Roadha Mihaaru
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި

ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި

24 ނޮވެމްބަރ 2021

ރިސޯޓެއް ހަދަން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް މިއަދު އުފުލައިފި އެވެ.

ރިސޯޓެއް ހަދަން ވ. އާރަށް ކުއްޔަށް ދިނުމުގެ މުއާމަލާތުގައި އެއް މިލިއަން ޑޮލަރުގެ ރިޝްވަތު ނަގައި އެ ފައިސާ ލޯންޑާކުރި ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް މިއަދު އުފުލައިފި އެވެ.

އެ މަނިކުފާނުގެ މައްޗަށް ޕީޖީ އޮފީހުން އާ ދައުވާއެއް އުފުލިއިރު، އެމްއެމްޕީއާރުސީ މެދުވެރިކޮށް ގއ. ވޮޑަމުލާ ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން އެއް މިލިއަން ޑޮލަރު އަމިއްލަފުޅު އެކައުންޓަށް ޖަމާކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި ލޯންޑާ ކުރިކަން ވަނީ ދަށު ކޯޓަށް ސާބިތުވެފަ އެވެ. އެ މައްސަލައިގައި ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައި ކޯޓުން ދެމެހެއްޓުމުން ޔާމީންގެ ފަރާތުން މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކޮށްފައިވާއިރު، މި މަސް ނިމުމުގެ ކުރިން ހުކުމް ކުރަން ސުޕްރީމް ކޯޓުން އޮތީ ކަނޑައަޅައިފަ އެވެ.

ޕީޖީ އޮޕީހުން ބުނީ، އާރަށުގެ މައްސަލައިގައި ޔާމީންގެ މައްޗަށް ދައުވާ އުފުލީ، ވ. ފެލިދޫ ހަނދުވަރީގެ ޔޫސުފް ނައީމްއާ ދެ ބޭފުޅުން، ޓޫރިޒަމް މިނިސްޓްރީ އާއި އެމްއެމްޕީއާރުސީ މެދުވެރިކޮށް، ރިސޯޓެއްގެ ގޮތުގައި އެ ރަށް ތަރައްގީކުރުމުގެ ބޭނުމުގައި ހިންގި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން މަގާމުގެ ނުފޫޒު ބޭނުން ކުރައްވައި، ރިޝްވަތުގެ ގޮތުގައި އެއްމިލިއަން ޑޮލަރު (15 މިލިއަން ރުފިޔާ) ނަގައި ލޯންޑާ ކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭތީ ކަމަށެވެ.

މައްސަލާގައި ބުނާ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައި ވަނީ އާ ރަށް ކުއްޔަށް ނެގި ކުންފުނިން ސީދާ ޔާމީންގެ އެކައުންޓަށެވެ.

ޔާމީންގެ މައްޗަށް ދައުލަތުން ކުރަނީ މަނީ ލޯންޑަރިންގެ ދައުވާ އާއި ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.

ޔާމީނާއެކު، އާރަށުގެ މުއާމަލާތުގައި ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ޔޫސުފް ނައީމްގެ މައްޗަށް ދައުލަތުން ކުރަނީ އެ އޮފީހުން ބުނިގޮތުގައި، ރިޝްވަތު ދިނުމުގެ ދައުވާ އެވެ.

ވ. ތިނަދޫ ކައިރީގައި އޮންނަ އާރަށަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީންގެ އަލީގެ މަސްލަހަތު އޮންނަ ކުންފުންޏަކަށް ކުރިން ދީފައި އޮއްވައި 2015 ވަނަ އަހަރު އަތޮޅު. ފެލިދޫ ކައުންސިލާ ހަވާލުކުރި ރަށެކެވެ. އެ ރަށް ޓޫރިސްޓް ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ފަހު، ޓޫޖީ މޯލްޑިވްސް ކިޔާ ކުންފުންޏަކާ ހަވާލުކުރި އެވެ. އާރަށް އޭގެ ފަހުން ބޭރު ކުންފުންޏަކަށް ވިއްކައިލީ އެވެ.