Roadha Mihaaru

ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް ހުށަހަޅައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމުން އިތުރު މައްސަލައެއް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ޔާމީންގެ ފަރާތުން ސުޕްރީމް ކޯޓަށް އިތުރު މައްސަލައެއް
މުއިއްޒު އިބްރާހިމް
މުއިއްޒު އިބްރާހިމް

25 ޖުލައި 2023

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، އެ މަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި ދުސްތޫރީ މައްސަލަ ބަލައިނުގަތުމުން އިތުރު މައްސަލައެއް ސުޕްރީމް ކޯޓަށް މިއަދު ހުށަހަޅުއްވައިފި އެވެ.

ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފައިވާ މައްސަލާގައި ޔާމީންގެ އިސްތިއުނާފް ޝަރީއަތް ނުނިމި ލަސްވަމުންދާތީ އޭގެ ސަބަބުން ޔާމީންގެ އިންތިހާބީ ހައްގު ގެއްލޭ ކަމަށް ވިދާޅުވެ، ކުރިން ހުށަހެޅުއްވި މައްސަލަ ބަލައިނުގަތުމަށް ނިންމީ ދުސްތޫރީ މައްސަލައަކަށް ނުވާތީ އެވެ.

ނަމަވެސް ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓަށް އާ މައްސަލައެއް މިއަދު ހުށަހަޅުއްވާފައި ވިޔަސް، އޭގެ ތަފްސީލެއް ނުލިބެ އެވެ. އެކަމާ ބެހޭގޮތުން އެ މަނިކުފާނުގެ ވަކީލުންގެ ބަހެއް ވެސް ނުލިބުނެވެ. އެ މައްސަލަ ބަލައިގަތުމާ މެދު ސުޕްރީމް ކޯޓުން އަދި ވަކި ގޮތެއް ނުނިންމަ އެވެ،

ޔާމީންގެ މައްޗަށް ޖަލު ހުކުމެއް އިއްވާފައި އޮތުމުން ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެ މަނިކުފާނަށް މިވަގުތު ވަނީ ބަންދުވެފަ އެވެ. ޔާމީނަށް އެ ފުރުސަތު އަލުން ލިބިވަޑައިގަންނަވާނީ އިސްތިއުނާފް މަރުހަލާއިން އެ މަނިކުފާނުގެ ޖަލު ހުކުމް ބާތިލްކޮށްފިނަމަ އެވެ.

ޔާމީންގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމުގެ އިސްތިއުނާފް ޝަރީއަތް ހައި ކޯޓުގައި ކުރިއަށް ގެންދިއުމަށް ފަހު އެ މައްސަލަ މަޑުޖެހުނީ އެ މައްސަލަ ބައްލަވާ ބެންޗުގައި ހިމެނިވަޑައިގަންނަވާ އެއް ފަނޑިޔާރަކު ޗުއްޓީއަށް ވަޑައިގަތުމުންނެވެ.

ޔާމީންގެ މައްސަލަ ހައި ކޯޓުން ނުނިލި ދިގުލައިގެން ދާއިރު، ސެޕްޓެމްބަރު 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް ކުރިމަތިލާން މިހާރު ވަނީ ހުޅުވާލައިފަ އެވެ. ސުންގަޑިއަކީ އަންނަ މަހުގެ ހަތްވަނަ ދުވަހެވެ.