Roadha Mihaaru
ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދަނީ

ބޮޑު ހިޔާނާތުގެ ފައިސާ 11 މީހެއްގެ އަތުން ހޯދުމުގެ މަސައްކަތް އެބަދޭ: ރައީސް

28 ޑިސެމްބަރ 2022

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ހިންގާ ތަހުގީގުގައި، 11 މީހެއްގެ އަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިނގި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުން ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދަން ހިންގާ ތަހުގީގުގައި، 11 މީހެއްގެ އަތުން އެ ފައިސާ ހޯދުމުގެ މަސައްކަތް ކުރިއަށް އެބަދާ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި ބޭއްވި ނިއުސް ކޮންފަރެންސެއްގައި ރައީސް ވިދާޅުވީ ހިޔާނާތުގެ ތަހުގީގު އެންޓި ކޮރަޕްޝަން ކޮމިޝަނުން ހިންގަމުން އަންނަ އިރު، މިހާތަނަށް 14 މައްސަލައެއް ކޯޓަށް ހުށަހަޅާފައިވާ ކަަމަށެވެ. ތަހުގީގު، 53 މައްސަލައެއްގެ ކުރިއަށް އެބަދާ ކަަމަށް ވިދާޅުވި އެވެ.

"ފައިސާ ހޯދުމުގައި، މިހާރު ވެސް 11 މީހެއްގެ އަތުން، ބައެއް ކުންފުނި ވެސް ހިމެނޭ ގޮތަށް ހޯދުމަށް އަޅުގަނޑުމެން ވާނީ ދައުވާކުރަން ފޮނުވާފައި. އެ ކަންތައް ހަލުވިކޮށް ކުރިއަށް ގެންދިއުން ދެން އޮތީ،" ރައީސް ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީގެ ރަށްތަކާއި ފަޅުތައް ދޫކޮށްގެން ދައުލަތަށް ގެއްލުނު ހަަތަރު ބިލިއަނެއްހާ ރުފިޔާގެ ތެރެއިން މި ވެރިކަމުގެ ހަތަރު އަހަރު ނިމިގެން ދިޔައިރު ވެސް އެއްވެސް ފައިސާއެއް ނުހޯދި ލަސްވާ ސަބަބާ ގުޅޭ ގޮތުން ނޫސްވެރިންގެ ސުވާލުތައް ތަކުރާރުކޮށް ރައީސަށް އަމާޒުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، 2015ގައި ފަޅާއެރި މި މައްސަލައިގެ ތަހުގީގުގައި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީއަށް ވެސް ގޮންޖެހުންތަކެއް ކުރިމަތިވި ކަމަށެވެ. ކޮވިޑު ހާލަތުގައި ދިމާވި މަޑުޖެހުމާ އެކު ވެސް ނަތީޖާ ނެރެން ރަނގަޅު މަސައްކަތްތަކެއް ތަހުގީގީ އިދާރާތަކުން ކޮށްފައިވާ ކަމަށް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ވީހާވެސް އަވަހަކަށް އޭސީސީގެ ތަހުގީގު ނިންމައި އެކަމުގައި ހިމެނޭ މީހުންގެ މައްސަލަތައް ޝަރީއަތަށް ފޮނުވޭނެ ގޮތަށް މުއައްސަސާތަކުން މަސައްކަތް ކުރާނެ ކަމަށް އުއްމީދުކުރައްވާ ކަމަށެވެ. އެކަން އެގޮތަށް ދާނެ ކަަމަށް ޔަގީންކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ.

"ކޮންމެ ދުވަހަކު ވެސް އަޕްޑޭޓް ހޯދަމުން އެބަދަން، ކިހާ ހިސާބަކަށްތޯ މައްސަލަ ގޮސްފައި އޮތީ، އަޅުގަނޑަށް ރަނގަޅީ ވީހާވެސް އަވަހަކަށް ނިމުނިއްޔާ،" ރައީސް ވިދާޅުވި އެވެ.

މި މައްސަލާގައި އެންމެންނާ ދޭތެރޭގައި ވެސް އިންސާފުން ކަންކުރެވި، ތަހުގީގުތައް ނިމިގެންދާނެ ކަަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.

އެމްއެމްޕީއާރުސީ މެދުވެރިކޮށް ޓޫރިޒަމްގެ ބޭނުމަށް 37 ރަށާއި 12 ފަޅު ދޫކުރި އެވެ. ސަރުކާރާއި ސަރުކާރާއި އެމްއެމްޕީއާރުސީ ހިއްސާވާ ގޮތަށް ދޫކުރި މި ރަށްތަކުން އެމްއެމްޕީއާރުސީއަށް ވަންނަންޖެހޭ ފައިސާ (ޗެކު ބީއެމްއެލްއިން އެންޑޯސްކޮށް) ޖަމާކުރީ އެސްއޯއެފްގެ އެކައުންޓަށެވެ. މި ފައިސާ ނަގުދު ފައިސާގެ ގޮތުގައި ނަގައި، ސިޔާސީ ބާރުވެރިކަމަށް ބޭނުންކުރިއިރު އޭގެއިން މަންފާވި މީހުންގެ ލިސްޓެއް ވެސް އޮތީ އާއްމުކޮށްފަ އެވެ.

އެ ތަހުގީގު ވެސް އޭސީސީން އަންނަނީ ހިންގަމުންނެވެ.