Roadha Mihaaru
ކޮވިޑާ ހެދި މަހްލޫފުގެ މައްސަލަ ކުރިއަށް ނުގެންދެވިފައި

ކޮވިޑާ ހެދި މަހްލޫފުގެ މައްސަލަ ކުރިއަށް ނުގެންދެވިފައި!

26 ޖެނުއަރީ 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތްތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ކޮވިޑް-19 ގެ ހާލަަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތްތައް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ކޮވިޑް-19 ގެ ހާލަަތު ރަނގަޅުވުމުން ކަމަށް ކްރިމިނަލް ކޯޓުން މިއަދު ބުނެފި އެވެ.

އޭނާގެ މައްޗަށް ދައުލަތުން ކްރިމިނަލް ކޯޓުގައި އުފުލާފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ އެވެ.

އެ މައްސަލައިގެ އަޑު އެހުމެއް މިދިޔަ ހަފުތާގެ ބުދަ ދުވަހު ތާވަލު ކުރި ނަމަވެސް އެ ދުވަހު ވަނީ ޝަރީއަތް ކެންސަލް ކޮށްފަ އެވެ. އެކަމަކު، އެ ދުވަހު ސަބަބެއް ނުބުނެ އެވެ.

މަހުލޫފްގެ މައްޗަށް ދައުވާ އުފުލާފައި ވަނިކޮށް، މެދުކެނޑުމެއް ނެތި އޭނާ އެތައް ރަށަކަށް މިހާރު ރަސްމީ ދަތުރު ކުރައްވަމުން ގެންދަވަނީ ކްރިމިނަލް ކޯޓުގެ ހުއްދަ ލިބިގެންތޯ ސުވާލު ކުރުމުން އެ ކޯޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ، މައްސަލަ ހިންގަން ނިންމާފައި ވަނީ އެ މައްސަލައިގައި ހިމެނޭ ހުރިހާ އެންމެން ކޯޓަށް ހާޒިރު ކޮށްގެން ކަމަށެވެ.

އެހެންކަމުން ކޮވިޑްގެ ހާލަތު ރަނގަޅުވުމުން އެ މައްސަލަ އަލުން ތާވަލުކުރާ ގޮތަށް ނިންމާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ދެތިން ހަފުތާއެއްގެ ތެރޭގައި މަހުލޫފް ވަނީ ކޮމަންޑޫ ދާއިރާގެ ކެމްޕެއިނާއި ޕްރެޒިޑެންޓް ކަޕާ ގުޅޭ ދަތުރުތަކާއި ބައެއް ރަށްރަށުގައި މަޝްރޫއުތައް ފައްޓަވައި ދެއްވުމަށް ވެސް ގިނަ ދަތުރުތަކެއް ކުރައްވައިފަ އެވެ.

މަހުލޫފްގެ މައްޗަށް ދައުވާ ކޮށްފި ނަމަ ފިޔަވަޅު އަޅާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވީ ނަމަވެސް އެ ނިންމުން އަނބުރާ ގެންގޮސް އޭނާގެ ސަސްޕެންޝަން އުވާލައި، މިހާރު ވެސް ހުންނެވީ ކެބިނެޓުގަ އެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު ބައެއް ރަށްރަށަށް ދަތުރު ކުރައްވައި، އެ މަނިކުފާނު އަރިހުގައި ހުންނަވައިގެން ސިޔާސީ މަސައްކަތްތަކުގައި ވެސް މަހުލޫފް ބައިވެރިވެވަޑައިގަންނަވަ އެވެ.

މަހުލޫފް ވެސް ވަނީ އޭނާގެ މައްޗަށް ދައުވާ ކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުގެ ނިންމުންތައް ގަބޫލު ނުކުރައްވައި އޭނާ ފަހުން ނިންމެވީ ކޯޓުން މައްސަލަ ސާބިތުވަންދެން މަގާމުގައި ދެމި ހުންނެވުމަށެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް، ވޯޓުދިނުމުގެ މުގާބިލްގަ އެވެ.

މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެ އެވެ.

މަހްލޫފް ގެންދަވަނީ މި މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އާއި ޕީޖީ އޮފީހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އޭނާ ވިދާޅުވަމުން ގެންދަވާ ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ސިޔާސީ ގޮތުން "ކަތިލި ކަންބަޅިއަކަށް" އޭނާ ހެދީ އެވެ.