Roadha Mihaaru
ޔާމީންގެ ވިސްނުން ބަދަލުކޮށް މުއިއްޒަށް ތާއީދުކޮށްފި

ފަހު ވަގުތު ޔާމީންގެ ވިސްނުން ބަދަލުކުރައްވައި މުއިއްޒަށް ތާއީދު ކުރައްވައިފި

07 އޯގަސްޓް 2023

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް ބަދަލުކުރައްވާފައިވާ ކަމަށް އެ މަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެންމެ ވިދާޅުވެއްޖެ އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ވެސް ރިޔާސީ އިންތިހާބު ބޮއިކޮޓް ކުރަން ކުރީގެ ރައީސް އަބްދުﷲ ޔާމީން ގެންގުޅުއްވި ވިސްނުންފުޅު ކުއްލި ގޮތަކަށް ބަދަލުކުރައްވާފައިވާ ކަމަށް އެ މަނިކުފާނުގެ އިސް ވަކީލް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ދެންމެ ވިދާޅުވެއްޖެ އެވެ.

ޖަމީލް އެހެން ވިދާޅުވީ ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒަށް މަރުހަބާ ވިދާޅުވެ، ކުރެއްވި ޓްވީޓެއްގަ އެވެ. ޔާމީން އިންތިހާބަށް ކުރިމަތިލައްވަން ނިންމެވިއިރު ރަނިންމޭޓަކަށް ކަނޑައެޅުއްވި ޖަމީލް ވިދާޅުވީ މުއިއްޒާއި ރަނިންމޭޓް ހުސެއިން މުހައްމަދު ލަތީފަށް ފުރިހަމައަށް ތާއިދު ކުރައްވާ ކަމަށެވެ.

"އެންމެ ރަނގަޅު ގޮތަކީ ކޯލިޝަންގެ ފަރާތުން ކެންޑިޑޭޓަކު ވާދަކުރުން، ސެނެޓްގެ ވިސްނުމާ އެއްގޮތަށް ޔާމީން ވަނީ އެ މަނިކުފާނުގެ ވިސްނުންފުޅު ބަދަލުކުރައްވާފައި،" ޖަމީލު ވިދާޅުވި އެވެ.

އިންތިހާބުގައި ވާދަކުރުމަށް މާލޭގެ މޭޔަރު މުއިއްޒު އިލެކްޝަންސް ކޮމިޝަނަށް މިއަދު ފޯމު ހުށަހަޅުއްވާފައިވާއިރު، ދަރުބާރުގޭގައި ހުންނަވަނިކޮށް އައި ފޯން ކޯލަކަށް ފަހު، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވެސް ވަނީ ޔާމީންގެ ވިސްނުންފުޅު ބަދަލުކުރެއްވިކަން ނޫސްވެރިންނަށް އަޑު އިވޭ ގޮތަށް މުއިއްޒުގެ އަރިހުގައި ވިދާޅުވެފަ އެވެ. އެކަމަކު، އަބްދުއްރަހީމަށް ގުޅުއްވީ ކޮން ބޭފުޅެއް ކަމެއް ނޭނގެ އެވެ.

އެ ފޯނު ކޯލަކަށް ފަހު، މުއިއްޒާއި ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ތޮލާލާ ސަލާމް ކުރައްވައި "ރައީސް [ޔާމީން] އެއްބަސްވެއްޖެ" ކަމަށް ވިދާޅުވި އަޑު އެ ސަރަހައްދުގައި ހުރި "މިހާރު" ގެ ނޫސްވެރިޔާ އަށް އިވުނެވެ.

މުއިއްޒުގެ ފޯމު އިލެކްޝަންސް ކޮމިޝަނާ ހަވާލުކުރެއްވީ އެ ފޯނު ކޯލަށް ފަހު އެވެ.

ދަރުބާރުގޭގައި ހުންނަވައި ނޫސްވެރިން ގާތު އަބްދުއްރަހީމް ވިދާޅުވީ، މިއަދުގެ ވަގުތެއްގައި ނޫސްވެރިންނާ ބައްދަލު ކުރައްވާނެ ކަމަށެވެ. މުއިއްޒު ވިދާޅުވީ "ވަރަށް ވާހަކަ" އެބަހުރި ކަމަށެވެ. ވިދާޅުވީ ނޫސްވެރިންގެ ސުވާލުތައް ހުސް ވަންދެން މިއަދު ބާއްވާ މީޑިއާ ބްރީފިންގައި ޖަވާބު ދެއްވާނެ ކަމަށެވެ.

އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން މުއިއްޒުގެ ފޯމު ހުށަހަޅުއްވަން ދަރުބާރުގެ އަށް މުއިއްޒާ އެކު ވަޑައިގަތީ އަބްދުއްރަހީމާއި ރަނިންމޭޓް ހުސައިން މުހައްމަދު ލަތީފާއި ތޮލާލެވެ.

އިންތިޚާބުގައި ވާދަކުރައްވަން މޭޔަރު ޑރ. މުއިއްޒު ފޯމު ހުށަހަޅުއްވަން ދަރުބާރުގޭގައި؛ އަބްދުއްރަހީމަށް ލިބިވަޑައިގެންނެވި ފޯނު ކޯލަށް ފަހު ޔާމީން އޯކޭ ކަމަށް ބުނި އަޑު ނޫސްވެރިންނަށް ވަނީ އިވިފައި. --ފޮޓޯ: މޫސާ ރަޝީދު | މިހާރު

އިންތިޚާބުގައި ވާދަކުރައްވަން މޭޔަރު ޑރ. މުއިއްޒު ފޯމު ހުށަހަޅުއްވަން ދަރުބާރުގޭގައި؛ އަބްދުއްރަހީމަށް ލިބިވަޑައިގެންނެވި ފޯނު ކޯލަށް ފަހު ޔާމީން އޯކޭ ކަމަށް ބުނި އަޑު ނޫސްވެރިންނަށް ވަނީ އިވިފައި. --ފޮޓޯ: މޫސާ ރަޝީދު | މިހާރު

ޔާމީން ކުރިން ގަބޫލުފުޅު ކުރެއްވި ގޮތުގައި އަންނަ މަހުގެ 9 ގައި ބާއްވާ ރިޔާސީ އިންތިހާބަށް އެ މަނިކުފާގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަނުން ބަލައިނުގަތީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުން އިއްޔެ ކުރި ހުކުމާ އެކު، ޔާމީންގެ އިންތިހާބީ ހައްގު އުނިވެ އެވެ. އެހެންވެ، އެ ހައްގު އުނިވާ ނަމަ އިންތިހާބު ބޮއިކޮޓް ކުރަން އެ މަނިކުފާނު އެދިވަޑައިގަތީ އެވެ.

ނަމަވެސް ޕީޕީއެމް/ޕީއެންސީގެ ޖޮއިންޓް ސެނެޓްގެ އިއްޔެގެ ބައްދަލުވުމުގައި ބައިވެރިވި 126 މީހުންގެ ތެރެއިން 67 މެމްބަރުންގެ އަޣުލަބިއްޔަތުން ފާސްކުރީ އިންތިހާބު ބޮއިކޮޓް ނުކުރާށެވެ. އެކަމަކު ޔާމީން އެ ނިންމުން ގަބޫލުފުޅު ނުކުރައްވައި މިއަދާ ހަމައަށް ހިފެހެއްޓެވީ އެވެ.

މުއިއްޒުގެ ކެންޑިޑެސީ ފޯމު އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅައިފި ނަމަ އެންޑޯޒް ނުކުރައްވާނެ ކަމަށާއި ޕީޕީއެމާއި ޕީއެންސީގެ އެއްބަސްވުން ރޫޅާލާނެ ކަމުގެ އިންޒާރު ވެސް ޔާމީން އިއްޔެ ދެއްވި އެވެ.