Roadha Mihaaru
މުއިއްޒަށް ޔާމީން މަރުހަބާ ވިދާޅުވެއްޖެ

ޕީއެންސީގެ ޓިކެޓު ކާމިޔާބު ކުރެއްވުމުން މުއިއްޒަށް ޔާމީން މަރުހަބާ ވިދާޅުވެއްޖެ

05 އޯގަސްޓް 2023

އަންނަ މަހުހެ 9 ގައި ބާއްވަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރުހަބާ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

އަންނަ މަހުހެ 9 ގައި ބާއްވަ ރިޔާސީ އިންތިހާބުގައި ވާދަކުރައްވަން ޕީއެންސީގެ ރިޔާސީ ޓިކެޓް ކާމިޔާބު ކުރެއްވުމުން ކުރީގެ ރައީސް އަބްދުﷲ ޔާމީން މަރުހަބާ ވިދާޅުވެއްޖެ އެވެ.

ޔާމީން، މުއިއްޒުގެ ކާމިޔާބީ އަށް މަރުހަބާ ވިދާޅުވިއިރު، ޔާމީންގެ ކެންޑިޑެސީ މައްސަލައިގެ އަޑުއެހުމެއް ސުޕްރީމް ކޯޓުގައި އިއްޔެ އޮތެވެ.

ޕީޕީއެމާ އެކު ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރާ ޕީއެންސީގެ ރިޔާސީ ޓިކެޓް މުއިއްޒަށް ދޭން ނިންމީ ބުރާސްފަތި ދުވަހު ބޭއްވި އެ ޕާޓީގެ މަޝްވަރާ މަޖިލިހުގެ ބައްދަލުވުމުގައި ނެގި ސިއްރު ވޯޓުގަ އެވެ.

ޔާމީނަށް ކުރިމަތި ނުލެއްވޭ ހާލަތެއްގައި އިންތިޚާބަށް މުއިއްޒު ނެރުއްވަން ނިންމެވި ނަމަވެސް، މުއިއްޒަކީ މިހާރު "ޕްލޭން ސީ" ކަމަށް ޕީޕީއެމުން އިއްޔެ ސުޕްރީމު ކޯޓުގައި ވަނީ ބުނެފަ އެވެ.

ޕްލޭން އޭ އަކީ ޔާމީން ކަމަށްވާއިރު، އެމަނިކުފާނުގެ ޕްލޭން ބީ އަކީ ސުޕްރީމް ކޯޓުން ހޯދާ ފުރުސަތުގައި ޕީޕީއެމްއިން އެހެން ކެންޑިޑޭޓެއް ނެރުމެވެ.

އޭގެފަހުން މުއިއްޒު ވަނީ އޭނާގެ ރަނިންމޭޓަކަށް ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސައިން މުހައްމަދު ލަތީފް (ސެންބެ) މިއަދު ހަމަޖައްސަވައިފަ އެވެ.

އަދި މުއިއްޒު ތަކުރާރުކޮށް ވިދާޅުވަނީ އޭނާ އަކީ "ބެކްއަޕް" ކެންޑިޑޭޓު ކަމަށާއި އަދިވެސް އުއްމީދު ކުރައްވަނީ ޔާމީނަށް އިންތިޚާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށެވެ.

ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމެއް އޮތުމާއި އެ ހުކުމާ އެކު އޮތް ފަސް މިލިއަން ޑޮލަރުގެ ޖޫރިމަނާ ނުދައްކާ އޮތުމުންނެވެ.

ޔާމީންގެ ކެންޑިޑެންސީއާ ގުޅޭ މައްސަލާގެ އަޑުއެހުންތައް އިއްޔެ ހަވީރުން ފެށިގެން ރޭގަނޑު ވެސް ކުރިއަށް ގެންގޮސް ވަނީ ނިންމާލައިފަ އެވެ. ދެން އެ މައްސަލާގައި އޮންނާނީ ހުކުމް އިއްވުމުގެ އަޑުއެހުމެވެ.