Roadha Mihaaru
އޮޅުވާލުމާއި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!

އޮޅުވާލުން އަދި ޔާމީންގެ އަޑި ނޭނގޭ އެކި މޫނުތައް!

07 އޯގަސްޓް 2023

މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒާ މެދު ކަންތައް ވީ ގޮތް ހަނދާނަށް ގެންނަމާ ހިނގާށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއާ މެދު ސުވާލު އުފައްދާ ކަމަށް ބުނެ ރަމީޒުގެ މައްސަލަ ބަލަން އެންގެވީ ސީދާ ޔާމީނެވެ. ނަތީޖާ ވަރަށް ސާފެވެ. ޕީޕީއެމްގެ ކަމާ ގުޅޭ ކޮމިޓީން މައްސަލަ ބަލައި ނުނިމެނީސް އޭނާ އަށް ޖެހިވަޑައިގަތީ އެ ޕާޓީ ވެސް ދޫކޮށްލާށެވެ. އަމިއްލަ ސަލާމަތް ހޯދީ ކަމަށް ބެލެވިދާނެ އެވެ.

އަހުމަދު ހަމްދޫން އަހުމަދު ހަމްދޫން

މާލެ ސިޓީ ކައުންސިލްގެ މެމްބަރު އާދަމް ރަމީޒާ މެދު ކަންތައް ވީ ގޮތް ހަނދާނަށް ގެންނަމާ ހިނގާށެވެ. ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކަމަށް އެ ޕާޓީން ކަނޑައަޅާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީއާ މެދު ސުވާލު އުފައްދާ ކަމަށް ބުނެ ރަމީޒުގެ މައްސަލަ ބަލަން އެންގެވީ ސީދާ ޔާމީނެވެ. ނަތީޖާ ވަރަށް ސާފެވެ. ޕީޕީއެމްގެ ކަމާ ގުޅޭ ކޮމިޓީން މައްސަލަ ބަލައި ނުނިމެނީސް އޭނާ އަށް ޖެހިވަޑައިގަތީ އެ ޕާޓީ ވެސް ދޫކޮށްލާށެވެ. އަމިއްލަ ސަލާމަތް ހޯދީ ކަމަށް ބެލެވިދާނެ އެވެ.

ޔާމީނަށް ފުރުސަތު ގެއްލިއްޖެ ހާލަތުގައި ރިޔާސީ އިންތިހާބަށް ކުރިމަތިލައްވަން ކަމަށް ބުނެ ތައްޔާރުވި މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒާ މެދު ވެސް ކަންތައް މި ވަނީ ދާދި އެއްގޮތަކަށެވެ. ކުއްލި ގޮތަކަށް ޕްލޭން ބީ އާއި ސީއެއްގެ ވާހަކައެއް އަތުވެއްޖެ އެވެ. ޑރ. މުއިއްޒުގެ ރިޔާސީ ކެންޑިޑެސީއާ މެދު ސުޕްރީމް ކޯޓުގެ އިއްޔެގެ ނިންމުމާ ހަމައަށް ހިމޭނުން ހުންނެވުމަށް ފަހު ޔާމީން ދެން ޖެއްސެވީ "ނުބައި ގޯލް" އެކެވެ.

ޔާާމީންގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން ނިންމުމާ އެކު، އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބު ވެސް ޕީޕީއެމުން ބޮއިކޮޓް ކުރަން އެންގެވީ އެވެ. އެއްވެސް މީހަކު ކުރިމަތިލައިގެން ވެސް ނުވެ އެވެ. ޕީޕީއެމް/ޖޮއިންޓް ސެނެޓްގެ 60 އަށް ވުރެ ގިނަ މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރި ފާސްކުރުން ވެސް ބޮލާލައި ޖެއްސެވީ އެވެ. އެ ބޭފުޅުން ފާސްކުރީ ޔާމީން ވިދާޅުވި ގޮތަށް އިންތިހާބު ބޮއިކޮޓް ނުކުރާށެވެ. ޑިމޮކްރެސީ އާއި ސެނެޓްގެ އަޣުލަބިއްޔަތުގެ ނިންމުން ވެސް ވެސް ޔާމީން ގަބޫލުފުޅެއް ނުކުރެއްވި އެވެ.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބެލުމަށް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގައި އިއްޔެ ވޯޓު ނަގަނީ: އިއްގެ އެ ހޫނު ބައްދަލުވުމަށް ދިޔަ 126 ސެނެޓަރުންގެ ތެރެއިން 67 މީހުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް.

ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ފެނޭތޯ ބެލުމަށް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގައި އިއްޔެ ވޯޓު ނަގަނީ: އިއްގެ އެ ހޫނު ބައްދަލުވުމަށް ދިޔަ 126 ސެނެޓަރުންގެ ތެރެއިން 67 މީހުން ވޯޓު ދިނީ އިންތިހާބު ބޮއިކޮޓް ކުރަން ނުފެންނަ ކަމަށް.

ސެނެޓްގެ ބަހުސް ވަރަށް ބޮޑަށް ދެކަފިވެ، ބޮޑު އަރައިރުންގަނޑެއްގެ ތެރެއިން ފާސްކުރީ ގިނަ މީހުން ބޭނުންވި ގޮތަށެވެ. ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރުމަކީ މި ވަގުތަށް ބަލާއިރު ޕީޕީއެމަށާއި ޕީއެންސީ އަށް އެންމެ ފައިދާ ހުރި ގޮތް ކަމަށް ނުވާތީ އެވެ. އޭގެ ހުރިހާ ކާމިޔާބީއެއް ލިބޭނީ މިހާރު ވެރިކަން ކުރާ ޕާޓީ އަށް ކަމަށް ވާތީ އެވެ. އެކަމަކު، ޔާމީނަށް އިންތިހާބުން ފުރުސަތު އެއްކޮށް ބަންދުވުމުން އެ މަނިކުފާނު ބޭނުންފުޅުވީ މުޅި އިންތިހާބު ވެސް ދޫކޮށްލައްވާާށެވެ. އިންތިހާބެއް ބޮއިކޮޓް ކުރުން ފަދަ ބޮޑު ސިންގާ ނިންމުމެއް ނިންމަން ޖެހޭނީ ވަރަށް ބޮޑަށް ބަހުސްކޮށް، ގިނަ މީހުންގެ ރައުޔާ އެކު ކަމަށް ވާއިރު، އެ ނިންމުން ގަބޫލުފުޅު ކުރައްވަން އެ މަނިކުފާނު ބޭނުންފުޅު ނުވި އެވެ.

ޕާޓީގައި ތިބި އެތައް ހާސް މެމްބަރުންގެ ހައްގު ނިގުޅައި ގަނެވުނީ އެވެ. އެތައް ރައްޔިތުންގެ ހައްގަށް އަރައިގަނެވުނީ އެވެ. ޔާމީންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތުމުން ސުޕްރީމް ކޯޓުން އެ އެ މަނިފާނު ހުށަހެޅުއްވި މައްސަލައިގެ އަޑުއެހުންތަކުގައި އެންމެ ބޮޑަށް ވަކާލާތު ކުރެއްވި އެއް ކަމަކީ އިންތިހާބަށް ވާދަކުރުމުގެ ހައްގު ނިގުޅައިގަތް ކަމަށް ވިދާޅުވެ އެވެ. ޔާމީނަށް ވޯޓުލާން ތިބި އެތައް ހާސް ބައެއްގެ ހައްގު ގެއްލުނީ ކަމަށް ވިދާޅުވި އެވެ.

އެކަމަކު، މިއަދު މިވީ ކިހިނެއް ހެއްޔެވެ؟ ޔާމީނަށް ފުރުސަތު ގެއްލުމުން ޕީޕީއެމްގެ މެމްބަރުން އިހުތިޔާރު ކުރާ މީހަކަށް ވޯޓުލުން ވެސް ބަންދު ކުރައްވަން ސީދާ ޔާމީން މަސައްކަތްޕުޅު ކުރައްވަނީ އެވެ. އެ އެންމެންގެ ހައްގު ކޮބައި ހެއްޔެވެ؟ ހަމައެކަނި މުހިންމީ އެންމެ ފަރުދެއްގެ ހައްގު ހެއްޔެވެ؟

އިންތިހާބު ބޮއިކޮޓް ކޮށްގެން ލިބޭނީ ކޮން މޮޅެއް ހެއްޔެވެ؟ ޔާމީން ޖަލަށް ލާފައި ވަނީ ނުހައްގުން ކަމަށް ކިތަންމެ ވަރަކަށް ބުންޏަސް ބައިނަލްއަގްވާމީ ފިއްތުމެއް މިވީހާ ދުވަހަކު ނެތެވެ. ބައިނަލްއަގްވާމީ ޖަމާއަތަކުން ކަޅި ވެސް ނާޅަ އެވެ. ބައެއް މީހުންނާ އެކު ބައްދަލުވުންތައް ބޭއްވިޔަސް ނަތީޖާ ސުމެކެވެ. ބަޔާނެއް ނުނެރެ އެވެ. އާންމުންގެ ކުރިމަތީގައި ކަންބޮޑުވުމެއް ފާޅެއް ނުކުރެ އެވެ. އަނެއްކާ ޔާމީނަށް އިންތިހާބަށް ކުރިމަތި ނުލެވޭނެ ކަމަށް ރާއްޖޭގެ އެންމެ މަތީ ކޯޓުން ނިންމުމުން ބައިނަލްއަގްވާމީ ގޮތުން އަދި ވަކިން ލިބޭނެ ހަމްދަރުދީއެއް އޮވެދާނެ ބާވަ އެވެ؟

އިންތިހާބު ބޮއިކޮޓް ކުރުމަކީ އާދައިގެ ކަމެއް ނޫނެވެ. މިފަދަ ކަމަކުން ކިތަންމެ ނޭދެވޭ ނަތީޖާއެއް ނުކުމެދާނެ އެވެ. ޕާޓީ މަގުމަތިވުމުގެ ފުރުސަތު އެބައޮތެވެ. އެއްބަޔަކު ޔާމީން ދޫކޮށް، އެހެން ކެންޑިޑޭޓުުން ނުވަތަ އެހެން ޕާޓީތަކުގެ ފަހަތަށް ހިނގައިދާނެ އެވެ. މިއީ އިންތިހާބީ މޫސުމެވެ. އަނެއްކާވެސް އަނެއް ފަސް އަހަރު ގެއްލި މަގުމަތިވާން އެންމެންނެއް ނުތިބޭނެ އެވެ. ލީޑަރުން ގަދަކަމުން ކަންކަން ކުރަން އުޅުއްވުމުގެ ނަތީޖާ ރާއްޖޭގެ ޕޮލިޓިކްސް އިން ވެސް ވަނީ ފެނިފަ އެވެ. ހުދުމުހުތާރުކަމާއި ގަދަ ދެއްކުމުން ޕާޓީތައް ގެއްލިފައިވާ ލީޑަރުން އެބަތިއްބެވި އެވެ.

ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއްގައި ބަޔަކު ބައިވެރިވަނީ.

ޕީޕީއެމް/ޕީއެންސީގެ ޖަލްސާއެއްގައި ބަޔަކު ބައިވެރިވަނީ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އަބަދުވެސް ބުނަމުން އައީ އެ މީހުންގެ ސަޕޯޓަރުން މަގުމަތި ނުވާނެ ކަމަށެވެ. މަގުމަތި ނުކުރާނެ ކަމަށެވެ. ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް ބުނެ ޕަސެންޓުން ދެއްކި އަދަދު މަދެއް ނޫނެވެ. ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން ނެތް ނަމަ ޔާމީން އެ މަނިކުފާނު ކޮންމެވެސް މީހަކު ދައްކަވާނެ ކަމަށް ތަކުރާރުކޮށް ޕީޕީއެމްގެ ލީޑަޝިޕުން ބުނަމުން ދިޔަ އެވެ. އެކަމަކު، އެ ކެންޑިޑޭޓު ދައްކަން މިއަދު ހުރަސް އަޅުއްވަނީ ސީދާ ޔާމީނެވެ. އެ މަނިކުފާނަށް ބައިވެރިވެވައިނުގެންނެވޭ އިންތިހާބެެއް ވެސް އޮވެގެން ނުވެ އެވެ.

ޔާމީން 11 އަހަރުގެ ޖަލު ހުކުމުން ސަލާމަތް ކުރަން ވެސް ތިބޭނީ ހަމަ ޕީޕީއެމް/ޕީއެންސީގެ މީހުންނެވެ. އެ ކޯލިޝަނެވެ. އެކަން ވެސް ފަސޭހައިން ކުރެވޭނެ ކަމަށް ކާމިޔާބުވާން އޮތީ ވެރިކަމަށް އާދެވިގެންނެވެ. އެކަން ވެސް ޔާމީން ވިސްނަވާހެން ހިޔެއް ނުވެ އެވެ. ސެނެޓްގެ އިއްޔެގެ ބައްދަލުވުމުގައި ވެސް 60 އަށް ވުރެ ގިނަ ސެނެޓަރުން ދެއްކެވީ އެ ވާހަކަ އެވެ. ޔާމީން ޖަލުގެ ތޭރިތަކުން ނުކުމެވޭނެ ގޮތަށް މަގުފަހި ކުރާނެ އެހެން ބަޔަކު ނާންނާނެ ކަމަށެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓަކީ މުއިއްޒު ކަމަށް އެ ޕާޓީގެ މަޝްވަރާ މަޖިލިހުން ފާސްކުރިތާ މާ ގިނައިރުތަކެއް ނުވަނީސް އިވެން ފެށި ވާހަކަ އަކީ ޕީޕީއެމްގެ ކެންޑިޑޭޓެއް ނެރޭނެ ކަމަށެވެ. ޔާމީނަށް ރިޔާސީ އިންތިހާބުން ފުރުސަތު ހޯދުމަށް ސުޕްރީމް ކޯޓަށް އެ މަނިކުފާނުގެ ގާނޫނީ ވަކީލުންނާއި ޕީޕީއެމުން ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ ކެންޑިޑޭޓަކު ބޭނުންވާ ވާހަކަ އާއި އެ ފުރުސަތު ބަންދު ނުވާނެ ގޮތަކަށް ހުކުމް ކޮށްދިނުމަށް އެދިފައި އޮތްކަން ފަޅާއަރުވާލި ބަޔަކު އަރުވާލީ މުއިއްޒަށް ޕީއެންސީގެ ޓިކެޓް ދޭން ފާސްކޮށް ނިމުމުންނެވެ. އޭގެ ކުރިން ތިބީ ހިމޭނުންނެވެ. އޭނާ ރިޔާސީ އިންތިހާބަށް ނުކުންނަވާނީ ޔާމީނަށް ފުރުސަތު ބަންދުވާ ހާލަތުގައި ކަމަށް ވިދާޅުވެ، މީޑިއާ އާއި އެ ނޫން ތަންތަނުގައި ވާހަކަ ދައްކަވައި ކެމްޕެއިން ކުރެއްވި އިރު ވެސް ޕީޕީއެމްގެ ލީޑަޝިޕާއި ގާނޫނީ ވަކީލުން ދެނަހުރި ކަމަކަށް ވެސް ނުހެދި އެވެ.

ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އަބަދުވެސް ބުނަމުން އައީ އެ މީހުންގެ ސަޕޯޓަރުން މަގުމަތި ނުވާނެ ކަމަށެވެ. މަގުމަތި ނުކުރާނެ ކަމަށެވެ. ޔާމީންގެ ނަން ވޯޓު ކަރުދާސްކޮޅުގައި އޮންނާނެ ކަމަށް ބުނެ ޕަސެންޓުން ދެއްކި އަދަދު މަދެއް ނޫނެވެ. ވޯޓު ކަރުދާސްކޮޅުގައި ޔާމީންގެ ނަން ނެތް ނަމަ ޔާމީން އެ މަނިކުފާނު ކޮންމެވެސް މީހަކު ދައްކަވާނެ ކަމަށް ތަކުރާރުކޮށް ޕީޕީއެމްގެ ލީޑަޝިޕުން ބުނަމުން ދިޔަ އެވެ. އެކަމަކު، އެ ކެންޑިޑޭޓު ދައްކަން މިއަދު ހުރަސް އަޅުއްވަނީ ސީދާ ޔާމީނެވެ.

އަޅުގަނޑުގެ ހިތް ބުނަނީ އެ ހުރިހާ ހަގީގަތެއް އެނގިވަޑައިގަންނަވާ ނަމަ މުއިއްޒު އެ ގޯސް ނުހައްދަވާނެ ކަމަށެވެ. ޕީޕީއެމްގެ ނައިބު ރައީސްކަން ނުވަތަ އެ ޕާޓީގެ ލީޑަޝިޕް ދޫކުރައްވައި ޕީއެންސީގެ އާންމު މެމްބަރަކަށް ނުވާނެ ކަމަށެވެ. ޕްލޭން ބީ ދޫކުރައްވާފައި ޕްލޭން ސީ ހިޔާރު ކުރައްވާނެ ބޭފުޅަކަށް މުއިއްޒު ވާނެ ކަމަކަށް ގަބޫލެއް ނުކުރެވެ އެވެ. އޭނާ އަކީ އެ އަށް ވުރެ ސިޔާސީ އަދި ސީނިއާ ބޭފުޅެކެވެ.

ޔާމީންގެ ރަނިންމޭޓަކަށް އެ މަނިކުފާނު ކަނޑައެޅުއްވި ޑރ. މުހައްމަދު ޖަމީލް ވިދާޅުވާ ގޮތުން ނަމަ ޕްލޭން ސީ ނުވަތަ މުއިއްޒަކީ ޔާމީންގެ ބަދަލުގައި ހަމަޖައްސާ ކެންޑިޑޭޓަކަށް ވަނީ އެންމެ "ވޯސްޓް ކޭސް ސިނާރިއޯ" ގަ އެވެ. މާނައަކީ ޕްލޭން ބީ ފެއިލްވެ، ދެން ހަމަ ހުރިހާ ގޮތެއް ހުސްވުމެވެ. އެ ނޫން ގޮތަކަށް ޕީޕީއެމް ނުވަތަ ޔާމީންގެ ބަދަލުގައި ނެރޭނެ ކެންޑިޑޭޓުގެ "ވަސް" ވެސް މުއިއްޒަށް ދައްކާނެ ކަމަކަށް ނުބެލެވެ އެވެ.

މުއިއްޒަކީ ޕްލޭން ސީ ކަމަށް ޔާމީން ވިދާޅު ނުވާތީ ނުވަތަ ޕްލޭން ބީ ގެ ވާހަކަ ވެސް އެ މަނިކުފާނު ވިދާޅު ނުވުމުން ބައެއް މީހުންގެ ވިސްނުމުގައި އެއީ ހަމައެކަނި ޕީޕީއެމްގެ ލީޑަޝިޕްގައި މުއިއްޒާ "ދެކޮޅު" އަދި ޔާމީންގެ ގާނޫނީ ވަކީލުން ދައްކަވާ ވާހަކަތެކެވެ. ޔާމީންގެ އަތެއް އެކަމުގައި ނެތެވެ. ޕީޕީއެމްގެ ނައިބު ރައީސް އަހްމަދު ޝިޔާމް ނުވަތަ ޑރ. ޖަމީލް ވެރިކަން ބޭނުންވާ ވަރު ބޮޑުކަމުން ދައްކަވާ ވާހަކަތަކެއް ކަމަށް ބައެއް މީހުން ބުންޏެވެ. އެއާ އަދި މުޅިން އެއްބަހެއް ނުވެ އެވެ.

އެކަމަކު ދައުވާކުރަނީ ޔާމީނެވެ. ޔާމީން ބޭނުންފުޅު ނުވާ ވާހަކަތަކެއް އެ ދައުވާގެ ވަކި ޕޮއިންޓެއްގައި އޮންނާނެ ހެއްޔެވެ؟

ސުޕްރީމް ކޯޓުގައި ޝަރީއަތް ހިނގަމުން ދިޔައިރު ސީދާ ޕީޕީއެމްގެ ކެންޑިޑޭޓެއް ހުންނާނެ ކަމަށާއި ޕީއެންސީއަކީ އަދި މުޅިން އެހެން ބައެއް ކަމަށް ޔާމީންގެ ގާނޫނީ ވަކީލުން ޔާމީންގެ ކުރިފުޅުމަތީގައި ދައްކަވާނީ ޔާމީން ބޭނުންފުޅުވުމުންނެވެ. އެހެން ނޫން ނަމަ ގާނޫނީ ވަކީލުން ޕީޕީއެމްގެ ކެންޑިޑޭޓުގެ ވާހަކަ ޝަރީއަތުގެ މަޖިލިހުގައި ދެއްކެވުމުން ޔާމީން އެކަމާ ދެކޮޅަށް އެއްޗެއް ވިދާޅުވީހެވެ. ޔާމީން ހަނުހުންނެވުމަކީ އެ ވާހަކަތަކަކީ ހަގީގަތެއް ކަމަށް ދެއްވި މެސެޖެވެ.

މިއަދު މި ފެންނަނީ އޭގެ ހެކިތަކެވެ. ހުރަސް އެޅުނު ގޮތަކަށް އެބަ ހުރަސް އަޅަ އެވެ. އެންމެ ފަހުން ޕީޕީއެމް/ޕީއެންސީގެ ސްޓޭމްޕް ވެސް ފޮރުވީ އެވެ.

ޕީއެންސީގެ ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށް އެ ޕާޓީގެ ސެނެޓުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރުމުން ސަޕޯޓަރުން އޭނާ އަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީއެންސީގެ ކެންޑިޑޭޓަކީ ޑރ. މުއިއްޒު ކަމަށް އެ ޕާޓީގެ ސެނެޓުން މިދިޔަ ބުރާސްފަތި ދުވަހު ފާސްކުރުމުން ސަޕޯޓަރުން އޭނާ އަށް މަރުހަބާ ކިޔަނީ.---ފޮޓޯ: ނިޝާން އަލީ| މިހާރު

ޕީޕީއެމުން ވަކި ކެންޑިޑޭޓެއް ނެރުން ނުވަތަ ޕްލޭން ބީގެ ވާހަކަ މީޑިއާއާ ހަމައަަށް ތިލަކުރީ ވެސް ސުޕްރީމް ކޯޓުގެ ޝަރީއަތުގެ އަޑުއެހުންތަކަށް ފަހު އެ ޕާޓީގެ ނައިބު ރައީސް ޝިޔާމެވެ. އެ ބޭފުޅުންގެ ވިސްނުން ހުރި ގޮތް އެ އަށް ވުރެ ތިލަކޮށް ބޭފުޅަކަށް ވިދާޅެއް ނުވެވޭނެ އެވެ. ކުއްލި ގޮތަކަށް ޕްލޭން ބީ އަކާއި ސީ އެއް ވެސް އަތުވެއްޖެ އެވެ. މިއިން އެއްވެސް ވާހަކައެއް މުއިއްޒު އަދި އޭނާ އެންމެ އިތުބާރު ކުރައްވާ މީހުންނާ ކަންފަތާ ހަމައަށް ވެސް އޭގެ ކުރިން ނުގެންގޮސް އޮތީ ސިއްރުވެފައި ކަން އެނގެ އެވެ. މި ހުރިހާ ދުވަހަކު ބުނަމުން ދިޔައީ ޕްލޭން އޭ އާއި ބީ އާއި ސީ އާއި ހުރިހާ އެއްޗަކީ ވެސް ޔާމީން ކަމަށެވެ.

ޕީޕީއެމާއި ޕީއެންސީއަކީ ވެސް ޔާމީންގެ ދެ ޕާޓީ އެވެ. ޔާމީން ބޭނުންފުޅުވާ އެޖެންޑާ ނެރެވޭނެ އެވެ. އެކަމަކު، އެ މަނިކުފާނުގެ ބަދަލުގައި ރިޔާސީ ކެންޑިޑޭޓަކު ނެރެން ޕީއެންސީން ތިން ފަހަރު އެދުމުން ވެސް ޔާމީން އެ ފުރުސަތު ދޫކޮށްލީ ސީދާ ޕީއެންސީ އަށެވެ. ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕުން އުޅެއުޅެ ބަދަލު ނަމެއް ނުދެއްވި އެވެ. ޔާމީންގެ ބަދަލުގައި ކެންޑިޑޭޓަކު ނެރޭނީ ޕީޕީއެމުންނޭ ވެސް ވިދާޅެއް ނުވި އެވެ. ހިތްޕުޅުގައި އޮތް އެއްވެސް އެއްޗެއް ބޭރެއް ނުކުރެއްވި އެވެ.

ޔާމީންގެ ރަނިންމޭޓްކަމަށް ހަމަޖައްސަވާނެ ބޭފުޅަކު ދެއްކެވުމަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގައި އެ މަނިކުފާނު އެދިވަޑައިގަތެވެ. ލީޑަޝިޕްގައި ނަންތަކަކާ މެދު މަޝްވަރާ ކުރުމަށް ފަހު ރަނިންމޭޓް ކަނޑައެޅުން ދޫކޮށްލެއްވީ ޔާމީނަށެވެ. އެކަން ރަނގަޅެވެ. ޔާމީނަށް އެކުގައި މަސައްކަތްޕުޅު ކުރެއްވޭނެ ބޭފުޅެއް އެނގިވަޑައިގަންނަވާނީ އެ މަނިކުފާނަށެވެ. އެކަމަކު، ޔާމީންގެ ބަދަލުގައި ނެރޭނެ ބޭފުޅެއްގެ ނަން ދެއްވަން ތަކުރާރުކޮށް އެދުމުން ވެސް ނަމެއް ނުދެއްވައި އެކަން ޕީއެންސީ އަށް ދޫކޮށްލެއްވުން އެހާއެއް ނޫނެވެ.

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ޔާމީންގެ އިސް ވަކީލު ޑރ. ޖަމީލާއި އެހެން ވަކީލުން ހާޒިރުވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ އަޑުއެހުމަށް ޔާމީންގެ އިސް ވަކީލު ޑރ. ޖަމީލާއި އެހެން ވަކީލުން ހާޒިރުވެ ވަޑައިގަންނަވަނީ. -- ފޮޓޯ: ފަޔާޒް މޫސާ / މިހާރު

ކަންކަން ވާ ގޮތަށް ބަލާއިރު، ޔާމީންގެ ތާއީދުގެ އޮތް ބޭފުޅަކަށް ފަސޭހަވާނެ އެވެ. އެ މަނިކުފާނުގެ ތާއީދު އެއީ ވަރަށް މުހިންމު އެއްޗެކެވެ. ޔާމީންގެ އެންޑޯސްމަންޓަކީ ވަަރަށް ވަރުގަދަ ހަތިޔާރެކެވެ. ނަމަވެސް ނަމެއް ނުދެއްވައި ޕީއެންސީ އެކަށް ދޫކޮށްލެއްވުމަކީ އަޅުގަނޑު އަބަދުވެސް ދުށް ގޮތުގައި ޔާމީންގެ ވަރުގަދަ މެސެޖެކެވެ. ފަހަތުން ކަންތައްތަކެއް ފެންނާނެ އެވެ. ވަރުގަދަ ޑްރާމާއެއް ފަހަތުން އަންނާނެ އެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ކަނޑައެޅުމުގެ ވޯޓުން ވެސް ދައްކައި ދިނީ ވާދަވެރިކަން ބޮޑު ކަމެވެ. މުއިއްޒާ ދެކޮޅަށް ޕީޕީއެމް/ޕީއެންސީގެ ލީޑަޝިޕްގެ ބޮޑު ބައެއް އޮތެވެ. ދެ ވޯޓުގެ ފަރަގަށް ވުރެ ބޮޑު ފަރަކަށް މުއިއްޒުގެ ފަޅިން އުންމީދު ކުރިޔަސް ފަހު ވަގުތު ބަޔަކު "އަނބުރާލާފައިވާ" ކަމަށް ވެ އެވެ. ނުފޫޒު ވަދެފައިވާ ކަމަށް ތުހުމަތު ކުރާ މީހުން މަދެއް ނޫނެވެ.

އިންތިހާބު ބޮއިކޮޓް ކުރެވިދާނެ އެވެ. އެކަމަކު، އޭގެ ގެއްލުން އެތައް ހާސް މެމްބަރުން ތަހައްމަލު ކުރާނެ އެވެ. ސީދާ ޔާމީންގެ ތާއީދަށް ވެސް އަސަރު ކުރާނެ އެވެ. ޕީޕީއެމް/ޕީއެންސީ ދެބައިވެ ސިޔާސީ ކުރިމަގު ބަނަވުމުގެ ފުރުސަތު ކުޑައެއް ނޫނެވެ. ބޮޑު ހަމަނުޖެހުންގަނޑަކަށް ދާނެ އެވެ. ޔާމީންގެ ކެންޑިޑެސީއާ މެދު ސުވާލު އުފެއްދުމުން މާޒީގައި ކަންތައް ވި ގޮތް ވެސް ފެނިއްޖެ އެވެ. އެ ސުވާލު މީގެ އެތައް މަހެއް ކުރިން އުފެއްދި މީހުން ވެސް ބޮޑެތި ކުށްވެރިންނަށެވެ. ޔާމީނަށް ފުރުސަތު ގެއްލިދާނެއޭ ބުންޏަސް އެ ބަޔަކަށް ބުލީކޮށް، ރޭރު ކޮށްލަ އެވެ. ކެންޑިޑޭޓް ކަމުގެ ޝަރުތު ޔާމީންގެ ފުރިހަމަ ނުވާ ކަމަށް އެންމެ މަތީ ކޯޓުން ނިންމުމުން އަދި މާ ގޯސް ވާނެތާ އެވެ؟