Roadha Mihaaru

ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާ ފަސްކުރެވޭނެ ހަމައެއް ނެތް: ދައުލަތް

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ޔާމީންގެ ޖަލު ހުކުމް ފަސްކުރެވޭނެ ހަމައެއް ނެތް: ޕީޖީ
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

10 އޯގަސްޓް 2023

ކުރީގެ ރައީސް އަބްދުالله ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ފަސްކުރެވޭނެ ގާނޫނީ ހަމައެއް ނެތް ކަމަށް ދައުލަތުން ހައި ކޯޓުގައި މިއަދު ބުނެފި އެވެ.

ވ. އާރަށް މައްސަލާގައި ޔާމީން 11 އަހަރަށް ޖަލަށްލުމަށާއި ފަސް މިލިއަން ޑޮލަރުން ޖޫރިމަނާ ކުރަން ކްރިމިނަލް ކޯޓުން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލަ ނިމެންދެން، ޖަލު ހުކުމް ތަންފީޒު ކުރަން ފަސްކުރަން ޔާމީންގެ ފަރާތްޕުޅުން ހައި ކޯޓުގައި އޮތީ އެދިވަޑައިގެންފަ އެވެ.

އެކަމާ ގުޅިގެން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ދައުލަތުން ބުނީ ޖަލު ހުކުމާއި ޖޫރިމަނާގެ އަދަބު ތަންފީޒު ކުރުން ފަސްކުރުމުގެ އަމުރެއް ނެރެވޭނެ ގާނޫނީ ހަމައެއް މިހާރު ރާއްޖޭގެ ނިޒާމުގައި ނެތް ކަމަށެވެ. އަދި ޔާމީން ކުރިން ޖަލަށްލި މައްސަލާގައި އޭރު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ވެސް އެގޮތަށް ނިންމާފައިވާ ކަމަށް ދައުލަތުން ބުންޏެވެ. އެހެންވެ، ޖަލު ހުކުމާއި ޖޫރިމަނާ ފަސްކުރުމުގެ އަމުރެއް ނެރެދެވޭނެ ތަނެއް ނެތް ކަމަށް ނިންމައިދޭން ދައުލަތުން އެދުނެވެ.

ޔާމީންގެ މައްސަލަ އޭރު ސުޕްރީމް ކޯޓުގައި ހިނގިއިރު، އޭރު ކޮށްފައިވާ ޖޫރިމަނާގެ އަދަބު ސުޕްރީމް ކޯޓުން ފަސްކޮށްފައިވޭ ނޫންތޯ ބެންޗުން ސުވާލު ކުރެއްވުމުން ދައުލަތުން ބުނީ އޭރު އަމުރެއް ނެރުނަސް، އެ ކޯޓުން އެ މައްސަލާގައި ކުރި ހުކުމުގެ އިބާރާތް އޮތްގޮތުން ޖޫރިމަނާގެ ހުކުމް މިހާރު ފަސް ނުކުރެވޭ ކަމަށެވެ.

މީގެ އިތުރުން ޔާމީންގެ ކެންޑިޑެސީއާ ގުޅޭގޮތުން ސުޕްރީމް ކޯޓުން ދާދިފަހުން ކުރި ހުކުމުގައި ޖޫރިމަނާގެ އަދަބު ފަސް ކުރެވިދާނެ ކަމަށް އޮވޭ ނޫންތޯ ވެސް ބެންޗުން ސުވާލު ކުރެއްވި އެވެ. ނަމަވެސް ދައުލަތުން ބުނީ އެގޮތަށް އެ މައްސަލާގައި ނިންމާފައިވާ ކަމަށް ގަބޫލު ނުކުރެވޭ ކަމަށެވެ.

ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ ތެރެއިން

ޔާމީންގެ އިސްތިއުނާފީ ޝަރީއަތުގެ ތެރެއިން

ރައްދުގައި ޔާމީންގެ ވަކީލް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް ދައުލަތުން ބޭނުންވާ ގޮތަކަށް މާނަ ކުރަމުންދާ ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޖަލަށްލާން ކޮށްފައިވާ ހުކުމް ފަސްކުރަން 2018 ވަނަ އަހަރު ސުޕްރީމް ކޯޓުން ނިންމި ކަމަށާއި އެ ނިންމުމަށް އެ ކޯޓުން މިހާތަނަށް ބަދަލު ގެނެސްފައިނުވާ ކަމަށް ޖަމީލް ވިދާޅުވި އެވެ. އަދި އަމުރެއް ނުނެރުނަސް ދައުލަތުން އަމިއްލައަށް ބައެއް މީހުން ގޭ ބަންދަށް ބަދަލުކުރާ ކަމަށް ޖަމީލް ވިދާޅުވި އެވެ،

ޖަމީލް ވިދާޅުވީ ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާއަކީ ދަށު ކޯޓުން ބޮޑެތި ގޯސްތަކެއް ހަދާފައިވާ މައްސަލައެއް ކަމަށެވެ. އެހެންވެ، އެ ހުކުމް ތަންފީޒު ކުރުން ފަސްނުކޮށްފި ނަމަ ބޮޑެތި ގެއްލުންތަކެއް ޔާމީނަށް ލިބޭނެ ކަމަށް ޖަމީލް ވިދާޅުވި އެވެ.

އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުގައި އަދިވެސް ވެސް ދަނީ ކުރިއަށެވެ. އެ މައްސަލަ ބައްލަވަނީ ފަނޑިޔާރު މުހައްމަދު ސަލީމާއި ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ހުޒައިފާ މުހައްމަދެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ސަލީމެވެ.

ޔާމީންގެ ޖަލު ހުކުމާއި ޖޫރިމަނާގެ ހުކުމް ދެމި އޮތުމުގެ ސަބަބުން އެމަނިކުފާނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ މައްސަލަ އެމަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅިޔަސް، އެ ކޯޓުން ވެސް ނިންމީ އެމަނިކުފާނުގެ ޝަރުތު ހަމަނުވާ ކަމަށެވެ.