Roadha Mihaaru
މަހުލޫފްގެ ޝަރީއަތް މި މަހުގެ 10 އަކަށް ތާވަލުކޮށްފި

ކޯޓުގެ ހާލަތު ރަނގަޅުވި ކަމަށް ބުނެ މަހުލޫފްގެ މައްސަލަ ތާވަލު ކޮށްފި

02 ފެބުރުއަރީ 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތް އަންނަ ހަފުތާ އަށް އަލުން ތާވަލު ކޮށްފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތް އަންނަ ހަފުތާ އަށް އަލުން ތާވަލު ކޮށްފި އެވެ.

އޭނާގެ މައްސަލަ މި މަހުގެ 10 އަށް އަލުން ތާވަލުކުރިއިރު، މިދިޔަ މަހުގެ 19 އަށް ވެސް އެ މައްސަލަ ތާވަލުކުރި އެވެ. އެކަމަކު، މައްސަލަ ކުރިއަށް ގެންދާނީ ކޮވިޑް-19 ގެ ހާލަތު ރަނގަޅުވުމުން ކަމަށް ބުނެ މައްސަލަ ފަސްކުރީ އެވެ.

ކްރިމިނަލް ކޯޓުން މިއަދު ބުނީ މަހުލޫފްގެ މައްސަލަ ފަސް ކުރަން އޭރު ނިންމީ، އެއީ ގިނަ ބަޔަކު އަޑު އެހުމަށް ވަނުމަށް ނަން ނޯޓު ކުރާނެ މައްސަލައަކަށް ވެފައި އެ މީހުން ކޯޓް ރޫމަށް ވައްދައި، ކޯޓް ރޫމް މެނޭޖު ކުރާ ސެކްޝަން އޮފިސަރަށް ކޮވިޑް ޖެހިފައިވާތީ ކަމަށެވެ.

ނަމަވެސް މިހާރު އޭނާ ބަލިން ރަނގަޅުވެ، ކޯޓުގެ ގިނަ މުއައްޒަފުން ކޮވިޑް ވެކްސިންގެ ބޫސްޓަ ޑޯޒް ޖަހާފައިވާތީ މަހުލޫފްގެ މައްސަލަ އަލުން ކުރިޔަށް ގެންދަން ނިންމީ ކަމަށް ކޯޓުން ބުނެ އެވެ.

ކޮވިޑްގެ ހާލަތާ ގުޅުވައިގެން މަހްލޫފުގެ މައްސަލައިގެ ޝަރީއަތް ފަސްކުރުމުން އެތައް ބައެއްގެ ފާޑުކިޔުން ސަރުކާރަށް އަމާޒުވި އެވެ. އަލުން މައްސަލަ ތާވަލު ކުރިއިރު، ޖިނާއީ ތުހުމަތެއް ކުރެވޭ ވަޒީރަކު މަގާމުގައި ބަހައްޓާތީ ސަރުކާރާ މެދު ވެސް ގިނަ ބަޔަކު ވަނީ ނުރުހުންވެފަ އެވެ.

މަހުލޫފްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

މަހުލޫފްގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފައި ވަނީ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް، ވޯޓުދިނުމުގެ މުގާބިލްގައި ކަމަށެވެ.

މަހުލޫފްގެ މައްޗަށް ކުށް ސާބިތުވެއްޖެ ނަމަ ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ.

މަހުލޫފް މައްސަލަ ކްރިމިނަލް ކޯޓުން މެދުކަނޑާލާފައި އޮތް އިރު މިދިޔަ ދެ ތިން ހަފުތާގެ ތެރޭގައި އޭނާ ވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނާއި ޕްރެޒިޑެންޓް ކަޕާ ގުޅޭ ދަތުރުތަކަށް ބައެއް ރަށްރަށަށް ދަތުރު ކުރައްވައިފަ އެވެ.

ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ އިރު ވެސް ކެބިނެޓުގައި ހުންނެވި މަހުލޫފަށް ދައުވާ ކޮށްފި ނަމަ މަގާމުން ވަކި ކުރާނެ ކަމަށް ސަރުކާރުން ކުރިން ބުންޏެވެ. ނަމަވެސް މަހުލޫފުގެ މައްސަލަ ކޯޓަށް ހުށަހެޅުމާއެކު ދައުލަތުން އެ ނިންމުން ބަދަލުކޮށް މަހުލޫފަށް އެއްވެސް ފިޔަވަޅެއް ނާޅަން ނިންމި އެވެ.