Roadha Mihaaru

ޔާމީން އަންގަވައިގެން 17 މިލިއަން ނަގުދު ފައިސާ ހިލާލީގެއިން ނެރުނިން: ހެކި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އެ މަނިކުފާނު އޭރު ދިރިއުޅުއްވި ހިލާލީގެއިން ނެރުނު ކަމަށް ހެކިވެރިޔަކު ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

ޔާމީން އަންގައިގެން 17 މިލިއަން ނެރުނިން: ހެކި
ނާޒިމް ހަސަން
ނާޒިމް ހަސަން

26 މެއި 2025

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަންގަވައިގެން 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ އެ މަނިކުފާނު އޭރު ދިރިއުޅުއްވި ހިލާލީގެއިން ނެރުނު ކަމަށް ހެކިވެރިޔަކު ޝަރީއަތުގެ މަޖިލީހުގައި މިއަދު ބުނެފި އެވެ.

ރ. ފުއްގިރި ކުއްޔަށް ދިނުމަށް ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރު ގަބޫލު ކުރައްވައި، އެ ފައިސާ ލޯންޑާ ކުރެއްވި ކަމަށް ބުނެ ޔާމީންގެ މައްޗަށް ކުރާ ދައުވާގެ އަޑުއެހުމެއް މިއަދު ކްރިމިނަލް ކޯޓުގައި އޮތެވެ. އެ އަޑުއެހުމުގައި އޮތީ ޔާމީންގެ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ.

އެގޮތުން، މުލިީއާގޭގެ އެކްސްޓާނަލް އެފެއާޒްގެ ކުރީގެ ހެޑް އަބްދުﷲ ރަޝީދު ހެކިބަސް ދީފައިވެ އެވެ. އޭނާ ހެކިބަސް ދެމުން ބުނީ ސަން ކުންފުނީގެ ވެރިޔާ އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ސިޔާމަށް މުހައްމަދު ދޭން ޖެހޭ ފައިސާތަކެއް ކަމަށް ވިދާޅުވެ، ފައިސާތަކާ ހަވާލުވުމަށް، ރައީސްގެ އޭރުގެ ރަސްމީ ގެކޮޅު ހިލާލީގެ އަށް އައުމަށް އޭނާ އަށް ޔާމީން އެންގެވި ކަމަށެވެ.

އަބްދުﷲ ރަޝީދަކީ ޔާމީންގެ އަމިއްލަ މަސައްކަތްތައް ވެސް ކުރާ މީހެކެވެ. ޔާމީންގެ ގެ ބެލެހެއްޓުމާއި ކާރުތައް ބެލެހެއްޓުން ފަދަ މަސައްކަތްތައް އޭނާ މިހާރު ވެސް ކުރެ އެވެ.

އަބްދުﷲ ބުނިގޮތުގައި ހިލާލީގެ އަށް އެ ރޭ އޭނާ ދިޔައިރު ސިޓިންރޫމްގެ މޭޒެއްގެ މަތީގައި 17 މިލިއަން ރުފިޔާގެ ނަގުދު ފައިސާ ބަހައްޓާފައި ހުއްޓެވެ. އެއީ 17 މިލިއަން ރުފިޔާކަން އެނގުނީ އެގޮތަށް ޔާމީން ވިދާޅުވުމުން ކަމަށް އޭނާ ބުންޏެވެ. އަދި އެއީ ޑޮލަރު މާރުކުރުމަށް ސިޔާމަށް ދޭ ފައިސާ ކަމަށް ޔާމީން ވިދާޅުވި ކަމަށް ވެސް އޭނާ ބުންޏެވެ.

އަބްދުﷲ ބުނިގޮތުގައި، ފައިސާތައް ހުރީ 50،000 ރ. އިން ބަންޑަލް ކޮށްފަ އެވެ. އެއީ 344 ބަންޑަލް އެވެ.

ހެކިބަސް ދެމުން އަބްދުﷲ ރަޝީދު ކިޔައިދިން ގޮތުގައި އެ ފައިސާ އޭނާ އެޅީ ބޮޑު ލަގެޖް ފޮއްޓަކަށެވެ. އެ ފޮއްޓަށް ފައިސާތައް އެޅުމުން ވެސް ފޮށީގައި ކޮންމެ ވެސް ވަރެއްގެ ހުސް ޖާގައެއް އޮތް ކަމަށް ބުންޏެވެ. އެ ފޮއްޓަށް ހަވާލުވުމަށް ސިޔާމްގެ ކާރުގައި އޭނާގެ ޑްރައިވަރު ހިލާލީގެ ކައިރިއަށް ދިޔަ ކަމަށް އޭނާ ބުންޏެވެ.

އެކަން ހިނގި ސީދާ ތާރީހު ނޭނގު ނަމަވެސް، އެއީ 2016 ވަނަ އަހަރުގެ މެދުހެއްހާ ހިސާބު ހިނގި ކަމަށް ކަމަށް އޭނާ ބުންޏެވެ.

އަބްދުﷲ ރަޝީދުގެ އިތުރުން ޔާމީނަށް ރިޝްވަތު ދިން ކަމަށް ދައުލަތުން ތުހުމަތުކުރި ކްރިކް ރިޒާ ވެސް މިއަދު ހެކިބަސް ދީފައިވެ އެވެ. އޭނާ ހެކިބަސް ދެމުން ދިޔައިރު، މައިކަށް ރަނގަޅަށް އަޑު ނާރާތީ، ދެއްކި ވާހަކަ އެހާ ސާފެއް ނުވެ އެވެ.

ހެކިބަސް ދެމުން ކްރިކް ބުނެފައިވަނީ ޔާމީނާ ފައިސާގެ އެއްވެސް މުއާމާލާތެއް ކޮށްފައި ނުވާނެ ކަމަށެވެ. ފުއްގިރި ކުއްޔަށް ނަގަން ބޭނުން ވެގެން ބޭރުގެ ކުންފުންޏަކަށް ކޮންސަލްޓޭޝަން ފޯރުކޮށްދިން ކަމަށާއި އެ ރަށުގެ އިކްއިޒޭޝަން ކޯސްޓާ ގުޅިގެން ހުރި ކަންބޮޑުވުންތަކަކާ ގުޅިގެން އެހީއަކަށް އެދުމުން އެމްއެމްޕީއާރްސީގެ އޭރުގެ އެމްޑީ އަބްދުﷲ ޒިޔަތާ ބައްދަލުކުރި ކަމަށް ވެސް ރިޒާ ބުންޏެވެ. އޭގެ ތެރެއިން އެއް ބައްދަލުވުމުގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ވެސް އިންނެވި ކަމަށް ބުންޏެވެ.

މި މައްސަލައިގައި ހެކިންގެ ހެކިބަސް ނަގައި މިއަދު ވަނީ ނިންމާލައިފަ އެވެ. ދެން އޮންނާނީ ހެއްކާ ގުޅޭ ގޮތުން ވާހަކަ ދެއްކުމާއި ހުލާސާ ބަޔާން އިއްވުމެވެ. އެ އަށް ފަހު އޮންނާނީ ހުކުމް ކުރުމެވެ.

ޔާމީންގެ ފަރާތުން އެންމެ މުހިންމު ހެކީގެ ގޮތުގައި ހުށަހެޅި މާލޭގެ ކުރީގެ ޑެޕިއުޓީ މޭޔަރު އަދި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދުގެ މިހާރުގެ އެޑްވައިޒަރު އަހުމަދު ނަރީޝް އާއި އެފްއެސްއެމްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު ޝުއާއުﷲ ސައީދު ވަނީ ހެކިބަސް ދޭން އިންކާރު ކުރައްވައިފަ އެވެ.