Roadha Mihaaru
ކޯޓުން ވެސް ނިންމީ ޔާމީނާ ދެކޮޅަށް؛ ފުރުސަތެއް ނެތް!

ޔާމީނަށް ފުރުސަތެއް ނެތް؛ ސުޕްރީމް ކޯޓުން ޔާމީނާ ދެކޮޅަށް ހުކުމްކޮށްފި

06 އޯގަސްޓް 2023

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ދެންމެ ހުކުމްކޮށްފި އެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އޮތް ޖަލު ހުކުމުގެ ސަބަބުން އެ މަނިކުފާނުގެ ރިޔާސީ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަންސް (އީސީ) އިން ނިންމީ ރަނގަޅަށް ކަމަށް ސުޕްރީމް ކޯޓުގެ ހަތް ފަނޑިޔާރުންގެ އިއްތިފާގުން ދެންމެ ހުކުމްކޮށްފި އެވެ.

އަންނަ މަހުގެ 9 ގައި އޮންނަ ރިޔާސީ އިންތިހާބުގައި ވާދަކުރުމަށް ޔާމީންގެ ކެންޑިޑެސީ ފޯމް މިދިޔަ ހަފްތާގެ އާދީއްތަ ދުވަހު ހުށަހެޅުމުން ބަލައި ނުގަންނަން އީސީން ނިންމީ ރިޝްވަތާއި މަނީ ލޯންޑަރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން ދާތީ އާއި އެ ހުކުމާ ގުޅިގެން ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރު ނުދައްކާ އޮތުމުން އެއީ ސާބިތު ދަރަންޏެއް ނުދައްކާ އޮތުން ކަމަށް ވެސް ބަލައިފަ އެވެ.

ޖިނާއީ ކުށެއްގައި 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުމާއި އެފަދަ ހުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ހުކުމް ތަންފީޒުކޮށް ނިމުނުތާ ނުވަތަ މާފު ދިންތާ ތިން އަހަރު ވެފައި ވުމަކީ ރިޔާސީ އިންތިހާބަށް ކުރިމަތިލާ މީހެއްގެ ކިބައިގައި ހުންނަން ޖެހޭނެ ކަމަށް ގާނޫނުއަސާސީގައި ބުނާ ޝަރުތެކެވެ. އެކަމަކު ޔާމީންގެ ފަރާތްޕުޅުން ސުޕްރީމް ކޯޓުގައި ބުނީ ގާނޫނުއަސާސީގައި އެ ބުނަނީ ނިހާއީ [އިސްތިއުނާފް މަރުހަލާ ނިމި ނުވަތަ އިސްތިއުނާފް ކުރުމުގެ ފުރުސަތު ނެތް ނުވަތަ އިތުރު ބަދަލެއް އައުމުގެ ފުރުސަތު ނެތް] ހުކުމެއްގެ ވާހަކަ ކަމަށެވެ. ޔާމީންގެ ހުކުމް ހައި ކޯޓުގައި އިސްތިއުނާފުކޮށްފައި ވާތީ އަދި އެ ހުކުމް ބަދަލުވެދާނެ ކަމަށާއި އެހެންވެ ގާނޫނުއަސާސީގައި ބުނާ އިންތިހާބުތަކުގައި ވާދަކުރުމުގެ އަސާސީ ހައްގު ލިބެން ޖެހޭނެ ކަމަށް ވަނީ ވަކާލާތުކޮށްފަ އެވެ.

މި މައްސަލާގައި ހުކުރު ދުވަހު ސުޕްރީމް ކޯޓުގައި ހަތް ގަޑިއެއްހާއިރު ވަންދެން ކުރިއަށް ގެންދިޔަ އަޑުއެހުންތަކުގައި ޔާމީންގެ ފަރާތްޕުޅުން ބުނެފައިވަނީ ޖަލު ހުކުމެއްގައި ހުއްޓަސް އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ ކަމަށާއި ޖަލު ހުކުމް ބާތިލް ނުވެ އޮއްވައި އިންތިހާބު ވެއްޖެ ނަމަ ނައިބު ރައީސަށް މަގާމުގެ ޒިންމާ އަދާކުރެވިދާނެ ކަމަށެވެ. މިގޮތަށް އަމަލުކުރެވޭ އެހެން ގައުމުތައް ވެސް އެބަހުރި ކަމަށް ޔާމީންގެ ފަރާތްޕުޅުން ފާހަގަކުރުމުން ފަނޑިޔާރުން ވަނީ އެއީ އެ ގައުމުތަކުގައި އެ އިޖުރާއަތުތައް ގާނޫނުތަކުގައި ލިޔެގެން ކުރާ ކަމެއް ނޫންތޯ ސުވާލުކުރައްވައިފަ އެވެ. ޔާމީންގެ ވަކީލުން ވަނީ ރާއްޖޭގައި އެފަދަ ގާނޫނުތަކެއް ނެތް ނަމަވެސް އެގޮތަށް އަމަލުކުރެވިދާނެ ކަމަށާއި ގާނޫނުއަސާސީން ބޮޑަށް މާނަކުރެވެނީ ވެސް އެގޮތަށް ކަމަށް ބުނެ އެވެ.

މިކަމާ ގުޅޭ ގޮތުން ހުށަހެޅި ނުކުތާތަކަށް ހުކުމުގައި ވަނީ ޖަވާބު ދީފަ އެވެ.

ނިހާއީ ހުކުމެއް ނެތް ނަމަ ވެރިކަމަށް ކުރިމަތިލުމުގެ ޝަރުތު ހަމަވާނެ ކަމަށް ބުނެ ޔާމީންގެ ފަރާތުން އެންމެ ބޮޑަށް ދެއްކީ ކާށިދޫ ދާއިރާގެ ކުރީގެ މެންބަރު އިސްމާއިލް އަބްދުލްހަމީދުގެ މެންބަރުކަމުގައި ހުންނަވަނިކޮށް 12 މަސް ދުވަހަށް ވުރެ ދިގު މުއްދަތުގެ ހުކުމެއް އައުމުން ކުރި ހުކުމެވެ. އެ ހުކުމާ ބެހޭ ގޮތުން މިއަދުގެ ނިންމުމުގައި ބުނެފައިވަނީ ޖަލު ބަންދުގައި ހުރެ އިންތިހާބީ މަގާމަކާ ކުރިމަތިލުމުގެ ސުވާލެއް ކާށިދޫ ދާއިރާގެ މެންބަރުގެ މައްސަލައިގައި ނެތް ކަމަށެވެ. ޖަލު ބަންދުގައި ހުރެ މަގާމަށް އިންތިހާބުވެއްޖެ ނަމަ ނުކުންނާނެ ގާނޫނީ އައިބުތަކުގެ ވާހަކަ އެ ގަޒިއްޔާގައި ނުދައްކާ ކަމަށާއި އެ ގަޒިއްޔާ ދައުރުވީ އިސްމާއީލް އަބްދުލްހަމީދުގެ މައްޗަށް ކްރިމިނަލް ކޯޓުންނާއި ހައިކޯޓުން ކުށް ސާބިތުވުމުން އޭނާ މެންބަރުކަމުގައި ދެމިހުންނާނެ ކަމާ މެދު އޮތް ސުވާލުގެ ވާހަކަ ކަމަށް ހުކުމުގައިވެ އެވެ. އެހެންވެ މިއީ އަޅާކިޔޭނެ ދެ ގަޒިއްޔާ ނޫން ކަމަށް ވަނީ ނިންމައިފަ އެވެ.

"ކުރީ ގަޒިއްޔާގައި ކަނޑައަޅާފައިވާ އުސޫލުތަކަކީ މިހާރު ހުށަހެޅިފައިވާ ހާލަތަށް ތަތުބީގުކުރުމުން ދެކޮޅުޖެހޭ، އެއް ނަތީޖާއެއް ނެރެވިދާނެ އުސޫލުތަކެއް ކަމުގައި ނުދެކެވޭ" ކަމަށް ހުކުމުގައިވެ އެވެ.

މީގެ އިތުރުން މީހެއްގެ މައްޗަށް ޖިނާއީ ކުށެއް ދަށު ކޯޓުން ސާބިތުވުމުން، އެ ކުށެއްގެ އަދަބު ތަންފީޒުކުރުން ފަސްކުރުމުގެ އިޖުރާއަތެއް ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްލުމުގެ އިޖުރާއަތެއް ޖިނާއީ އިޖުރާއަތުގެ ގާނޫނާއި އެ ގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދުތަކުގައި ބަޔާންކޮށްފައި ނެތްކަން ވެސް ވަނީ ފާހަގަކޮށްފަ އެވެ. މި ނޫނަސް މިކަމާ ގުޅޭ ގޮތުން ގާނޫނީ ވަރަށް ގިނަ ސަބަބުތައް ހުކުމުގައި ވަނީ ދައްކައިފަ އެވެ.

"ހުކުމް" މާނަކުރުމަށް ޔާމީންގެ ފަރާތުން އެދިފައިވަނީ ޝަރިއަތްކުރާ ކޯޓުތަކުން އިއްވައި ތަންފީޒުވަމުން އަންނަ ހުކުމުގެ ގެ ތަރަހައިން ނެރެ، އިސްތިއުނާފީ މަރުހަލާތަކުގެ ދާއިރާގެ ތެރޭގައި ގޮތެއް ނުނިމި ހުރި މައްސަލަތަކުގެ މައްޗަށް ފުޅާކޮށްދޭން ކަމަށާއި އެކަމަކު އެހާ ބޮޑު ބަދަލެއް ގާނޫނުއަސާސީގެ މާއްދާއެއްގައިވާ މަފްހޫމަކަށް އަންނާނެ ގޮތަށް ގާނޫނުއަސާސީގައިވާ ލަފްޒެއް މާނަކުރުމުގެ ބާރު ކޯޓުތަކަށް ލިބިގެން ނުވާކަމަށް ވެސް ވަނީ ބުނެފަ އެވެ. އެހެންވެ ޔާމީންގެ މައްޗަށް އޮތް 11 އަހަރުގެ ޖަލު ހުކުމާ ހެދި އެ މަނިކުފާނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމީ ރަނގަޅަށް ކަމަށް ހުކުމުގައިވެ އެވެ.

ޔާމީނަށް ކުރި ހުކުމާ އެކު ދައްކަންޖެހޭ ފަސް މިލިއަން ޑޮލަރަކީ ސާބިތު ދަރަނި ކަމަށް އީސީން ނިންމައި އެއީ ވެސް އިންތިހާބުގައި ވާދަ ނުކުރެވޭނެ ސަބަބެއް ކަމަށް ވަނީ ބަލައިފަ އެވެ. އެއީ ގޯސްކޮށް އީސީން ކުރި މާނައެއް ކަމަށް ޔާމީންގެ ފަރާތްޕުޅުން ބުނި ނަމަވެސް ސުޕްރީމް ކޯޓުން ނިންމީ މީގެ ކުރިން އެހެން ހުކުމެއްގައި ސާބިތު ދަރަނި މާނަކޮށްދީފައި ވާތީ އެގޮތަށެވެ. އެ ނިންމުމުގައި ބުނަނީ؛

ސާބިތު ދަރަންޏަކީ ކޯޓެއްގެ ހުކުމެއްގެ ދަށުން އެއްފަރާތުން އަނެއް ފަރާތަށް ދެއްކުން ލާޒިމުވާ ފައިސާ ކަމަށެވެ. އެފައިސާއަކީ ދަރިންގެ ޚަރަދުކަމަށް ވިޔަސް، އަނބިމީހާއަށް ކުރަންޖެހޭ ހަރަދުކަމަށް ވިޔަސް، މައިންބަފައިން ބެލުމުގެ ޚަރަދުކަމަށް ވިޔަސް، ދޯންޏެއް މަރާމާތުކުރުމުގެ ޚަރަދެއް ކަމަށް ވިޔަސް އަދި ގެއްލުމުގެ ބަދަލުގެ ގޮތުގައި ކޯޓުން ނަގައިދޭ ފައިސާއެއް ކަމަށް ވިޔަސް، މީހަކު އެހެންމީހަކަށް ދައްކަން ކޯޓުގެ އަމުރަކުން ލައްވާ ކޮންމެ ފައިސާއަކީ ސާބިތު ދަރަނި ކަމަށް އޮތީ ކުރިން ނިންމައިފަ އެވެ. އަދި "ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ނަން ތަފާތުވުމަކުން، ކޯޓުގެ ހުކުމަކުން ލައްވާ ފައިސާއެއްގެ ގާނޫނީ ނަތީޖާއަށް ބަދަލެއް ނާންނާނެ" ކަމަށް ވެސް ބުނެފައިވެ އެވެ.

ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި، ޖަލު ހުކުމެއްގައި ހުންނަ މީހަކަށް ސިޔާސީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުން އެ ޕާޓީއަކަށް ނިސްބަތްވުން ފިޔަވައި ސިޔާސީ ހަރަކާތެއްގައި ބައިވެރިވުން މަނާކޮށްފައި އޮންނާތީ ޔާމީނަށް ޕީޕީއެމްގެ ނަމުގައި ކެންޑިޑެސީ ފޯމު ހުށަނޭޅޭނެ ކަމަށް އީސީން ކޯޓުގައި ބުނި ނަމަވެސް ކެންޑިޑެސީ ބަލައިނުގަތުމަށް ނިންމި ސަބަބުތަކުގެ ތެރޭގައި އެކަން ހިމަނާފައި ނުވާތީ މިއަދުގެ ހުކުމުގައި އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.