Roadha Mihaaru

ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް

ރ. ފުއްގިރިގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލް ކޮށްފި އެވެ.

ފުއްގިރިގެ މައްސަލައިގެ މިއަދުގެ އަޑުއެހުން ކެންސަލް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

23 ޖުލައި 2023

ރ. ފުއްގިރިގެ މައްސަލާގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ޝަރީއަތުގެ އަޑުއެހުން މިއަދު ކެންސަލް ކޮށްފި އެވެ.

އެހެން މައްސަލައެއްގައި މިހާރު ވެސް 11 އަހަރަށް ޖަލަށް ލާފައިވާ ޔާމީންގެ މައްޗަށް ފުއްގިރިގެ މައްސަލާގައި ދައުލަތުން ދައުވާ ކުރަނީ އެ ރަށް ކުއްޔަށް ދޫކުރުމުން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރި ކަމަށް ބުނެ އެވެ.

ޔާމީންގެ އިތުރުން ސަން ކޮންސްޓްރަކްޝަން ކުންފުންޏާއި ސަން އިންވެސްޓްމަންޓްގެ މައްޗަށް މަނީ ލޯންޑްރިންގެ ދައުވާއެއް ވެސް އެ މައްސަލާގައި ދައުލަތުން ކުރެ އެވެ.

ކްރިމިނަލް ކޯޓުން ބުނީ މިއަދު ހެނދުނު ތާވަލް ކުރި އަޑުއެހުން ކެންސަލް ކުރީ ސަން ކުންފުނީގެ ވަކީލުން އެހެން ކޯޓެއްގައި އޮތް ޝަރީއަތަކަށް ދާން ޖެހުމުން ކަމަށެވެ.

ޔާމީން މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވަނީ ވ. އާރަށް މައްސަލާގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ދައުވާ ސާބިތުވެގެންނެވެ. އެ ހުކުމް ދެމި އޮތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު މި ވަގުތު އެ މަނިކުފާނަށް ވަނީ ބަންދުވެފަ އެވެ.

ޔާމީންގެ ޖަލު ހުކުމުގެ އިސްތިއުނާފް މައްސަލަ ހައި ކޯޓުގައި އޮތްއިރު، އެ މައްސަލަ ކުރިއަށް ނުގޮސް، ޔާމީންގެ އިސްތިއުނާފީ ހައްގަށް ހުރަސް އެޅޭ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އިއްޔެ ވަނީ ދުސްތޫރީ މައްސަލައެއް ވެސް ހުށަހަޅައިފަ އެވެ.