Roadha Mihaaru
އިސްތިއުފާއެއް ނުދޭނަން: މަހްލޫފް

އިސްތިއުފާ ނުދޭނަން، ކޯޓުގައި ހަގީގަތް ހާމަވާނެ: މަހުލޫފް

24 ނޮވެމްބަރ 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވިޔަސް އިސްތިއުފާ ނުދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ދައުވާކުރަން ކްރިމިނަލް ކޯޓަށް ފޮނުވިޔަސް އިސްތިއުފާ ނުދެއްވާނެ ކަމަށް ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފް މިރޭ ވިދާޅުވެއްޖެ އެވެ.

އެމްއެމްޕީއާރްސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މަހުލޫފް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް މަހުލޫފް ދާދި ދެންމެއަކު ކުރެއްވި ޓުވީޓެއްގައި ވަނީ އޭނާގެ މައްޗަށް ދައުވާ ކުރަން ނިންމުމަކީ ޒާތީ ނިންމުމެއް ކަމަށް ވިދާޅުވެ، ޔޫތު މިނިސްޓަރުގެ ޕީއޭ އަޒްމޫން އަހުމަދު އާއި ޕީޖީ ހުސެއިން ޝަމީމްގެ ޗެޓްލޮގްގެ ފޮޓޯތަކެއް ޓުވީޓު ކުރައްވައިފަ އެވެ.

"ޝަމީމްގެ ފޮތުގައި އޮންނަ ގޮތުން ދައުވާ ކުރުމަށް ނިންމަނީ އަޅުގަނޑު ފުއްޕާވަރަކަށް އަދި ސައިޒުވާ މިންވަރުގެ މައްޗަށް،" މަހުލޫފް ވިދާޅުވި އެވެ.

އެ ޗެޓްލޮގްގައި އަޒްމޫން ވަނީ މަހުލޫފްގެ މައްސަލަ ނިންމަނީ ކޮން އިރަކުތޯ ޝަމީމް އަރިހު އަހައިފަ އެވެ. ޖަވާބުގައި ޝަމީމް ވިދާޅުވަނީ އެއީ "ބޭކާރު ގޮތުގައި ފުއްޕީމަ ވާ ގޮތް" ކަމަށާއި ފުލުހުންގެ ވެސް ސިމްޕަތީއެއް" މަހުލޫފަކަށް މިހާރު ނެތް ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޕީޖީގެ ބަހެއް އަދި ނުލިބެ އެވެ.

ޕީޖީ އޮފީހުގެ ޕަބްލިކް ޕްރޮސިކިއުޓަ އަހްމަދު ޝަފީއު ވިދާޅުވީ މަހްލޫފްގެ މައްޗަށް އުފުލީ، ކޮރަޕްޝަން ހުއްޓުވުމާއި މަނާކުރުމުގެ ގާނޫނުގެ (ހ)އާ ހަވާލާދީ އެ މާއްދާގެ (ށ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ.

މަހްލޫފްގެ މައްސަލައިގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބުނެފައި ވަނީ އެމްއެމްޕީއާރުސީގެ ފައިސާ އިން މަނީ ލޯންޑްރިން ހިންގި ކުންފުނި، އެސްއޯއެފުން މަހްލޫފަށް ޖަމާކޮށްދިން 33،000 ޑޮލަރަކީ ސިޔާސީ ގޮތުން ބޭނުންވި ވަކި މަގްސަދުތަކެއް ހާސިލްކުރުމުގެ މުގާބިލްގައި ދީފައިވާ ފައިސާއެއްކަން ތަހުގީގަށް އެނގިފައިވާ ކަަމަށެވެ. އޭގެތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރެއްގެ ގޮތުގައި ހުންނަވައި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް)ގެ ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ މުގާބިލްގައި ލިބިފައިިވާ ފައިސާ ކަމަށް ވަނީ ތުހުމަތުކޮށްފަ އެވެ.

އޭސީސީން ބުނި ގޮތުގައި މެލޭޝިއާގައި ހުންނެވުމަށް ފަހު މަހްލޫފް ރާއްޖެ ވަޑައިގަތީ އެސްއީޒެޑް ބިލް ފާސްކުރަން އޮތް ދުވަހު ސީދާ ވޯޓަށެވެ. އެ ބިލް ފާސްކުރީ އޮގަސްޓް 27، 2014، ގަ އެވެ.

ކޮރަޕްޝަނަށް ޒީރޯ ޓޮލަރެސްގެ ސިޔާސަތެއް ގެންގުޅޭ މި ސަރުކާރުގެ ކެބިނެޓުގެ ވަޒީރެއްގެ މައްޗަށް ހިޔާނާތުގެ ތުހުމަތު ކުރުމާ އެކު މަހްލޫފް މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކުރި އެވެ. އެކަމަކު ދައުވާކުރުމާ މެދު ގޮތެއް ނުނިމި ޕީޖީ އޮފީހުގައި އެ މައްސަލަ ދިގުލައިގެން ދިއުމުން ރައީސް އޮފީހުން މިދިޔަ މަހު ވަނީ މަހްލޫފްގެ ސަސްޕެންޝަން އުވާލައިފަ އެވެ.

އޭނާގެ މައްޗަށް ދައުވާ މި އުފުލީ މައްސަލަ ޕީޖީ އޮފީހުގައި އޮންނަތާ ގާތްގަނޑަކަށް ފަސް މަސް ފަހުންނެވެ.