Roadha Mihaaru
ޔާމީނަށްޓަކައި މުއިއްޒު، ރައީސް އަރިހުގައި އާދޭސްކުރި!

ޔާމީން މިނިވަންކުރަން ރައީސަށް ގުޅައި އާދޭސްކުރިން: މުއިއްޒު

09 އޯގަސްޓް 2023

ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ އަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި ތަކުރާރުކޮށް އާދޭސް ދެންނެވި ކަމަށް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރިޝްވަތު ގަބޫލު ކުރުމާއި މަނީލޯންޑަރިންގެ ކުށް ސާބިތުވެގެން 11 އަހަރަށް ޖަލަށް ލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެ އަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވައި ތަކުރާރުކޮށް އާދޭސް ދެންނެވި ކަމަށް، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ޓިކެޓާ މެދު އުފެދުނު ބޮޑު ހިޔާލު ތަފާތުވުންތަކަށް ފަހު، އިދިކޮޅު ކޯލިޝަން އެކަތިގަނޑަކަށް ވެ، ފުރަތަމަ ފަހަރަށް ބޭއްވި ނިއުސް ކޮންފަރެންސްފައި މުއިއްޒު ވިދާޅުވީ، ރިޔާސީ ރޭހުގައި ޔާމީނަށް ވާދަނުކުރެއްވޭނެ ކަމަށް ސުޕްރީމް ކޯޓުން މިދިޔަ އާދިއްތަ ދުވަހު ހުކުމް ކުރުމުން، އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް އެދިވަޑައިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅުއްވި ކަމަށެވެ.

ޔާމީން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް ތަކުރާރުކޮށް އެދިވަޑައިގަތުމުން އެކަމާ މެދު ވިސްނަވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ހަވާލާ ދެއްވައި މުއިއްޒު ވިދާޅުވި އެވެ.

"...އަޅުގަނޑު ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ގުޅިން މީގެ ދެ ދުވަސް ކުރިން ވެސް. [ޔާމީންގެ] ކެންޑެޑިސީ ބާތިލްކޮށް، އެ މަނިކުފާނަށް [ރިޔާސީ އިންތިހާބަށް] ކުރިމަތިނުލެވޭނެކަން ހުކުމްކުރި ކުރި ދުވަހު އަޅުގަނޑު ގުޅާފައި ދެންނެވިން ރައީސޭ، ތި ބޭފުޅުން ބޭނުންފުޅުލެއްވީ ރައީސް ޔާމީނަށް ކުރިމަތިނުލެވޭ ގޮތް ހަދަން ނޫންހޭ. މިހާރު އެ މަނިކުފާނަކަށް ކުރިމައްޗެއް ނުލެވޭނެކަން ޔަގީންވެއެއް ނޫންހޭ. ދެން އެ މަނިކުފާނު ގެއަށް ގެނެސްދެއްވުމަށް އަޅުގަނޑު އާދޭސްކޮށް ދަންނަވަމޭ،" މާލޭގެ މޭޔަރުގެ މަގާމުގެ ވެސް ފުރުއްވާ މުއިއްޒު ވިދާޅުވި އެވެ.

"އަޅުގަނޑު އާދޭސް ދެންނެވިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ރައީސް ޔާމީން ގެއަށް ބަދަލުކޮށްދިނުމަށް."

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޕީޕީއެމްގެ އޮފީހުގައި ރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް މުއިއްޒު ބައިވެރިވެވަޑައިގަންނަވަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

މުއިއްޒު ވިދާޅުވީ، ޔާމީން ޖަލުގައި ބެހެއްޓުމަކީ ޔާމީނާއި އާއިލާ އަށް ވެސް ލިބޭ ވަރަށް ބޮޑު ނިކަމެތިކަމެއް ކަމަށް ރައީސް އަރިހުގައި ދެންނެވި ކަމަށެވެ.

"އެހެންވީމަ އަޅުގަނޑު ވަރަށް އާދޭސް ދަންނަވަމޭ، އެ މަނިކުފާނު ގެއަށް ބަދަލުކޮށްދިނުމަށް. އަޅުގަނޑު ދެންނެވިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް. ތަކުރާރުކޮށް ދެންނެވިން. ދެން ވިދާޅުވި ތިމަން މަނިކުފާނު ވިސްނަވާނަމޭ،" ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ދެއްކެވި ވާހަކަތަކާ ގުޅޭ ގޮތުން މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އޭނާ ވެރިކަމަށް އިންތިހާބު ކޮށްފި ނަމަ އެންމެ ފުރަތަމަ ވެސް ކުރައްވާނެ އަދި އަދި އިސް ޒިންމާއަކީ ގާނޫނީ ހަމަތަކުގެ މަތިން ޔާމީން މިނިވަން ކުރުން ކަމަށެވެ.

"ސިޔާސީ ގޮތުން ހައްޔަރުކޮށް، ސިޔާސީ ކުށްވެރިއެއްގެ ގޮތުގައި އެ މަނިކުފާނު ހައްޔަރުކޮށްފައި ހުރި ހުރުން އަޅުގަނޑުމެން ނިމުމަކަށް ގެންނާނީ އިރާދަކުރެއްވިއްޔާ ސިޔާސީ ގޮތުން މި ޕާޓީ އަށް، މި ކޯލިޝަނަށް ބާރުވެރިކަން ހޯދައިގެން. އިންޝާ ﷲ، އެއީ އަޅުގަނޑުމެން ކުރާނެ މަސައްކަތް. އެ މަސައްކަތް ކޮށްދެއްވާނީ އަޅުގަނޑުމެންނާ އެކީގައި ތިޔަ ލޮބުވެތި ހުރިހާ ރައްޔިތުން،" މުއިއްޒު ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، މި ސަރުކާރުގެ އަނިޔާވެރިކަން ވަނީ އިންތިހާއަށް ގޮސްފަ އެވެ. އެ އަނިޔާވެރިކަމާއި ބިރުވެރިކަން ނިމުމަކަށް ގެންނަން ޖެހޭ ކަމަށާއި އެކަން ވާނީ، މުއިއްޒު ވިދާޅުވި ގޮތުގައި، ޕީޕީއެމް/ޕީއެންސީގެ ޓީމަށް އިތުބާރު ކޮށްގެންނެވެ.

ޔާމީންގެ ވެރިކަމުގައި ހައުސިން މިނިސްޓަރުކަން ކުރެއްވި މުއިއްޒު ވިދާޅުވީ، އޭނާ އަމަލުކުރައްވާނެ އަނެއް ސިޔާސަތަކީ ޔާމީންގެ ތަރައްގީގެ ލެގަސީ ކުރިއަށް ގެންދެވުމެވެ. އެ މަނިކުފާނުގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދާނެ ކަމަށް ޝައްކު ކުރާނެ އެއްވެސް މީހަކު ނުހުންނާނެ ކަމަށާއި ޔާމީން ކަމަކަށް ވައުދުވެވަޑައިގަންނަވާނީ އެކަމެއް ކުރެވޭނެ ކަމުގެ ޔަގީންކަން އޮތުމުން ކަމަށް، އެ ވެރިކަމުގެ ފަސް އަހަރު ސާބިތުކޮށްދީފައިވާ ކަމަށް މުއިއްޒު ވިދާޅުވި އެވެ.