Roadha Mihaaru
މަހްލޫފް ސަސްޕެންޑްކުރި މައްސަލަ ކޯޓަށް ހުށަހަޅަނީ

މިނިސްޓަރުކަމުން މަހްލޫފް ސަސްޕެންޑްކުރި މައްސަލަ ކޯޓަށް ހުށަހަޅަނީ

11 އޯގަސްޓް 2021

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ސަސްޕެންޑް ކުރި ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އަމިއްލަ ފަރާތަކުން ނިންމައިފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފް ސަސްޕެންޑް ކުރި ކުރުމަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށް ބުނެ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން އަމިއްލަ ފަރާތަކުން ނިންމައިފި އެވެ.

މަހްލޫފް މިނިސްޓަރު ކަމުން މިދިޔަ ޖޫން މަހު ސަސްޕެންޑްކުރީ މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ކޮރަޕްޝަންގެ މައްސަލާގައި އޭނާގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވުމުންނެވެ. މިހާތަނަށް މަހްލޫފްގެ މައްޗަށް ދައުވާއެއް ނުކުރެ އެވެ.

މަހްލޫފް ސަސްޕެންޑްކުރި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅަން ނިންމެވި ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމް ކުރެއްވި ޓްވީޓެއްގައި ވަނީ ވަޒީރަކު މަގާމުން ދުރު ކުރުމަކީ ގާނޫނުއަސާސީގެ މަގްސަދާއި ރޫހާ ޚިލާފު ކަމެއް ކަމަށާއި އެއީ ރައީސާއި ރައްޔިތުންގެ މަޖިލީހަށް އެ ވަޒީރަކު ޖަވާބުދާރީ ނުވެވޭނެ ފަދަ ހާލަތެއް ކަމަށެވެ.

އެއީ ދުސްތޫރީ ގޮތުން ސުވާލު އުފެދޭ ކަމެއް ކަމަށާއި އެހެންވެ، ވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރަން އުޒުރެއް އޮތަސް، މަގާމުގައި ދެމި ހުރެވިދާނެތޯ ކަނޑައެޅުމަށް ދުސްތޫރީ މައްސަލައެއް ހުށަހަޅަން ނިންމާފައިވާ ކަމަށް އޭނާގެ ޓްވީޓްގައިވެ އެވެ.

ހަލީމްގެ ޓްވީޓް

އެމްއެމްޕީއާރުސީގެ މައްސަލައާ ގުޅިގެން މަހްލޫފް ކުރިން ވެސް ސަސްޕެންޑްކުރި އެވެ. އޭރު އޭނާގެ ސަސްޕެންޝަން ދެ މަސް ފަހުން އުވާލި އެވެ.

މަހްލޫފް ސަސްޕެންޑްކުރި މައްސަލަ ކޯޓަށް ހުށަހަޅަން ހަލީމް ނިންމެވިއިރު، މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައަޅަން ވެސް އޭނާ މިދިޔަ އަހަރު ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުއްވި އެވެ.

ޔައުގޫބްގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނެ މައްސަލަ ހުށަހެޅުއްވީ ނޭޝަނަލް އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްގެ ކައުންސިލް މެމްބަރުކަމާ އޭނާ ހަވާލުވެ ވަޑައިގަތުމުންނެވެ. ގާނޫނުއަސާސީ ބުނާގޮތުން މަޖިލީހުގެ މެމްބަރުން ދައުލަތުގެ އެހެން މަގާމެއް އަދައެއް ނުކުރެވޭނެ އެވެ. ނަމަވެސް މެމްބަރުކަމުގެ ގޮނޑި ގެއްލޭ ހާލަތްތަކުގެ ތެރޭގައި ދައުލަތުގެ އެހެން މަގާމެއް އަދާކުރުން ހިމަނާފައި ނުވާތީ ސުޕްރީމް ކޯޓުން ނިންމީ ޔައުގޫބްގެ މެމްބަރުކަމުގެ ގޮނޑި ނުގެއްލޭ ކަމަށެވެ.