04 އޯގަސްޓް 2023
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގޯސްކޮށް ކަމަށް އެ މަނިކުފާނުގެ ފަރާތުން ފާހަގަކުރައްވާ ނުކުތާތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެންޑިޑެންސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަނުން ނިންމާފައިވަނީ ގޯސްކޮށް ކަމަށް އެ މަނިކުފާނުގެ ފަރާތުން ފާހަގަކުރައްވާ ނުކުތާތަކާ ގުޅޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ގިނަ ސުވާލުތަކެއް އަމާޒުކުރައްވައިފި އެވެ.
ޔާމީންގެ ފޯމް ބަލައިނުގަންނަން ނިންމީ އެ މަނިކުފާނުގެ މައްޗަށް ރިޝްވަތާއި މަނީލޯންޑްރިންގެ ކުށުގައި 11 އަހަރުގެ ޖަލު ހުކުމެއް އައިސްފައި އޮތުމުންނެވެ. ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ގޮތުން ރައިސުލްޖުމްހޫރިއްޔާގެ މަގާމަށް ކުރިމަތިލާ މީހާއަކީ 12 މަސް ދުވަހަށްވުރެ ދިގު މުއްދަތެއްގެ ހުކުމެއް ތަންފީޒުކުރަމުންދާ މީހަކަށް ވެގެން ނުވާނެ އެވެ.
އެކަމަކު، ޔާމީންގެ ފަރާތުން ފާހަގަކުރާ ގާނޫނީ ދިފާއަކީ މާއްދާގައި ބުނާ ހުކުމަކީ ނިހާއީ ހުކުމަކަށްވާން ޖެހޭނެ ކަމެވެ. ޔާމީންގެ ފަރާތުން ހައި ކޯޓުގައި ހުކުމް އިސްތިއުނާފުކޮށްފައި ވަނިކޮށް، މާއްދާގައި ބުނާ ހާލަތަށް ޔާމީން ނުފެއްތޭނެ ކަމަށް ވަކީލުން ވިދާޅުވެ އެވެ. ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވި ގޮތުގައި ދަށު ކޯޓުގެ ހުކުމެއް އޮތަސް، އިންތިހާބުގައި ވާދަކުރެވެން ޖެހޭނެ އެވެ. އަދި އެކަމުގައި އެއްވެސް ގެއްލުމެއް ނެތް ކަމަށް ވިދާޅުވި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލައިގައި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުވާލުކުރައްވަނީ
ގެއްލުމެއް ނެތް ކަމަށް ވަކީލުން ދައްކަވާ ސަބަބަކީ، ރައިސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތު އަދާކުރެވެން ނެތް ހާލަތެއް، މެދުވެރިވެއްޖެ ނަމަ އެ ޒިންމާ ހަވާލުކުރާނެ ނައިބަކު ކޮންމެ ރިޔާސީ ކެންޑިޑޭޓެއް ނުވަތަ އިންތިހާބު ކާމިޔާބުކުރާ ރައީސަކު އައްޔަންކުރަން ޖެހޭތީ އެވެ. އެކަން އެގޮތަށް އޮތީ، ހަމްޒާ ވިދާޅުވި ގޮތުގައި ދައުރު ފެށުމަށް ފަހު ނުވަތަ އޭގެ ކުރިން ވެސް ރައީސްގެ މަގާމު އަދާނުކުރެވޭ ފަދަ ދާއިމީ ސަބަބެއް މެދުވެރިވާ ހާލަތުގައި ގައުމު ދުސްތޫރީ ހުސްކަމަށް ނުދިޔުމަށްޓަކަ އެވެ.
އެހެންވީމާ އޭގެ މާނައަކީ މައްސަލަ ހުށަހެޅުއްވި ފަރާތް [ޔާމީން] ކެމްޕެއިނެއް ވެސް ނުކުރައްވާނެ، ކެމްޕެއިން ކުރައްވަން ނުކުމެވަޑައެއް ވެސް ނުގަންނަވާނެއޭ، ބަންދެއްގަތޯ ހުންނާނީ، އެއްކަލަ ހުކުމް ތަންފީޒު ކުރަމުންތޯ ދާނީ؟
އެކަން އެގޮތަށް ޔާމީންގެ ފަރާތުން ފާހަގަކުރާތީ، ފަނޑިޔާރުން ސުވާލުތައް އަމާޒުކުރެއްވި އެވެ.
ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރު ސުވާލު ކުރެއްވީ އެގޮތަށް މާނަކޮށް މައްސަލަ ނިންމައިފި ނަމަ، ދެންވާނީ ކިހިނެއްތޯ އެވެ.
ޖަވާބުގައި ހަމްޒާ ވިދާޅުވީ ޖަލުގައި ހުއްޓާ ޔާމީން އިންތިހާބު ވިޔަސް، ވެރިކަމުގެ ޒިންމާތައް އަދާކުރައްވާނީ އެމަނިކުފާނުގެ ނައިބު ކަމަށެވެ. އެއީ، ވެރިކަމުގެ މަސްއޫލިއްޔަތު އަދާކުރުމަށް އެ ވަގުތަށް ނުކުޅެދިފައިވާތީ ކަމަށެވެ.
"އެހެންވީމާ އޭގެ މާނައަކީ މައްސަލަ ހުށަހެޅުއްވި ފަރާތް [ޔާމީން] ކެމްޕެއިނެއް ވެސް ނުކުރައްވާނެ، ކެމްޕެއިން ކުރައްވަން ނުކުމެވަޑައެއް ވެސް ނުގަންނަވާނެއޭ، ބަންދެއްގަތޯ ހުންނާނީ، އެއްކަލަ ހުކުމް ތަންފީޒު ކުރަމުންތޯ ދާނީ؟'" ފަނޑިޔާރު އެއްސެވި އެވެ.
ޔާމީން ހުށަހެޅުއްވި ދުސްތޫރީ މައްސަލާގެ ޝަރީއަތުގައި ޔާމީންގެ ވަކީލުންގެ ފަރާތުން ހަމްޒާ ލަތީފް ވާހަކަ ދައްކަވަނީ
ހަމްޒާ ވިދާޅުވީ ހައި ކޯޓުން މައްސަލާގައި ގޮތެއް ކަނޑަނާޅުއްވާތީ، ޔާމީން ގެންދަވާނީ މިހާރު އޮތް ހުކުމް ތަންފީޒު ކުރައްވަމުން ކަމަށެވެ. އެ ހުކުމް ތަންފީޒުކުރަން ނުޖެހޭ ކަމަށް އެއްވެސް ވަރަކަށް ވަކާލާތު ނުކުރައްވާ ކަމަށެވެ. އެކަމަކު، އެއީ ޔާމީންގެ އިންތިހާބީ ހައްގެއް ގެއްލޭނެ ކަމެއް ނޫން ކަމަށެވެ.
އެ ހައްގު ލިބި، މަގާމަށް އިންތިހާބު ވިޔަސް ގާނޫނުއަސާސީ ތަރުތީބުކޮށްފައި އޮތް ގޮތުން، ރައީސަށް ވެރިކަމުގެ މަސްއޫލިއްޔަތު އަދާނުކުރެވޭ ހާލަތުގައި އެކަމާ ހަވާލުވާނެ ފަރާތެއް ވެސް ރައްޔިތުންގެ ވޯޓުން އިންތިހާބު ކުރާ ކަމަށެވެ. އެހެންކަމުން ގައުމު ގާނޫނީ ހުސްކަަމަކަށް ނުދާނެ ކަމަށް ވިދާޅުވާ ވާހަކަ ހަމްޒާ ތަކުރާރު ކުރެއްވި އެވެ.
"ހުކުމް ތަންފީޒު ވަމުންދާނީ އެކަމަކު ޝަރުތު ހަމަވޭ، އެ ދެކޮޅު ޖެހޭތޯ؟" ފަނޑިޔާރު އަޒްމިރަލްދާ އަނެއްކާވެސް ސުވާލު ކުރެއްވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން ހަމްޒާ ވިދާޅުވީ ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ)ގައި އޮތް ގޮތުން، ޖަލު ހުކުމެއްގައި ހުރި މީހަކު ވެސް ވެރިކަމަށް އިންތިހާބު ވެދާނެ ކަމަށެވެ. އެއީ، އެ މާއްދާގައި އޮތީ 12 މަހަށްވުރެ އިތުރު ހުކުމެއްގެ ވާހަކަ ކަމާއި އެއަށްވުރެ ކުރު މުއްދަތެއްގެ ހުކުމެއް އޮތް މީހަކު ކުރިމަތިލުމަށް އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
އަނެއްކާވެސް ފަނޑިޔާރު ސުވާލު ކުރެއްވީ އެގޮތަށް ޖަލުގައި ހުންނަ މީހަކު ހޮވިއްޖެނަމަ ދެން ވާނެ ގޮތަކާ މެދު އެވެ. މިސާލަކަށް، ޔާމީންގެ މައްޗަށް އިއްވާފައި އޮތް ހުކުމަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފި ނަމަ މަގާމު ގެއްލޭނީތޯ ސުވާލު ކުރެއްވި އެވެ.
ޖަވާބުގައި ހަމްޒާ ވިދާޅުވީ އެ ހާލަތުގައި މަގާމު ގެއްލޭނެ ކަމަށެވެ. ދެން އެ ޒިންމާއާ ހަވާލުވާން ޖެހޭނީ އިންތިހާބުވާ ނައިބު ރައީސް ކަމަށް ވިދާޅުވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަމުން، އިލެކްޝަން ކޮމިޝަންގެ ވަކީލް މަހުފޫޒު ސައީދު ވިދާޅުވީ ޖަލު ހުކުމެއް އޮއްވައި ޔާމީނަށް ކުރިމަތިލެއްވޭނެ ކަމަށް މާނަކޮށްފި ނަމަ، ގައުމު ހުސްކަމަކަށް ނާންނާނެ ކަމަށް މާނަކުރަނީ ގޯސްކޮށް ކަމަށެވެ. ވިދާޅުވީ އެއީ ހަމައެކަނި ޔާމީން އަދި އެމަނިކުފާނުގެ ނައިބު ޑރ. މުހައްމަދު ޖަމީލު ވިސްނުމުގައި ބަހައްޓައިގެން ނެރޭ މާނަކުރުމެއް ކަމަށެވެ.
އެކަމުގެ ތަފްސީލް ދެއްވަމުން މަހުފޫޒު ވިދާޅުވީ ރައީސްކަމާއި ނައިބު ރައީސްކަމުގެ ޝަރުތުތަކަކީ އެއް ޝަރުތުތަކަށްވާއިރު، ޔާމީންގެ ފަރާތުން އެދޭ ގޮތަށް މާނަކޮށްފި ނަމަ، ޖަލު ހުކުމެއް އޮތް މީހަކަށް ރަނިންމޭޓަކަށް ވެސް ވެވޭނެ ކަމަށެވެ. މިސާލަކަށް، ޖަލު ހުކުމެއް އޮތް ދެ ބޭފުޅަކު އިންތިހާބު ވެއްޖެ ނަމަ ދެން ވާނީ ކިހިނެއްތޯ ކަމާ މެދު އޭނާ ސުވާލު އުފެއްދެވި އެވެ.
"ދައުރު ނިމެންދެން ނުވަތަ ހުކުމްގައި ގޮތެއް ސުޕްރީމް ކޯޓުން ކަނޑައަޅަންދެން ދެ ބޭފުޅުން ޖަލުގައި ތިއްބަވާނީތޯ؟ އެހެންވީމާ އެއީ ރަނގަޅު މާނަކުރުމެއް ނޫން،" މަހުފޫޒު ވިދާޅުވި އެވެ.
މިކަމާ ގުޅޭ ސުވާލެއް ފަނޑިޔާރު އައިޝާ ސުޖޫން ވެސް ކުރެއްވި އެވެ؛
"ތި ވިދާޅުވާ ގޮތަށް ހުކުމް ތަންފީޒު ކުރަމުން މަގާމަށް އިންތިހާބު ވެއްޖެ ނަމަ މުޅި ރާއްޖޭގެ ރައީސަށް އެ ބޭފުޅަކު ވާނީ، އެހެންވެއްޖެއާ ހުރިހާ ރައްޔިތުންގެ ހައްގެއް އެއީ އެ ރައީސަކު ގައުމު ހިންގުމަކީ، ކޮބާތޯ؟"
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ މައްސަލާގައި ފަނޑިޔާރު އާއިޝާ ޝުޖޫން
އޭގެ ޖަވާބުގައި ޔާމީންގެ ވަކީލް ހަމްޒާ ލަތީފް ވިދާޅުވީ، އެންމެ ފަހުގެ ހުކުމެއް އަންނަންދެން ރައްޔިތުންނަށް ގޮތް ނިންމަން ދޫކޮށްލަން ބޭނުން ވަނީ އެހެންވެ ކަމަށެވެ. އީސީން އެ ހައްގު ހަނިކުރާ ނަމަ، ރައްޔިތުންނަށް ގޮތް ނިންމުމަށް ހުރަހަކަށް އެކަންވާ ކަމަށެވެ.
ގާނޫނުއަސާސީގެ 109 ވަނަ މާއްދާގެ (ޅ) ގައި ބުނާ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ޔާމީންގެ ފަރާތުން ފާހަގަކުރާތީ އެކަމާ ގުޅޭ ގޮތުން ވެސް ފަނޑިޔާރުން ސުވާލު އެއްސެވި އެވެ.
އެގޮތުން އެ މާއްދާގައި ބުނާ ހުކުމް ނިހާއީ ހުކުމަކަށް ވާންޖެހޭ ކަމަށް ޔާމީންގެ ފަރާތުން ފާހަގަކުރަނީ ކޮން ހަމައަކުންތޯ ކަމާއި މާއްދާގައި ލިޔެފައި ނެތީސް "ނިހާއީ" އެ ބަސް އައި ގޮތަކާ މެދު ސުވާލު ކުރެއްވި އެވެ. އަދި އެއްވެސް ގާނޫނެއްގައި ނިހާއީ ލިޔެފައިވޭތޯ ވެސް އެއްސެވި އެވެ.
އެ ސުވާލަށް ޖަވާބު ދެއްވަން ވަކީލް ފާހަގަކުރެއްވީ ގާނޫނުލްއުގޫބާތުގައި ހައްދުގެ ހުކުމްތައް ތަންފީޒު ކުރެވޭނީ ނިހާއީ ހުކުމަކަށް ފަހު ކަމަށް ބުނާ މާއްދާ އެވެ. އެހެންވެ، ފަނޑިޔާރު ވިދާޅުވީ، އެއީ ވަކި ބާވަތެއްގެ މައްސަލަތަކަށް ހާއްސަ މާއްދާއެއް ކަމަށެވެ.
ފަނޑިޔާރު ޝުޖޫން ވެސް އެއްސެވީ ގާނޫނުއަސާސީގައި ނިހާއީ ހުކުމެއް ކަމަށް ލިޔެފައި ނެތީސް ކޯޓަށް އެގޮތަށް މާނަ ދަންމާލެވިދާނެކަމާ މެދު އެވެ.
ހަމްޒާ ވިދާޅުވީ ދަށު ކޯޓުން ހުކުމެއްކޮށް، އެންމެ ވާދަވެރި ކެންޑިޑޭޓެއްގެ ކެންޑިޑެންސީ ގެއްލުވާލުމުގެ ފުރުސަތު ވަރަށް ބޮޑަށް އޮތީ ފަހިވެފައި ކަމަށެވެ. އަދި، ރާއްޖޭގެ ތާރީހުން ވެސް ފެންނަން އޮތީ އެގޮތަށް ކަމަށެވެ. އެހެންކަމުން ދަށު ކޯޓުގެ ހުކުމެއް ހަމައެކަނި އެގޮތަށް އޮތުމަކުން އެ ހައްގު ގެއްލުވާނުލެވޭނެ ގޮތަށް ހެދުމުގެ ބާރު ސުޕްރީމް ކޯޓަށް އެބަ އޮތް ކަމަށެވެ.
ހާއްސަކޮށް، ސަރުކާރަށް ނުވަތަ އިލެކްޝަން ކޮމިޝަނަށް އިންތިހާބު ވަކި ގޮތަކަށް ބައްޓަންކުރުން ހުއްޓުވުމަށް މިއީ ސުޕްރީމް ކޯޓުން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ވަކީލް ފާހަގަކުރެއްވި އެވެ.
"ރައްޔިތުންގެ އަތުން އަބަދުމެ މި އަތުލާ ހައްގު ދަތިކުރުމުގެ ފުރުސަތު ސުޕްރީމް ކޯޓަށް އެބަ އޮތް؟" ހަމްޒާ ވިދާޅުވި އެވެ.
އެއާއެކު ފަނޑިޔާރު ސުޖޫން އެއްސެވީ ދަށު ކޯޓުތަކުގެ ހުކުމްތަކުގެ އެއްވެސް އަގެއް ނެތީކަމާ މެދު އެވެ.
ހަމްޒާ ވިދާޅުވީ، ކޯޓުތަކުގެ ހުކުމްތަކުގެ އަގު އޮތް ކަމަށް ގަބޫލު ކުރައްވާ ކަމަށާއި އެއީ ދަށު ކޯޓުން ހުކުމް ކުރުމާ ގުޅިގެން އެމީހަކު ހުންނަނީ ބަންދުގައި ކަމަށެވެ. އެހެންވެ އެ ބަންދުގައި އެ ހުންނަނީ އެ ކޯޓުގެ ހުކުމްގެ ބާރުގެ ދަށުން ކަމަށާއި ނަމަވެސް، އެ ހުކުމާ ގުޅިގެން އިންތިހާބީ ހައްގު ގެއްލިގެން ނުވާނެ ކަމަށް ވިދާޅުވި އެވެ.
މިއަދު ހަވީރު 4:00 ހާއިރު ފެށި ޝަރީއަތް އެކި ފަހަރު މެދުކަނޑާލަމުން ކުރިއަށް ގެންގޮސް 11:30 ވާން އުޅެނިކޮށް ނިންމާލައްވަމުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ މައްސަލައިގެ ހުކުމް ކަމަށެވެ.
ކުށްވެރިންނަށް ފުރުސަތު ދެވޭގޮތަށް ގާނޫނު މާނަނުކުރެވޭނެ
ޖޫރިމަނާއާ ބެހޭގޮތުން ޔާމީން ހެއްދެވީ އިތުރުފުޅެއް
ކޯޓުން ވެސް ނިންމީ ޔާމީނާ ދެކޮޅަށް؛ ފުރުސަތެއް ނެތް!
ޔާމީންގެ މައްޗަށް އޮތީ ސާބިތު ދަރަންޏެއްތަ؟
ޔާމީންގެ މައްސަލައިގެ ހުކުމް މާދަމާ ހެނދުނު 10 ގައި
ޕްލޭން ބީ އަކީ ޕީޕީއެމް ކެންޑިޑޭޓެއް، މުއިއްޒެއް ނޫން
އިސްތިއުނާފް ނުނިމެނީ އަޅުގަނޑުގެ ކުށަކުންނޫން: ޔާމީން
ޖޫރިމަނާއާ ހެދި ޔާމީންގެ ކެންޑިޑެސީއަށް އިތުރު ހުރަހެއް
"ޔާމީނަށް ފުރުސަތުދޭ ނަމަ ކުށްވެރިންނަށް ވެސް ލިބޭނެ"
ހުކުމެއް އޮވެ ވާދަކުރިޔަސް ގެއްލުމެއް ނެތް: ވަކީލް