Roadha Mihaaru
ރައީސަށް މަހްލޫފުގެ ނުފޫޒު އޮތް ކަމުގެ ތުހުމަތު!

ރައީސްގެ އަރިހުގައި މަހުލޫފް އިންނެވުމުން ނުފޫޒު ފޯރުވާކަން ސާފުވޭ: ޑރ. ޖަމީލް

03 އޮކްޓޯބަރ 2021

ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗު ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި، ޔޫތު މިނިސްޓަރުގެ މަގާމުން ސަސްޕެންޑް ކޮށްފައިވާ އަހުމަދު މަހުލޫފް އިންނެވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ސާފް ޗެމްޕިއަންޝިޕްގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ރާއްޖެ އާއި ނޭޕާލް ކުޅުނު މެޗު ބައްލަވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިހުގައި، ޔޫތު މިނިސްޓަރުގެ މަގާމުން ސަސްޕެންޑް ކޮށްފައިވާ އަހުމަދު މަހުލޫފް އިންނެވުމުން ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު މިއަދު ފާޑުވިދާޅުވެއްޖެ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗު ބައްލަވަން ގަލޮޅު ދަނޑުގެ ރޮސްޓްރަމްގައި ކުރީ ސަފުގައި ރައީސްގެ ދެ ފަރާތުގައި ނައިބު ރައީސް ފައިސަލް ނަސީމާއި އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް އިންނެވިއިރު ބައްސާމާ ޖެހިގެން އިށީނދެވަޑައިގެން އިންނެވީ މަހުލޫފެވެ.

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމު ކުޅުނު ފޯރިގަދަ މެޗު ބައްލަވަން ރައީސްގެ އަރިހުގައި ތިއްބެވި ބޭފުޅުންގެ ފޮޓޯތަކަކާއެކު ޑރ. ޖަމީލް ކުރެއްވި ޓުވީޓެއްގައި ތުހުމަތު ކުރެއްވި ގޮތުގައި، ފެންނަ ކަންކަމުން ގާނޫނު ހިންގުމުގައި ރައީސް ނުރަނގަޅު ނުފޫޒު ފޯރުވާކަން ސާފުވެ އެވެ. "އެސްއޯއެފުން ފައިސާ ލިބުނު ވަޒީރު" އަށާއި އެމްޑީޕީގެ މޭޔަރަށް އަދި އެ ޕާޓީގެ މެންބަރަކަށް ދައުވާ ނުކުރައްވާނެ ކަމަށާއި ދެން އިވޭނީ މަހުލޫފަށް ވެސް ދައުވާ ނުކުރަން ނިންމި ޚަބަރު ކަމަށް ޖަމީލް ވިދާޅުވި އެވެ.

"އެމްޑީޕީއަކީ ނުތާހިރު ފިލޯސަފީއެއްގެ ވެރި ބައެއް،" އެމްއެމްޕީއާރްސީގެ މައްސަލައެއް ސާބިތުވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ގާނޫނީ ވަކީލުކަން ވެސް ކުރައްވާ ޑރ. ޖަމީލް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ފައިސާ ހޯއްދަވައި ބޭނުންކުރެއްވި ކަމުގެ ތުހުމަތުގައި ދެ ފަހަރެއްގެ މަތިން ސަސްޕެންޑު ކޮށްފައިވާ މަހުލޫފަށް އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވުމުން މިދިޔަ ޖޫން މަހުގެ ނުވަ ވަނަ ދުވަހުން ފެށިގެން އޭނާ ހުންނަވަނީ ވަޒީރުކަމުން ސަސްޕެންޑު ކޮށްފަ އެވެ.

ނަމަވެސް ސަސްޕެންޝަންގެ މުއްދަތުގައި ވެސް އޭނާ އަށް މުސާރަ ލިބެ އެވެ. އަދި މިނިސްޓްރީގެ މަސައްކަތްތަކުގައި ނުރަސްމީ ގޮތެއްގައި ބައިވެރިވެވަޑައިގަންނަވާ ކަމުގެ ތުހުމަތާއެކު ސަރުކާރަށް ވަރަށް ބޮޑަށް ފާޑު ކިޔުން އޮތީ އަމާޒުވެފަ އެވެ.

މަހުލޫފްގެ މައްސަލައިގެ އިތުރުން ޖިންސީ ގޯނާގެ ތުހުމަތަށް ހައްޔަރު ކުރި ކުރީގެ ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ރާއްޖެއިން ބޭރަށް ފުރުމުގައި ޖާމިނުވެފައިވާ ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަސްހަދު އަލީ (އަޑޭ) ވެސް ރާއްޖެ-ނޭޕާލްގެ މެޗުގެ ފުރަތަމަ 11 ގައި ކުޅުމާ ގުޅިގެން ވެސް ގިނަ ބަޔަކު ވަނީ ފާޑު ކިޔައިފަ އެވެ.