ ހައި ކޯޓުގަ އެވެ. އެ މައްސަލާގެ އަޑުއެހުންތައް އެ ކޯޓުން އަދި ނުފަށަ އެވެ.