ރ. ފުއްގިރިގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހާޒިރުވެ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް މާލޭގެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކޯޓަށް އަންގަވައިފި އެވެ.
28 އެޕްރީލް 2025
ރ. ފުއްގިރިގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ދިފާއީ ހެއްކެއްގެ ގޮތުގައި ކްރިމިނަލް ކޯޓަށް ހާޒިރުވެ ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް މާލޭގެ ސިޓީ ކައުންސިލްގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ކޯޓަށް އަންގަވައިފި އެވެ.
ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި އޮތެވެ. އެ އަޑުއެހުމުގައި އޮތީ ޔާމީންގެ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ.
އަޑުއެހުން ފެށުމުގެ ކުރިން ކޯޓަށް ފޮނުވި މެއިލެއްގައި، ޔާމީންގެ ފަރާތުން އެންމެ މުހިންމު ހެކީގެ ގޮތުގައި ހުށަހެޅި ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދޭން އިންކާރު ކުރައްވައިފަ އެވެ.
މިއަދު ކްރިމިނަލް ކޯޓަށް އެ ބޭފުޅުން ހާޒިރުވެ ވަޑައެއް ނުގަނެވެ. އެނގިފައިވާ ގޮތުގައި އެ ދެ ބޭފުޅުން ވެސް މި ވަގުތު ތިބީ ރާއްޖެއިން ބޭރުގަ އެވެ.
ޔާމީންގެ ފަރާތުން މި ދެ ހެކި ހުށަހެޅުއްވީ ޔާމީންގެ އެކައުންޓަށް ޖަމާވި އެއް މިލިއަން ޑޮލަރަށްވާ ދިވެހި ފައިސާ މާރުކުރިކަން ސާބިތު ކުރުމަށެވެ.
ނަރީޝް އާއި ޝުއާއު ހެކިބަސް ދޭން ބޭނުން ނުވާ ކަމަށް އަންގާފައި ވާތީ، މައްސަލަ ބައްލަވާ ގާޒީ ވަނީ އެ މީހުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ފުރުސަތު އޮތްކަން ފާހަގަކުރައްވައިފަ އެވެ. ނަމަވެސް، ޔާމީންގެ ވަކީލް ވިދާޅުވީ އެ ބޭފުޅުން ހައްޔަރުކޮށްގެން މަޖުބޫރުން ހެކި ބަސް ނަގަން އެ މަނިކުފާނު ބޭނުން ނުވާ ކަމަށެވެ.
ގާޒީ ވަނީ އެ ދެ ހެކިވެރިންނަށް އިތުރު ފުރުސަތެއްދީ، ހެކި ބަސް ނަގަން އަންނަ މަހަށް އަޑުއެހުމެއް ތާވަލުކުރައްވައިފަ އެވެ.
ނަރީޝް ހެކި ބަސް ނުދޭން ނިންމެވި އިރު، އޭނާ އާއި ޔާމީނާ ދެމެދު އޮތް ސިޔާސީ އެކުވެރިކަން މިހާރު ވަނީ ގެއްލިފަ އެވެ. ޕީއެންސީގެ މެންބަރެއްގެ ގޮތުގައި ނަރީޝް ހުރިއިރު، ޔާމީން ގެންދަވަނީ މި ސަރުކާރަށް ތާއިދު ނުކުރާކަން ހާމަކުރައްވައި ދެކޮޅަށް ވާހަކަ ދައްކަވަމުންނެވެ.
ނަރީޝް، މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރުގެ މަގާމުން އިސްތިއުނާ ދެއްވާފައިވާއިރު، އޭނާ މިހާރު ހުންނެވީ މިނިސްޓަރުންގެ ފެންވަރުގައި ޔޫތު މިނިސްޓަރުގެ އެޑްވައިޒަރެއްގެ މަގާމުގަ އެވެ.
މީގެކުރިން ޔާމީންގެ ފަރާތުން ހެެއްކެއްގެ ގޮތުގައި ހުށަހެޅި ސަން ކުންފުނީގެ ވެރިޔާ އަދި މީދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު އަހުމަދު ސިޔާމް ވެސް ވަނީ ކޯޓުގައި ހެކި ބަސް ދެއްވަން ދެކޮޅު ހައްދަވައިފަ އެވެ.
ފުއްގިރި މައްސަލައިގައި ހެކިބަސް ދޭން ނަރީޝް ދެކޮޅު ހެއްދެވި އިރު، ވ. އާރަށުގެ މައްސަލައިގައި ޔާމީނަށް ކުރާ ދައުވާގެ ޝަރީއަތުގައި އޭނާ ދެއްވި ހެކި ބަހާ މެދު ވަނީ ސުވާލު އުފެދިފަ އެވެ. ކޯޓުގައި ހެކިބަސް ދެއްވަމުން އޭރު ނަރީޝް ވިދާޅުވެފައިވަނީ ޔާމީން، ރައްޔިތުންގެ މަޖިލީހުގެ ފެލިދޫ ދާއިރާގެ ކުރީގެ މެންބަރު ޔޫސުފް ނައީމްގެ އަތުން އެއް މިލިއަން ޑޮލަރު ބައްލަވައިގެން، އޭގެ ބަދަލުގައި ދެއްވި ދިވެހި ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ކަމަށާއި އެ ފައިސާ ގުނީ ޔާމީންގެ ގެކޮޅުގައި، އަތުން ކަމަށެވެ.
ނަމަވެސް، އެ ދުވަހު ނަރީޝް ދެއްވި ހެކިބަހަކީ ދޮގު މައުލޫމާތުތަކެއްގެ މައްޗަށް ބިނާކޮށް ދިން ހެކި ބަހެއް ބުނެ ދައުލަތުން އާ ހެކިތަކެއް ވެސް ހުށަހެޅި އެވެ. ދައުލަތުން އާ ހެކި ހުށަހަޅާފައިވަނީ ނަރީޝް ހެދީ ދޮގު ކަން ސާބިތު ކުރުމަށެވެ. އަދި އެ މައްސަލަ ފުލުހުން ވެސް ތަހުގީގުކޮށްފައިވެ އެވެ.
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން މި މައްސަލައިގައި ކުރިން އިއްވި ހުކުމްގައި ވެސް ނަރީޝް ދިނީ ދޮގު ހެކި ބަހެއް ކަމަށް ވަނީ ކަނޑައަޅައިފަ އެވެ.
ކްރިމިނަލް ކޯޓުގެ އެ ހުކުމުގައިވަނީ ޔާމީންގެ ފަރާތުން ހެކިބަސް ދިން އެ ހެކިންނަކީ ޖިނާއީ އަދުލުގެ ނިޒާމުގެ ބޭނުން ނަހަމަ ގޮތުގައި ހިފައިގެން ހުށަހަޅާފައިވާ ހެކިން ކަމަށް ބެލެވޭ ކަމަށެވެ. އަދި އެ ހެކިން ދެއްކި ވާހަކަތަކަށް ބަލާއިރު އޮޅުވާލުމުގެ އިތުރުން ކަނޑައެޅިގެން ދޮގު މައުލޫމާތު ކޯޓަށް ދީފައިވާ ކަމަށާއި ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ދެކޮޅު ނުޖެހޭ ވާހަކަތަކުން އެކަން ހާމަވެފައިވާ ކަމަށް ހުކުމުގައިވެ އެވެ.
"މި ހެކިންނަކީ ހެކިބަސް ދިނުމަށް އުފައްދައިގެން ވަކި ކަމެއް ހާސިލް ކުރުމަށް ހުށަހަޅާފައިވާ ހެކިން ކަމަށް ޝަރީއަތަށް ގަބޫލު ކުރެވޭ..." ހުކުމުގައިވެ އެވެ.
ހެކިންގެ ހެކިބަހުގައި ހުރި ފުށުއެރުންތަކާއި ހަމަނުޖެހޭ ކަންކަން ވެސް 105 ސޮފްހާގެ އެ ހުކުމުގައި ފާހަގަ ކޮށްފައިވެ އެވެ. އެގޮތުން 15 މިލިއަން ރުފިޔާ ޔޫސުފް ނައީމާ ހަވާލުކުރި ދުވަހެއް ބުނެ ނުދެވޭއިރު، އެއީ ދުވާލު ކަމެއް ނުވަތަ ރޭގަނޑު ކަމެއް ވެސް ހެކިންނަށް ބުނެ ނުދެވޭ ކަމަށާއި އެކަމަކު އެދުވަހު ހިނގި އެހެން ކަންކަމުގެ ވަރަށް ކުދިކުދި ތަފްސީލުތައް ހެކިން ބުނެފައިވުމަކީ ހައިރާންވާން ޖެހޭ ފަދަ ކަމެއް ކަމަށް ހުކުމުގައިވެ އެވެ.
ކްރިކް ރިޒާގެ މައްސަލަ ލަސްވާތީ ދައުވާ ފައިލްކޮށްފި
އާރަށް މައްސަލާގެ ފައިސާގެ ބަޔާ މެދު ގޮތެއް ނުނިންމާ
ޔާމީނަށް މަނީ ލޯންޑްރިންގެ އިތުރު ދައުވާއެއް އުފުލައިފި
ޔާމީން ލޯންޑަކުރެއްވި ފައިސާ ދައުލަތަށް ނަގަން އެދެފި
ފުއްގިރީގެ މައްސަލައިގެ އަޑުއެހުމެއް ތާވަލުކޮށްފި
ޔާމީން ފައިސާ ދައުރުކުރީ އަސްލު ގެއްލޭ ގޮތަށް:ދައުލަތް
ތަހުގީގުގައި ހަނު ހުރީ ފުލުހުން ފުރައްސާރަކުރާތީ:ޔާމީން
އާރަށް ހޯދަން އުޅުނު ކަމެއް ނޭނގޭ: ޔާމީން
"ޑޮލަރު ގަތީ ކަމަށް ބުނެ ޔާމީނަށް ފައިސާދިން"
ފުއްގިރި މައްސަލާގެ ހުށަހެޅުންތައް ބަލައެއްނުގަތް