Roadha Mihaaru
މަހްލޫފްގެ މައްސަލައިގައި ޕީޖީން ދެނީ އެއް ޖަވާބެއް!

މަހްލޫފްގެ މައްސަލަ ލަސްވާ ސަބަބާ މެދު ޕީޖީން ދެނީ އެއް ޖަވާބެއް!

10 އޮކްޓޯބަރ 2021

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ސަސްޕެންޝަން ހަތަރު މަސް ފަހުން އުވާލައި ރަސްމީ މަސައްކަތަށް ނުކުންނެވުމުގެ ހުއްދަ އަލުން ދެއްވިއިރު ވެސް ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ލަސްވަނީ މައުލޫމާތުތަކެއް ހޯދާތީ ކަމަށް ބުނެ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދެމުން އަންނަ ޖަވާބު މިއަދު ވެސް ތަކުރާރުކޮށްފި އެވެ.

ނަޖާހް މަސްއޫދު ނަޖާހް މަސްއޫދު

ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ސަސްޕެންޝަން ހަތަރު މަސް ފަހުން އުވާލައި ރަސްމީ މަސައްކަތަށް ނުކުންނެވުމުގެ ހުއްދަ އަލުން ދެއްވިއިރު ވެސް ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ލަސްވަނީ މައުލޫމާތުތަކެއް ހޯދާތީ ކަމަށް ބުނެ ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން ދެމުން އަންނަ ޖަވާބު މިއަދު ވެސް ތަކުރާރުކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތާ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގަށް ފަހު މަހްލޫފްގެ މައްޗަށް ދައުވާކުރަން ފޮނުވީ 33،000 ޑޮލަރު ރިޝްވަތުގެ ގޮތުގައި ލިބުނު ކަމަށް ބުނާ މައްސަލައިގައި ޖޫން، 9، 2021 ގަ އެވެ. މި މައްސަލައާ އެކު ރައީސް އޮފީހުން ވަނީ އޭނާ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފަ އެވެ.

އެކަމަކު ޕީޖީން ގޮތެއް ނުނިންމައި ލަސްވާތީ އާއި ރާއްޖޭގައި ސާފްޗެމްޕިއަންޝިޕް ހިންގާ މި ދުވަސްވަރު ކުޅިވަރާ ބެހޭ ވަޒީރެއްގެ މަސްއޫލިއްޔަތު ބޮޑުވާނެތީ ރައީސް އޮފީހުން ވަނީ އޭނާގެ ސަސްޕެންޝަން އުވާލައިފަ އެވެ.

ކެބިނެޓުގެ ވަޒީރަކާ ދޭތެރޭގައި އަމަލުކުރާ ގޮތް ގަބޫލުނުކުރެވިގެން ސަސްޕެންޝަން އުވާލިއިރު، މައްސަލައިގައި ދައުވާ ކުރުމާ މެދު ގޮތެއް ނުނިމި ލަސްވަނީ ކީއްވެތޯ "މިހާރު"ން ސުވާލުކުރުމުން ޕީޖީ އޮފީހުން އަނެއްކާވެސް ބުނީ އެ މައްސަލައަށް ބޭނުންވާ މުހިންމު އިތުރު މައުލޫމާތުތަކެއް ތަހުގީގީ އިދާރާތަކުން ހޯދާތީ ކަމަށެވެ.

މި މައްސަލައިގައި ފާޑުކިއުން އަމާޒުވާ ކޮންމެ ފަހަރަކު ވެސް ޕީޖީ އޮފީހުން ދައްކަނީ ލިއުންތަކެއް ހަމަނުވުމުގެ މައްސަލަ އެވެ.

ޕީޖީ އޮފީހުގެ އޮފިޝަލަކު "މިހާރު"އަށް ވިދާޅުވީ، ދައުވާ ނުކޮށް ތިބީ ތަހުގީގީ އިދާރާތަކުން ލިބެން ޖެހޭ ބައެއް އިތުރު މައުލޫމާތުތައް ލިބެންދެން ކަމަށެވެ. އަދި މައުލޫމާތު ލިބުމުން ދައުވާ ކުރުމާއި ނުކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަޑު ކުރަމުން މިދަނީ ތަހުގީގީ އިދާރާތަކުން ބައެއް އިތުރު މައުލޫމާތު ލިބެންދެން. އެ މައުލޫމާތުތައް ލިބުމުން ގޮތެއް ނިންމާނެ،" އޮފިޝަލު ވިދާޅުވި އެވެ.

އޮފިޝަލު ވިދާޅުވީ، ސަސްޕެންޑު ކުރުމާއި އަލުން މަގާމަށް ގެނައުމަކީ ރައީސްގެ އިހްތިޔާރުގައިވާ ކަމެއް ކަމަށާއި އެއީ ޕީޖީ އޮފީހުން އަޅާލާ ކަމެއް ނޫން ކަމަށެވެ. އަދި އެ އޮފީހުގެ ވިސްނުން މިވަގުތު ހުރީ، ކުރަން ޖެހޭ މަސައްކަތްތައް ވަރަށް ފެންވަރު ރަނގަޅުކޮށް ކުރަން ކަމަށް ވިދާޅުވި އެވެ.

މި މައްސަލަ ފުރިހަމަ ނުވާތީ، ލިޔުންތަކެއް ހޯދަން މީގެ ކުރިން ޕީޖީ އޮފީހުން އަލުން އަނބުރާ އޭސީސީއަށް ފޮނުވި އެވެ. ފަހުން އެ އޮފީހުން ބުނެފައި ވަނީ މައްސަލަ އަދިވެސް ދިރާސާ ކުރަމުންދާ ކަމަށެވެ.

އެނގިފައިވާ ގޮތުގައި މި މައްސަލައިގައި ދައުވާ ކުރުމަށް މުހިންމު، އިނގިރޭސިވިލާތުން ހޯދަން ޖެހޭ ބައެއް ލިޔުންތައް ހޯދަން ޓީމެއް ތިބީ އެ ގައުމަށް ގޮހެވެ. އެ މީހުން އެނބުރި އަންނާނީ މި ހަފުތާގެ ތެރޭގަ އެވެ.

މަހުލޫފާ ދެކޮޅަށް ހުށަހަޅަން ދައުލަތުން ބޭނުންވާ ހެކީގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހުމަދުު އަދީބާއި އޭނާއާ ދެމެދު ކުރި ކަމަށް ބުނާ މެސެޖުތަކެއް ހިމެނޭކަން އެނގިފައިވެ އެވެ. އެކަމަކު، މަހުލޫފު ވިދާޅުވެފައި ވަނީ އޭނާ އަދީބާއެކު ދައްކާފައިވާ އެއްވެސް ވާހަކައެއް ނޯންނާނެ ކަމަށެވެ. އަދި އެ މެސެޖުތައް ލިބުނު އަދީބުގެ ފޯނުގެ ޗެއިން އޮފް ކަސްޓަޑީ ފުރިހަމަ ނުވާނެ ކަމަށާއި، އެއީ ބަލައިގަނެވޭނެ ހެއްކެއް ނޫން ކަމަށް ވެސް މަހުލޫފު މީގެ ކުރިން ވިދާޅުވެފައިވެ އެވެ.

މައްސަލައިގައި ގޮތެއް ނުނިންމައި ލަސްވާތީ މަހުލޫފު ވަނީ ޕީޖީ އޮފީހަށް ފާޑުވިދާޅުވެފަ އެވެ. އެކަމަކު އެ އޮފީހުން ބުނަނީ އެހެން މައްސަލަތަކެކޭ އެއްގޮތަށް މަހުލޫފުގެ މައްސަލައިގައި ވެސް ދައުވާ ކުރާނީ ހެކި ގަރީނާ ހޯދާފައި ވަނީ ރަނގަޅަށްތޯ ކަށަވަރު ކުރުމަށްފަހު ކަމަށެވެ. ބައެއް ބޮޑެތި މައްސަލަތަކުގައި ދައުވާކުރުމާ މެދު ގޮތެއް ނިންމާ މަރުހަލާގައި، އިތުރު ކަންކަން ސާފުކުރުމަށް ނުވަތަ ތަހުގީގީ އިދާރާތަކާ އެކު ކުރަންޖެހޭ އިތުރު މަސައްކަތްތައް ހުންނާތީ ދައުވާ ނުކުރެވި ގިނަ ދުވަސްވާކަން ވެސް އެ އޮފީހުން ކުރިން ފާހަގަކޮށްފައިވެ އެވެ.

ޖިނާއީ މައްސަލައެއްގައި މީހަކު ހައްޔަރު ނުކުރާ ނަމަ އޭނާއަށް ދައުވާ ކުރުމަށް ވަކި މުއްދަތެއް ނޯވެ އެވެ. މަހުލޫފު ހައްޔަރުކޮށްފައި ނުވާތީ އޭނާގެ މައްސަލަ ނިންމަން ޕީޖީއަށް ވަކި މުއްދަތެއް ނެތެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕީޖީ ހުސެއިން ޝަމީމް ވަނީ މަހުލޫފުގެ މައްސަލަ ލަސްވެއްޖެ ކަމަށް އެއްބަސްވެވަޑައިގެންފަ އެވެ. އެކަމަކު، ޝަމީމް ވިދާޅުވީ، ލަސްވިޔަސް، ދައުވާކުރުމާ މެދު ގޮތެއް ނިންމާނީ އެކަމެއް ކުރަން އޮންނަ ހަމައަކުން ކަމަށެވެ.

އޭސީސީއިން ބުނެފައި ވަނީ މަހުލޫފަށް ލިބުނު ފައިސާ އަކީ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް ވޯޓަށް އެހި ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ބިލަށް ވޯޓު ދިނުމާއި ޕީޕީއެމްގައި ދެމިހުރުމުގެ ބަދަލެއްގެ ގޮތުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ދެއްވި ފައިސާ ކަމަށެވެ.

ތުހުމަތުތަކުން ދިފާއުވުމަށް މަހުލޫފު ކުރިން ވިދާޅުވީ، އެ ފައިސާ ލިބުނު މުއާމަލާތަކީ ޑޮލަރު ގަތުމުގެ ސައްހަ މުއާމަލާތެއް ކަމަށެވެ. ފައިސާ ދިން އެސްއޯއެފުން ބޭނުންކުރީ އެމްއެމްޕީއާރުސީގެ ފައިސާކަން އެނގިވަޑައިނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.