ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ހާޅަތެއްގައި އެހެން ކެންޑިޑޭޓެއް ނެރެން ފުރުސަތު ލިބިއްޖެ ނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
05 އޯގަސްޓް 2023
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ސައްހަ ނޫން ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި ހާޅަތެއްގައި އެހެން ކެންޑިޑޭޓެއް ނެރެން ފުރުސަތު ލިބިއްޖެ ނަމަ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށް އެ ޕާޓީން މިރޭ ބުނެފި އެވެ.
އަންނަ މަހު އޮންނަ ރިޔާސީ އިންތިހާބަށް ޔާމީންގެ ކެންޑިޑެންސީ ބަލައިނުގަތް މައްސަލާގައި ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލާގައި ޕީޕީއެމްއިން ވަނީ ޔާމީންގެ ޝަރުތު ފުރިހަމަ ނުވާ ކަމަށް ނިންމާ ނަމަ، އެހެން ކެންޑިޑޭޓަކު ނެރެން އެ ޕާޓީއަށް ފުރުސަތު ދޭން އެދިފަ އެވެ.
ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.
އެގޮތަށް އެދުނު އިރު، އެކުގައި މަސައްކަތްކުރާ ޕީއެންސީން ވަނީ ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި ވާދަކުރާނެ ކެންޑިޑޭޓެއްގެ ގޮތުގައި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ހޮވައިފަ އެވެ. އެއީ އިއްޔެއާ ހަމައަށް ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި މުއިއްޒު ޕީއެންސީއަށް ސޮއިކުރުމަށް ފަހު ހަމަ އެ ދުވަހުން ދުވަހަށް ނިންމި ނިންމުމެކެވެ.
އެކަމަކު، ޕީޕީއެމްއިން މިހާރު ބުނަނީ އެއީ "ޕްލޭން ސީ" ކަމަށެވެ. ޕްލޭން އޭ އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން ބީ އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުމެވެ.
ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި ޔާމީނަށް ކުރިމަތިނުލެއްވޭ ހާލަތުގައި އެ މަނިކުފާނު ބޭނުންފުޅު ވާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ހުންނަން ކަމަށެވެ. އެއީ ބޮޑު ޕާޓީއަކަށްވެފައި އިންތިހާބުގައި އެ ޕާޓީގެ ކެންޑިޑޭޓެއް ހުންނަން ޖެހޭނެތީ ކަމަށް ވިދާޅުވި އެވެ.
"އެއީ އަބަދުވެސް ޕްލޭން ބީ އަކީ، އެކަން ހާމަނުކޮށް މިއޮތީ މައްސަލަ ކޯޓުގައި ކުރިއަށްދާންދެން، ޔާމީނަށް ކުރިމަތިނުލެވޭ ހާލަތުގައި ވެސް އެ މަނިކުފާނު ވެސް ބޭނުންފުޅު ވާނީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރެން،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ޕްލޭން ސީ އަށް ތައްޔާރުވީ ސުޕްރީމް ކޯޓުން ޕީޕީއެމްއަށް އެ ފުރުސަތު ނުލިބިދާނެ ހާލަތެއް ވެސް އަތުވެދާނެ ކަމަށް ބަލާފައި ކަމަށެވެ. އިންތިހާބަށް ވާދަކުރަން ހުށަހެޅުމަށް ދެން ބާކީ އޮތީ ދެ ދުވަހެވެ.
ޝިޔާމް: އޭނާ ވިދާޅުވި ގޮތުގައި އަބަދުވެސް ޕްލޭން ބީއަކަށް އޮތީ ޕީޕީއެމްއިން ކެންޑިޑޭޓެއް ނެރުން
"ޕްލޭން ބީ އެކްޓިވޭޓް ކުރެވޭނީ ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް، ޕްލޭން ބީ އެކްޓިވޭޓް ކުރާނެ އެ ފުރުސަތު ސުޕްރީމް ކޯޓުން ލިބިއްޖެ ނަމަ. ނޫން ނަމަ އަޅުގަނޑުމެންގެ ޕްލޭނަކަށް އޮންނާނީ ޕްލޭން ސީ،" ޝިޔާމް ވިދާޅުވި އެވެ.
ޔާމީންގެ ޕްލޭން ސީގެ ދަށުން މުއިއްޒު ކެންޑިޑެންސީ ހޯއްދަވާފައިވާއިރު ޕްލޭން ބީ އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރުންކަން މުއިއްޒަށް ވެސް ކުރިން ވެސް އެނގިވަޑައިގަންނަވާނެ ކަމަށް ޝިޔާމް ވިދާޅުވި އެވެ. ނަމަވެސް، މުއިއްޒު ބޭނުންވީ ޕްލޭން ސީގެ ދަށުން ޕީއެންސީގެ ޓިކެޓަށް ވާދަކޮށް އެ ފުރުސަތު ހޯއްދަވަން ކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މުއިއްޒު ހިސާބު ޖައްސަވާފައި އެކަމަށް އެ ކުރިމަތިލެއްވީ، މިއީ އަލަށް ނެރެގެން މުއިއްޒަށް އެނގިވަޑައިނުގެން ގެންގުޅޭ އެއްޗެއް ނޫނޭ، މުއިއްޒު ބޭނުންފުޅުވީ ޕްލޭން ސީއަށް ވާދަކުރަން،" ޝިޔާމް ވިދާޅުވި އެވެ.
ޕީޕީއެމްގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވުމަށް ފަހު އެ ޕާޓީ ދޫކުރައްވައި ޕީއެންސީއަށް މުއިއްޒު ސޮއިކުރެއްވީ ޓިކެޓަށް ހުޅުވާލި ދުވަހު އެވެ. މުއިއްޒަށް އެ ފުރުސަތު ފަހިކުރުމަށް އެ ޕާޓީގެ އަސާސީ ގަވައިދަށް ވެސް ބަދަލު ގެނަ އެވެ.
ޕްލޭން ސީގެ ބަދަލުގައި ޕްލޭން ބީގެ ދަށުން ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭ ނަމަ، އަނެއްކާވެސް ޕާޓީ ބަދަލުކޮށް އެ ޓިކެޓް ވާދަކުރުމުގެ މުއިއްޒަށް އޮންނާނެކަން ޝިޔާމް ފާހަގަކުރެއްވި އެވެ.
"ޕީޕީއެމްގެ އަސާސީ ގަވައިދު ބަދަލުކޮށްލަން ޖެހޭނީ އެ ހާލަތުގައި، ހަމަ ޕީއެންސީގެ އަސާސީ ގަވައިދު ވެސް ބަދަލުކުރި ގޮތަށް،" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި ޕީޕީއެމްއަކީ އިދިކޮޅު އެންމެ ބޮޑު ޕާޓީ ކަމަށްވާއިރު އެ ޕާޓީގެ ކެންޑިޑޭޓެއް ނެތި، އިންތިހާބު މިނިވަން، އިންސާފުވެރި ނުވާނެ ކަމަށެވެ. އެ ޕާޓީން އަދިވެސް އުއްމީދު ކުރަނީ ޕާޓީގެ ޓިކެޓްގައި ޔާމީނަށް ވާދަކުރެވޭނެ ކަމަށް ކަމަށާއި އެފަދަ ނިންމުމެއް ސުޕްރީމް ކޯޓުން ނިންމަވާނެ ކަމަށެވެ.
ޕީއެންސީގެ ޓިކެޓް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އެ ޕާޓީގެ ރައީސް އަބްދުއްރަހީމް ވިދާޅުވެފައިވަނީ ޔާމީނަށް ސުޕްރީމް ކޯޓުން މަގުފަހިވެއްޖެ ނަމަ، ޕީއެންސީ ކެންޑިޑޭޓް ނަން އަނބުރާ ގެންދާނެ ކަމަށެވެ. މުއިއްޒު ވެސް ވިދާޅުވެފައިވަނީ، އޭނާގެ އެންމެ ބޮޑަށް އެދެނީ ޔާމީނަށް އިންތިހާބުގައި ވާދަކުރަން ފުރުސަތު ލިބުން ކަމަށެވެ.
ޔާމީންގެ ކެންޑިޑެންސީއާ ގުޅޭ މައްސަލާގެ އަޑުއެހުންތައް މިއަދު ހަވީރުން ފެށިގެން ރޭގަނޑު ވެސް ކުރިއަށް ގެންގޮސް ވަނީ ނިންމާލައިފަ އެވެ. ދެން އެ މައްސަލާގައި އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.
މުއިއްޒަށް ކާމިޔާބުވާން އެންމެ ބޭނުންވަނީ ޔާމީން:ޝިޔާމް
ޔާމީން ބޭނުންވީ ރިވިއު އަށް ފުރުސަތު ހޯދަން
ސަރުކާރުގެ އަނިޔާވެރިކަން ނޫން އެއްޗެއް ނުފެނޭ: ޝިޔާމް
މުއިއްޒުގެ ތަރުޖަމާނަކަށް ޕީޕީއެމްގެ އެސްޖީ ތޮލާލް
ދެވަނަ ބުރަކަށް އިންތިޒާރު ނުކުރަން: އަބްދުއްރަހީމް
ކުރިއަށް ގެންދާނީ ޔާމީންގެ ތަރައްގީގެ ލެގަސީ: މުއިއްޒު
ޔާމީނަށްޓަކައި މުއިއްޒު، ރައީސް އަރިހުގައި އާދޭސްކުރި!
މުއިއްޒު ހޮވަން ޕީޕީއެމް/ޕީއެންސީ ލީޑަޝިޕް އެއްގަލަކަށް
މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ ދުވަސް: ޔާމީން ގެއަށް!
ޔާމީންގެ ވިސްނުން ބަދަލުކޮށް މުއިއްޒަށް ތާއީދުކޮށްފި