ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ގާނޫނު އަސާސީ މާނަކޮށްފި ނަމަ ބޮޑެތި ކުށްވެރިން ދައުލަތުގެ އިސް މަގާމުތައް އަދާކުރަން ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
04 އޯގަސްޓް 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެވޭ ގޮތަށް ގާނޫނު އަސާސީ މާނަކޮށްފި ނަމަ ބޮޑެތި ކުށްވެރިން ދައުލަތުގެ އިސް މަގާމުތައް އަދާކުރަން ފުރުސަތު ލިބޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ސުޕްރީމް ކޯޓުގައި މިއަދު ބުނެފި އެވެ.
މިހާރު 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ޔާމީނަށް އަންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ލިބެން ޖެހޭނެ ކަމަށް ވިދާޅުވެ، އެ މަނިކުފާނު ފަރާތްޕުޅުން ސުޕްރީމް ކޯޓަށް ހުށަހެޅުއްވި ސަބަބަކީ އެމަނިކުފާނުގެ ޖަލު ހުކުމުގެ އިސްތިއުނާފް ނިމިގެން ނިހާއީ ހުކުމަކަށް ވެފައި ނެތުމެވެ.
ނިހާއީ ހުކުމަކީ އިސްތިއުނާފު ކުރުމުގެ ހުރިހާ މަރުހަލާއެއް ނިމިފައިވާ ނުވަތަ އިސްތިއުނާފްގެ މުއްދަތު ހަމަވެފައި ނުވަތަ އެ ހުކުމަށް ދެން އިތުރު ބަދަލެއް ނާންނާނެ ހާލަތަކަށް ގޮސްފައިވާ ހުކުމަކަށް ވުމެވެ.
ގާނޫނު އަސާސީ ބުނާގޮތުން އެއް އަހަރަށް ވުރެ ދިގު ޖިނާއީ ހުކުމެއް ތަންފީޒު ކުރަމުންދާ މީހުންނަށް ރިޔާސީ އިންތިހާބުގައި ވާދައެއް ނުކުރެވޭނެ އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ވަކީލް މަހްފޫޒް ސައީދު ވިދާޅުވީ ހުކުމް ނިހާއީ ނުވާ ނަމަ ރައީސް ކަމަށް ކުރިމަތިލެވޭ ގޮތަށް ގާނޫނު އަސާސީ މާނަ ކޮށްފި ނަމަ ރައީސްގެ މަގާމާއި ދައުލަތުގެ އެހެން މަގާމުތަކުގައި ބޮޑެތި ކުށްވެރިން ތިބުމުގެ ފުރުސަތު ހުޅުވިގެންދާނެ ކަމަށެވެ.
އެގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނަށް ވަކި މުއްދަތަކަށް ވުރެ ދިގު ހުކުމެއް އައިސްފައި ނެތުމަކީ އެ މަގާމުގެ ޝަރުތެއްގެ ގޮތުގައި އޮންނައިރު، ހުކުމް ނިހާއީ ނުވާތީ ކަމަށް ބުނެ މަގާމުގައި ތިބުމުގެ ފުރުސަތު އޭރުން އޮންނާނެ ކަން މަހްފޫޒް ވިދާޅުވި އެވެ.
"ޖިނާއީ އެކިއެކި މައްސަލަތަކުގައި ހުކުމް ތަންފީޒު ކުރަމުންދާ މީހުންނަށް އިންތިހާބު ވެވޭނެ ނުވަތަ އާދެވޭނެ ގޮތަށް މާނަ ކުރެވޭނީ. މިސާލަކަށް ރައްޔިތުންގެ މަޖިލީހުގައި ތިބެދާނެ ޖިނާއީ ކުށްތައް ސާބިތުވެފައި މީހުން. ޓެރަރިޒަމް ކުށެއް ސާބިތުވެފައި ތިބޭ ބަޔަކު ވެސް ތިބެދާނެ." މަހްފޫޒް ވިދާޅުވި އެވެ.
އީސީގެ ވަކީލް މަހްފޫޒް ސައީދު ޝަރީއަތުގައި ވާހަކަ ދައްކަވަނީ
"މަޖިލިސް ފެށިގެން ގަޑިޖެހިގެން މެމްބަރުން ހާޒިރު ނުވާތީ ބެލިއިރު ބައެއް މެމްބަރުން ހާޒިރު ނުވަނީ އެ ބޭފުޅުން ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާތީ. ވީ ގޮތް ބެލިއިރު އެ ބޭފުޅުންނަށް ކުށް ސާބިތުވެ ޖަލުގައި ތިއްބެވި ކަމުގައި ވީ ނަމަވެސް މައްސަލަ އިސްތިއުނާފް ކޮށްފައި އޮތީތީ އެ ބޭފުޅުން އެ ތިބީ ކުރިމަތިލައިގެން ހޮވިފައި. އަޅުގަނޑުގެ ސުވާލަކީ މިހެން ހައްދަވާފައި އޮވެދާނެތޯ ގާނޫނު އަސާސީ ހެދި މަޖިލީހުން." މަހްފޫޒް ސުވާލު ކުރެއްވި އެވެ.
މަހްފޫޒް ވިދާޅުވީ އެއީ ގާނޫނުއަސާސީ ހެދި ހާއްސަ މަޖިލީހުގެ ވިސްނުމެއް ކަމަށް ނުބެލެވޭނެ ކަމަށެވެ. އަދި ކޯޓަކުން ހުކުމެއް ބާތިލް ނުކުރާހާ ހިނދަކު އެ ހުކުމެއް ދެމި އޮންނާނެ ކަމަށާއި އެގޮތަށް ސުޕްރީމް ކޯޓުން ވެސް ނިންމާފައިވާ ކަމަށް މަހްފޫޒް ވިދާޅުވި އެވެ.
މަހްފޫޒް ވިދާޅުވި ރައީސްކަމުގެ ޝަރުތާ ގުޅޭގޮތުން ގާނޫނުއަސާސީ އިތުރަށް މާނަކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށެވެ. އަދި ގާނޫނު އަސާސީ މާނަކުރަން ޖެހޭނީ އިތުރަށް ސާފުނުވާ ނަމަ ކަމަށް ސުޕްރީމް ކޯޓުން ކުރިން ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މަހްފޫޒް ވިދާޅުވި ގޮތުގައި ޔާމީންގެ މައްޗަށް ޖަލު ހުކުމެއްގެ އިތުރުން ސާބިތު ދަރަންޏެއް ވެސް އޮތުމުން ރައީސްކަމުގެ ޝަރުތެއް ގެއްލެ އެވެ. އެއީ މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވި ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ކުރުމުގެ އަދަބެވެ. އެ ފައިސާ މިހާތަނަށް ނުދައްކަވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި އެމަނިކުފާނުގެ ވަކީލުން މިއަދުގެ އަޑުއެހުމުގައި
އެކަމާ ބެހޭގޮތުން ޔާމީންގެ ވަކީލުންނާ ބެންޗުން ސުވާލު ކުރެއްވުމުން އެ މަނިކުފާނުގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ ޝަރުތު ހަމަނުވާ ކަމަށް ފުރަތަމަ ދިން ލިޔުމުގައި ސާބިތު ދަރަނީގެ މައްސަލަ ކޮމިޝަނުން ފާހަގަ ނުކުރާ ކަމަށެވެ. އަދި އެކަން އެންގީ އެ ކޮމިޝަނުން ފަހުން ދިން ލިޔުމެއްގައި ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީން ފުރުސަތަކަށް އެދިވަޑައިގެން ދެއްކެވި ވާހަކާގައި ވިދާޅުވީ ޖޫރިމަނާ އަކީ ޖަލު ހުކުމެއް ބައެއް ކަމަށެވެ. އަދި ޖޫރިމަނާ ދައްކަން ކޯޓުން ދިން މުއްދަތު ވެސް ހަމަނުވާ ކަމަށާއި އަދި ފައިސާ ދައްކަން މީރާއިން އަންގާފައިނުވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
މަހްފޫޒް ވިދާޅުވީ ކޮމިޝަނުން ބެލީ ޔާމީން ފައިސާ ދެއްކެވިކަން ނުވަތަ ނޫންކަން ކަމަށެވެ.
މީގެ އިތުރުން ޖަލުތަކާއި ޕެރޯލްގެ ގާނޫނުގެ ދަށުން، ހުކުމް ތަންފީޒުކުރާ ގައިދީންނަށް ޕާޓީތަކުގެ ހަރަކާތްތަކުގައި ބައިވެރިނުވެވޭނެ ކަމަށް އޮންނާތީ އެކަން މަހްފޫޒް ފާހަގަ ކުރެއްވި އެވެ. އެހެންވެ، އޭގެ ދަށުން ޔާމީނަށް ޕީޕީއެމްގެ ޓިކެޓްގައި ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި އިތުރު ކެންޑިޑޭޓަކު ހުށަހަޅަން ޕީޕީއެމަށް އިތުރު ފުރުސަތު ދޭން ޔާމީން އެދިވަޑައިގެންފައިވާތީ އެކަމާ ބެހޭގޮތުން މަހްފޫޒް ވިދާޅުވީ އެ ފުރުސަތު މިހާރު ވެސް އެބައޮތް ކަމަށެވެ.
ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ ފުލް ބެންޗުން ބައްލަވާ މައްސަލާގެ އަޑުއެހުންތައް މިވަގުތު މެދުކަނޑާލާފައި ވިޔަސް، މިރޭ ވެސް އަޑުއެހުންތައް ކުރިއަށް ގެންދާނެ އެވެ.
ކުށްވެރިންނަށް ފުރުސަތު ދެވޭގޮތަށް ގާނޫނު މާނަނުކުރެވޭނެ
ޖޫރިމަނާއާ ބެހޭގޮތުން ޔާމީން ހެއްދެވީ އިތުރުފުޅެއް
ކޯޓުން ވެސް ނިންމީ ޔާމީނާ ދެކޮޅަށް؛ ފުރުސަތެއް ނެތް!
ޔާމީންގެ މައްޗަށް އޮތީ ސާބިތު ދަރަންޏެއްތަ؟
ޔާމީންގެ މައްސަލައިގެ ހުކުމް މާދަމާ ހެނދުނު 10 ގައި
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
ހޫނު ބަހުސްތަކަށްފަހު ޔާމީންގެ މައްސަލަ ހުކުމާ ހިސާބަށް
ފަނޑިޔާރުން: ޖަލުގައި ހުރެ ހޮވިއްޖެނަމަ ވާނީ ކިހިނެއް
އިސްތިއުނާފް ނުނިމެނީ އަޅުގަނޑުގެ ކުށަކުންނޫން: ޔާމީން
ޖޫރިމަނާއާ ހެދި ޔާމީންގެ ކެންޑިޑެސީއަށް އިތުރު ހުރަހެއް