Roadha Mihaaru
ހިޔާނާތުގެ 35 މިިލިއަން ރުފިޔާ ރައީސް ގެންދެވި: އަލީ

އެމްއެމްޕީއާރުސީގެ 35 މިިލިއަން ރުފިޔާ ރައީސް ގެންދެވި: އަލީ ވަހީދު

21 ސެޕްޓެމްބަރ 2021

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި, އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދެވި ކަމުގެ ތުހުމަތު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި, އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ އަޅާފައި ހުރި ދަބަހެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ގެންދެވި ކަމުގެ ތުހުމަތު ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ކުރައްވައިފި އެވެ.

އިނގިރޭސިވިލާތުގައި ހުންނަވައިގެން ރޭ ނޫސްވެރިންނާ ބައްދަލުކުރައްވައި، އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް ފަސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އޭގެ ފަހުން، ތަފުސީލަށް ވަޑައިގެން އޭނާ ވިދާޅުވީ އޭގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ވީޑިއޯ ޕޮލިހުގައި ވެސް ހުންނާނެ ކަމަށެވެ.

އަދި، ފުލުހުންގެ އެ ލިސްޓްގައި ހިމެނޭ ބައެއް ބޭފުޅުންގެ ނަންތައް ކަނޑާލައިފައިވާ ކަމުގެ ތުހުމަތު ކުރައްވައި، އެކަމަށް ޓަކައި، އެ މައްސަލަ އިސްކޮށް ބެއްލެވި އެސިސްޓެންޓް ކޮމިޝަނަ އޮފް ޕޮލިސް މުހަންމަދު ރިޔާޒު، ﷲއަށް ބިރުވެތިވާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އެކަން ހިނގިއިރު އޭނާ ހުންނެވީ އެމްޑީޕީގެ ޗެއާޕާސަންގެ މަގާމުގައި ކަމަށާއި އުޅުއްވީ ރާއްޖެ އިން ބޭރުގައި ކަމަށެވެ. ރައީސް އޭރު ހުންނެވީ އެމްޑީޕީގެ ޕީޖީ ލީޑަރު ކަމުގަ އެވެ.

"އެހެންވީމަ އަޅުގަނޑެއް ނުދާނެތާ ރެހެންދިއަކަށް،" އަލީ ވަހީދު ވިދާޅުވި އެވެ.

"މި ދަންނަވަނީ އެންމެ އިސް ފަސް މަގާމުގައި ހިމެނޭ ބޭފުޅަކު ރެހެންދި ފްލެޓަށް ވަދެ، 35 މިލިއަން ރުފިޔާ ހިފައިގެންދިޔައޭ. އަދި އެއީ އެކެއްގެ ވާހަކަ."

އަލީ ވަހީދު އެހެން ވިދާޅުވި ނަމަވެސް، އެމްއެމްޕީއާރުސީގެ އެއްވެސް ތަހުގީގެއްގައި، ރައީސް އިބްރާހިމް މުހަންމަދު ސޯލިހާ ހިޔާނާތުގެ ފައިސާ އެއްވެސް ގުޅުމެއް އޮތް ކަމެއް އެނގޭކަށް ނެތެވެ. އޭސީސީ އާއި ރައީސް އޮފީހުން ވެސް ކުރިން ވެސް ބުނެފައި ވަނީ ހިޔާނާތުގެ އެއްވެސް ކަމަކާ އަދި ފައިސާއަކާ ވެސް ރައީސާ ގުޅުމެއް ނެތް ކަމަށެވެ.

ރައީސް އުފުއްލެވި ދަބަހުގައި ހުރި ފައިސާ ބޭނުންކުރީ ކޮން ކަމަކަށް ކަމެއް އަލީ ވަހީދު ވިދާޅެއް ނުވެ އެވެ. އެކަމަކު އެ ފައިސާ އެމްޑީޕީ ހިންގަން ބޭނުންކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ހިޔާނާތުގެ ފައިސާގެ ވާހަކަ އެެއްވެސް ޕާޓީއަކަށް ދެއްކެން ނެތް ކަމަށާއި އެކަމަކު އެ ވާހަކަތައް އޭނާ ދައްކަވާނެ ކަމަށެވެ. އަދި ހިޔާނާތުގެ ފައިސާގެ ވާހަކަ ދައްކަވަން ރަނގަޅު އެއްވެސް ބޭފުޅަކު ދައުލަތުގެ މަގާމެއްގައި ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.