Roadha Mihaaru
ރައީސަށް ކުރިން ތުހުމަތުކުރީ ފްރޭމްކުރި މީހުން ހޯދަން

ރައީސަށް ކޮރަޕްޝަންގެ ތުހުމަތުކުރީ ފްރޭމްކުރި މީހުން ހޯދަން: އަލީ ވަހީދު

11 ޖުލައި 2023

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްއެމްޕީއާރްސީގެ 35 މިލިއަން ރުފިޔާ ލިބިވަޑައިގަތް ކަމަށް ބުނެ ކުރިން ތުހުމަތުކުރީ އޭނާ ފްރޭމް ކުރި މީހުން ހޯދަން އުކުޅެއްގެ ގޮތުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްއެމްޕީއާރްސީގެ 35 މިލިއަން ރުފިޔާ ލިބިވަޑައިގަތް ކަމަށް ބުނެ ކުރިން ތުހުމަތުކުރީ އޭނާ ފްރޭމް ކުރި މީހުން ހޯދަން އުކުޅެއްގެ ގޮތުން ކަމަށް ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދުގެ މައްޗަށް އުފުލި ޖިންސީ ގޯނާ އާއި ރޭޕްގެ ދައުވާތައް ދައުލަތުން އަނބުރާ ގެންދިޔުމުން ދެ އަހަރު ފަހުން މިއަދު ރާއްޖެ ވަޑައިގެން، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން އޭނާ ވިދާޅުވީ، ޓޫރިޒަމް މިނިސްޓްރީގެ މުވައްޒަފުންތަކެއް ބޭނުންކޮށްގެން އޭނާގެ މައްޗަށް ތުހުމަތުތަކެއް ކުރީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކަމަށެވެ.

"އެ ތުހުމަތުގައި އަޅުގަނޑު ޖަލަކަށް ނުލެވުނު، މާތްﷲ އަޅުގަނޑު ރައްކާތެރިކުރީ ކަމަށް ގަބޫލުކުރަނީ. އަޅުގަނޑު ނޯންނާނެ ޖިންސީ ފުރައްސާރައެއް، ޖިންސީ ގޯނާއެއް، ރޭޕެއް ކޮށްފައެއް. އަޅުގަނޑު ޗެލެންޖުކޮށްފައި މި ބުނަނީ އެ ވާހަކަ ދައްކާ މީހުންނަށް." އަލީ ވަހީދު ވިދާޅުވި އެވެ.

ބަޔަކު އޭނާ ފްރޭމްކުރީ ކަމަށް ތުހުމަތުކުރި ނަމަވެސް، އެއީ ކޮން ބައެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އެކަމަކު ވިދާޅުވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަބްދުﷲ ޔާމީން އެކަމުގައި ބައިވެރި ނުވާނެކަން ޔަގީން ކަމަށެވެ. އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް އެފަދަ ކަމެއް ނުކުރައްވާނެ ކަމަށާއި އެކަމަކު، އެމަނިކުފާނުގެ އަރިހުގައި އެފަދަ ބަޔަކު އެބަ އުޅޭ ކަމަށް ވިދާޅުވި އެވެ.

"ޕީޕީއެމްއަކުން ނޫން މިކަމެއް ކުރީ، ޖުމްހޫރީ ޕާޓީއަކުން ވެސް ނޫން މިކަން ކުރީ. އެއީ އަޅުގަނޑަށް ސާފުވާ ކަމެއް، އެކަމަކު އަޅުގަނޑު ހުރީ ސަރުކާރުގައި، ވަރަށް ބުރަކޮށް އަޅުގަނޑު މަސައްކަތް ކުރީ. އެޓް އެނީ ކޮސްޓް އަޅުގަނޑު ނިޒާމުން ދުއްވާލަން މީގެ އަޑީގައި ތިބި ބަޔަކު ދިޔައީ މަސައްކަތް ކުރަމުން." އަލީ ވަހީދު ވިދާޅުވި އެވެ.

ނަމަވެސް އޭނާއާ ދެކޮޅަށް ތުހުމަތުތަކެއް އުފެއްދީ ސީދާ ސަރުކާރުގެ ތެރެއިން ކަމަށާއި އެކަމަކު އެއީ ކޮން ބައެއް ކަމެއް ވިދާޅުނުވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އެ ފަރާތްތަކާ ދެކޮޅަށް މަސައްކަތެއް ކުރުމުގެ ވިސްނުމެއް ނެތް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާގެ ތެރެއިން 35 މިލިއަން ރުފިޔާ ރައީސަށް ލިބިވަޑައިގަތް ކަމަށް އަލީ ވަހީދު އިނގިރޭސިވިލާތުގައި ހުންނަވައިގެން ތުހުމަތު ކުރެއްވި އެވެ. އެ ދުވަހު އަލީ ވަހީދު ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ މާލޭގެ ރެހެންދި ފްލެޓުން "ކަޅު ދަބަސް" އުފުއްލެވި ބޭފުޅުންގެ ތެރޭގައި އެމްޑީޕީގެ އެންމެ އިސް މަގާމުގައި ތިއްބެވި ބޭފުޅުން ހިމެނިވަޑައިގަންނަވާ ކަމަށެވެ. އަދި ފަހުން އޭގެ ތަފުސީލަށް ވަޑައިގެން، އޭނާ އޭރު ވިދާޅުވެފައިވަނީ އޭގެ ތެރޭގައި ރައީސް ވެސް ހިމެނިވަޑައިގަންނަވާ ކަމަށާއި އޭގެ ވީޑިއޯ ފުލުސް އޮފީހުގައި ވެސް ހުންނާނެ ކަމަށެވެ.

ނަމަވެސް މިއަދު އަލީ ވަހީދު ވިދާޅުވީ ރައީސަކީ 35 މިލިއަން ރުފިޔާ ނަންގަވަން ޖެހޭ މިންވަރަށްވުރެ ފުދުންތެރި ބޭފުޅެއް ކަމަށެވެ.

ރައީސަށް އަމާޒުކޮށް އޭރު އެ ތުހުމަތު ކުރީ އޭނާގެ "ފަހަތުގައި ވިއްދާފައި ހުރި ހިޔަމަ" އަކީ ކޮބައިކަން ހޯދުމަށް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ ހަނގުރާމައިގެ މައިދާނުގައި ކުރަން ޖެހޭ ކަންކަން ހާސިލްކުރަން ދޮގު ހަދަން ޖެހިއްޖެނަމަ، އެކަން ކުރުމަށް ދީނުގައި ވެސް އޮންނަ ކަމަށެވެ.

"އެ ދުވަހު އަޅުގަނޑު ދިން ޕްރެސް ކޮންފަރެންސްއާ ހަމައަށް އަޅުގަނޑު ފްރޭމް ކުރި ބަޔަކު ނޭނގޭ. އަޅުގަނޑު އެ ދުވަހު އެ ނޫސް ކޮންފަރެންސް ބޭނުންކުރީ ސްމޯކް ސްކްރީން އަކަށް. ރައީސަށް އަޅުގަނޑު އެ ލަފުޒު އަމާޒުކޮށްލީ ސްމޯކް ސްކްރީންއަކަށް." އަލީ ވިދާޅުވި އެވެ.

"ހަމަލާ ދިނީ އެތެރޭން އިނގޭތޯ. އެ ދުވަހަށްފަހު އަޅުގަނޑަށް ޔަގީން މި ހަމަލާދިނީ ކޮން ދިމާލަކުންކަން."

އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަން ހިންގިއިރު އެމްޑީޕީގެ ވެރިންގެ ގޮތުގައި ތިބީ އޭނާގެ އިތުރުން ރައީސާއި ނަޝީދު ކަމަށާއިއަދި އެ ދެ ބޭފުޅުން އޭރު ކުރެއްވި ކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށެވެ. އަދި ރައީސް ކޮރަޕްޝަންގައި ބައިވެރިވެ ވަޑައިނުގަންނަވާ ކަމަށް ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރްސީގެ ވާހަކަ ދައްކައިގެން "ހަރާބުން ހަރާބަށް" ދިޔުން ނޫން ކަމެއް ނުވާނެ ކަމަށެވެ. އަދި އެކަމުގައި ބައިވެރިވި ބޭފުޅުން ކަމަށް ބުނެ އެކި ސިޔާސީ ލީޑަރުން ގެންގުޅެނީ އެކި ލިސްޓް ކަމަށާއި އަދި ވަކި ބަޔަކަށް ޓާގެޓްކޮށް އެމީހުންގެ "ބަނޑު ފެޅުމުގެ" ބޭނުމެއް ނެތް ކަމަށް ވިދާޅުވި އެވެ.

މިސާލެއްގެ ގޮތުން ޔާމީނާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފާހަގަ ކުރައްވަމުން އަލީ ވަހީދު ވިދާޅުވީ އެމްއެމްޕީއާރުސީގެ މައްސަލާގައި ހަމައެކަނި އެ ދެ ބޭފުޅުން ޖަލަށްލުމަކީ އިންސާފެއް ނޫން ކަމަށެވެ.

ދެ އަހަރާއި ފަސް މަހަށްފަހު އަލީ ވަހީދު އެނބުރި ރާއްޖެ ވަޑައިގެންނެވިއިރު، އޭނާއަށް މަރުހަބާ ދެންނެވުމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން މޫސާ މަނިކު ވެސް ވަޑައިގަތެވެ. އަލީ ވަހީދު ވިދާޅުވީ، އޭނާ މިވަގުތު ހުންނެވީ އެއްވެސް ސިޔާސީ ޕާޓީއެއްގަ ނޫން ކަމަށާއި އަދި ކުރިއަށް އޮތް ތަނުގައި ކުރިއަށް ދާނެ ސިޔާސީ ފިކުރެއް މި ވަގުތު ހާމަ ނުކުރައްވާނެ ކަމަށެވެ. އެކަމަކު ފުޓްބޯޅައިގައި ކުރިއަށް ދިޔުމުގެ ވިސްނުން ހުރިކަން ފާހަގަ ކުރައްވަމުން ވިދާޅުވީ، ކުރިއަށް އޮތް ހަފުތާއެއްގެ ތެރޭ އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރައްވާނެ ކަމަށެވެ.