24 ޖުލައި 2024
ކޮންމެ ސަރުކާރެއް ނިމުމާ އެކު، މިނިވަން މުއައްސަސާތަކަށް ކުރިމަތިވާ ވަރުގަދަ މޫސުމީ ކޮޅިގަނޑުގެ ވިއްސާރަ އެންމެ ބޮޑަށް އަމާޒުވާ މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. ކުރީގެ ސަރުކާރުތަކުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުގެ ހިންގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ނުބެލޭ ކަމުގެ ތުހުމަތާ އެކު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކޮމިޓީތަކަށް ހެން އެ ކޮމިޝަން ހާޒިރުކޮށް، އެތައް ފާޑުކިޔުމެއް އަމާޒު ކުރެ އެވެ.
ކޮންމެ ސަރުކާރެއް ނިމުމާ އެކު، މިނިވަން މުއައްސަސާތަކަށް ކުރިމަތިވާ ވަރުގަދަ މޫސުމީ ކޮޅިގަނޑުގެ ވިއްސާރަ އެންމެ ބޮޑަށް އަމާޒުވާ މުއައްސަސާއަކީ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އެވެ. ކުރީގެ ސަރުކާރުތަކުގައި ސަރުކާރުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުގެ ހިންގާފައި ހުރި ކޮރަޕްޝަންގެ މައްސަލަތައް އޭސީސީއަށް ނުބެލޭ ކަމުގެ ތުހުމަތާ އެކު، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ ކޮމިޓީތަކަށް ހެން އެ ކޮމިޝަން ހާޒިރުކޮށް، އެތައް ފާޑުކިޔުމެއް އަމާޒު ކުރެ އެވެ.
ނަމަވެސް އޭގެ އަނެއްކޮޅުގައި އޮތީ އެހެން މަންޒަރެކެވެ. ރާއްޖޭގައި ދައުލަތުގެ މުދަލާއި ފައިސާއަށް ފާރަވެރިވެ، ކޮރަޕްޝަނާ ގުޅޭ ހުރިހާ ކުށްތައް ތަހުގީގު ކުރުމުގެ ބާރު އޮންނަ އެ މުއައްސަސާއަށް އެތައް ގޮންޖެހުންތަކެއް އެބަހުއްޓެވެ. ނަތީޖާއެއް ނެރުމަށް މަސައްކަތް ކުރާ ހާލަތްތަކުގައި ވެސް ނިޒާމުގެ ތެރެއިން އޭސީސީއަށް ކުރިމަތިވާ ހުރަސްތައް އެހާމެ ބޮޑެވެ. ނަމަވެސް އޭސީސީގެ މަސައްކަތުގެ ނަތީޖާއާ މެދު އޮންނަ ފާޑުކިޔުންތަކާ ހެދި، މި ހުރަސްތަކަށް އެއްވެސް ވަރަކަށް ހައްލެއް ނުލިބެ އެވެ.
އެންމެ ބޮޑަށް ކުރިމަތިވާ އެއް މައްސަލައަކީ ކޮރަޕްޝަން ހިމެނޭ ކަމަށް ތުހުމަތު ކުރެވޭ ކަންކަމުގައި އޭސީސީގެ އަންގާ އެންގުންތަކަށް ދައުލަތުން ތަބާނުވާ ނުވުމެވެ. ދާދި ފަހުން ފެންމަތިވީ ވެސް އޭގެ މިސާލެކެވެ. ފުލުހުންގެ ޕްރޮމޯޝަންތައް މަޑުޖައްސާލަން އޭސީސީން އަންގާފައި އޮއްވައި ޕްރޮމޯޝަންތައް ބަހައި، ނިންމާލީ އެވެ. އޭސީސީން ދޮރުގައި ޓަކި ޖަހަޖަހާ ތިއްބާ އެ ކޮމިޝަންގެ ނިންމުމަށް ބޮލާލައި ޖެހީ އެ ކޮމިޝަނާ އެކު އެންމެ ގާތުން މަސައްކަތްކުރާ ދައުލަތުގެ މައި ތަހުގީގީ އިދާރާ އެވެ. މި ހާލަތުގައި، ދައުލަތުގެ އެހެން މުއައްސަސާތަކާއި ކުންފުނިތަކުން އޭސީސީގެ ނިންމުން ބޮލާލައި ޖެހުމަކުން ހައިރާންވާކަށް ނުޖެހެ އެވެ.
"ރާއްޖޭގެ މިހާރުގެ ނިޒާމު ދަންނަ ކަމެއް ނޫން ދެއްތޯ ތަހުގީގާއި ދައުވާ ކުރުން އެއް ދިމާލަކުން ކުރިއަށް ގެންދިއުން."
ފުލުހުންގެ އެ އަމަލު ދިފާއުކޮށް، ކޯޓުގައި ވާހަކަ ދެއްކީ އެޓާނީ ޖެނެރަލްގެ ފަރާތުންނެވެ. ދައުލަތުން ބުނާގޮތުން ދައުލަތުގެ އިދާރާތަކާއި ސަރުކާރު ކުންފުނިތަކުން ހިންގާ ކަމަށް ތުހުމަތު ކުރެވޭ ކޮރަޕްޝަންގެ އަމަލުތަކާ ގުޅިގެން މައްސަލަ ނިމެންދެން ކަންކަން ހުއްޓުވަން އެންގުމުގެ ބާރު އޭސީސީއަކަށް ނެތެވެ. އެކަމަކު، މީގެ ކުރިން އެކި މައްސަލަތަކުގައި އެތައް ފަހަރެއްގެ މަތިން، އޭސީސީން ކަންކަން ހުއްޓުވަމުން ދިޔައިރު އެ ކޮމިޝަންގެ އެ ބާރު އޮތްކަމާ މެދު ސުވާލެއް އުފައްދާފައެއް ނުވެ އެވެ.
އޭސީސީގެ ރައީސް ޝާމިލް ވާހަކަ ދައްކަވަނީ --- ފޮޓޯ/މިހާރު
އޭސީސީއަށް ކަންކަން ހުއްޓުވަން އެންގޭނެ ކަން ނުވަތަ ނޫންކަން މި ބަހުސަކީ ބޯޑަ ކޮންޓްރޯލް ޕްރޮޖެކްޓާ ގުޅިގެން 2012 ވަނަ އަހަރު ވެސް އުފެދުނު މައްސަލަ އެވެ. އޭރު ސުޕްރީމް ކޯޓުން ވެސް ނިންމާފައި އޮތީ އެ ކޮމިޝަނަށް ކަންކަން ހުއްޓުވުމުގެ ބާރެއް ނޯންނާނެ ކަމަށެވެ. އޭސީސީގެ ގާނޫނަށް 2019 ވަނަ އަހަރު އިސްލާހުތައް ގެނައިއިރު ވެސް އެ ބާރު ދީފައެއް ނުވެ އެވެ.
އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވި ގޮތުގައި އެ ކޮމިޝަންގެ އެންގުންތަކަށް ތަބާވުމާ ގުޅޭގޮތުން ގާނޫނުގައި ކަންކަން އިތުރަށް ސާފުކޮށް، ބަޔާން ކުރަން ޖެހެ އެވެ. އެ ކޮމިޝަންގެ އެންގުންތަކަށް ތަބާނުވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅޭނީ އޭރުން ކަމަށް އޭނާ ވިދާޅުވި އެވެ.
"ގާނޫނުގައި ސާފުކޮށް ކަންތައްތަކެއް ކަނޑައަޅައި، މިހާރު އޮތް ގޮތް ބަދަލު ކުރަންޖެހޭ،" އޭނާ ވިދާޅުވި އެވެ.
ނަމަވެސް ފުލުހުންގެ ޕްރޮމޯޝަންތަކުގެ މައްސަލާގައި، އެ މައްސަލަ ދިމާވުމުން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ވަނީ މިހާރު ގާނޫނު އޮތްގޮތުން ކުރިމަތިވާ އެ މައްސަލައަށް ހައްލެއް ގެނެސް ދެއްްވާނެ ކަމަށް ވިދާޅުވެފަ އެވެ.
ދެން އޮތީ ކޮރަޕްޝަން ހިމެނޭ މައްސަލަތަކުގައި ދައުވާ ކުރުމަށް އޮންނަ ހުރަހެވެ. ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި ކޮރަޕްޝަންގެ ކުށްތަކުގައި ދައުލަތުގެ ފަރާތުން ދައުވާ ކުރުމުގެ ބާރު އެންޓި ކޮރަޕްޝަން އިދާރާތަކަށް ދީފައި ހުރެ އެވެ. ނަމަވެސް ރާއްޖޭގެ ގާނޫނުއަސާސީގެ ދަށުން އެ ބާރު ހަމައެކަނި އޮންނަނީ ޕްރޮސެކިއުޓާ ޖެނެރަލަށް ކަމަށް ވާތީ އޭސީސީއަކަށް އެ ފުރުސަތެއް ނުލިބެ އެވެ. ނަތީޖާއަކަށް ވަނީ އޭސީސީން ތަހުގީގުކޮށް، ޕީޖީއަށް ދައުވާކުރަން ފޮނުވާ ގިނަ މައްސަލަތަކުގައި އެކަށީގެންވާ ވަރަށް ހެކި ނެތް ކަމަށް ޕީޖީން ބުނެ، މައްސަލާގެ ފައިލް ބަންދުކޮށްލުމެވެ.
"ވަރަށް ގިނައިން ޖެހޭ އިނގޭތޯ ގުދަންތަކުގެ ތެރެއިން ލިޔެކިޔުންތައް ހޯދަން."
ކޮވިޑް-19 އާ ގުޅިގެން ވެންޓިލޭޓަރު ގެނައުމުގެ މައްސަލާގައި ފެންމަތިވި ކޮރަޕްޝަންގެ މައްސަލާގައި އޭސީސީ އާއި ޕީޖީއާ ދެމެދު އޭރު އަރައިރުމަކަށް ދާން ޖެހުނީ އޭސީސީން އެތައް ފަހަރަކު އެދުމުން، އެކަށީގެންވާ ހެއްކެއް ނެތް ކަމަށް ބުނެ، ޕީޖީން ދައުވާ ކުރަން ދެކޮޅު ހެދުމުންނެވެ. އެންމެ ފަހުން، 30 މިލިއަނަށް ވުރެ ގިނަ ރުފިޔާ ގެއްލުނު ކޮރަޕްޝަންގެ އެ މައްސަލަ ކޮޅެއްގައި ނުޖެހި ނިމިގެން ދިޔައިރު، އެއިން ގެއްލުނު ފައިސާތައް އަދިވެސް ނުލިބެ އެވެ.
ޝާމިލް ވިދާޅުވި ގޮތުގައި ކޮރަޕްޝަންގެ ކުށްތަކުގައި ޖިނާއީ ދައުވާ ކުރުމުގެ ބާރު އޭސީސީއަށް ދިނުމަކީ ވެސް މުހިންމު ކަމެކެވެ. އޭގެ ސަބަބެއްގެ ގޮތުގައި އޭނާ ވިދާޅުވީ ކޮރަޕްޝަނާއި ނުހައްގު މުއްސަނދިކަމާއި އަދި އެއާ ގުޅުން ހުރި އެހެން ކުށްތަކަކީ އެ ދާއިރާގެ ފަންނީ މީހުން ތިބެގެން ކުރެވޭ ތަހުގީގުތަކަކަށް ވާތީ އެވެ. އެހެންވެ، ދައުވާ ކުރުމުގައި އޭސީސީ ފަދަ ފަންނީ މުއައްސަސާއެއްގެ ދައުރެއް އޮތުމުން، ކުށް ސާބިތު ކުރަން ފަސޭހަވާނެ ކަމަށާއި އިނގިރޭސި ވިލާތް ފަދަ ގައުމުތަކުގައި އެ އުސޫލުން އަމަލުކުރާ ކަމަށް އޭނާ ވިދާޅުވި އެވެ.
"ބޮޑެތި މަކަރާއި ހީލަތާއި ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް، ދައުވާ ކުރަނީ ވެސް އެ ތާނގައި އެގޮތަށް. ރާއްޖޭގެ މިހާރުގެ ނިޒާމު ދަންނަ ކަމެއް ނޫން ދެއްތޯ ތަހުގީގާއި ދައުވާ ކުރުން އެއް ދިމާލަކުން ކުރިއަށް ގެންދިއުން. މިއީ ދިރާސާކޮށް، ބަލައި ޓެސްޓްކުރަން ހަމަ އެންމެ ރަނގަޅު ގޮތެއް،" އޭނާ ވިދާޅުވި އެވެ.
ކޮރަޕްޝަނުން ހޯދާ މުދަލާއި ފައިސާ އެކި ގޮތްގޮތަށް ދައުރު ކުރާއިރު، އެފަދަ މުދަލާއި ފައިސާއާ ހަމައަށް ވާސިލްވެ، އޭސީސީން ބޭނުންވާ ގޮތަށް ފަސޭހައިން މައުލޫމާތު ހޯދުމަށް އެކަށީގެންވާ އުސޫލުތަކެއް މަރުކަޒީ ބޭންކާއި ކަމާބެހޭ އިދާރާތަކުން ކަނޑައަޅާފައި ނުވާތީ އެކަމުގެ ކަންބޮޑުވުން ވެސް އޭސީސީން ފާހަގަކުރެ އެވެ. އަނެއްކޮޅުން ނަގުދު ފައިސާއިންނާއި އެ ނޫން ވެސް ގޮތްގޮތަށް ބޮޑެތި އަގުހުރި މުދާ ހޯދައި، ފައިސާ ގެންގުޅޭއިރު އެކަންކަން ބެލޭނެ ނިޒާމެއް ވެސް ނެތެވެ. ދައުލަތުގެ އިދާރާތަކުގައި ގެންގުޅޭ ލިޔެކިޔުންތަކާ ހަމައަށް ވާސިލްވާން ވެސް ދަތިތައް ކުރިމަތިވާ ކަމަށް ޝާމިލް ވިދާޅުވި އެވެ.
"އަޅުގަނޑުމެން ވަރަށް ގިނައިން ޖެހޭ އިނގޭތޯ ގުދަންތަކުގެ ތެރެއިން ލިޔެކިޔުންތައް ހޯދަން،" އޭނާ ވިދާޅުވި އެވެ.
އަނެއްކޮޅުން ކޮރަޕްޝަންގެ ބޮޑެތި ތަހުގީގުތައް ހިންގާއިރު، ހެކިވެރިންނަށް ރައްކާތެރިކަމެއް ނެތެވެ. އާންމު ގޮތެއްގައި ހެކިބަސް ދޭން ތިބޭނީ އެ މުއައްސަސާއެއް މުވައްޒަފުން ކަމަށް ވާއިރު، އެތަނުގެ އިސްވެރިންނާ ދެކޮޅަށް ހެކިބަސް ހޯދުމަކީ އުނދަގޫ ކަމެކެވެ. ކިތަންމެ ބޮޑު ކޮރަޕްޝަންގެ މައްސަލައެއް ކަމަށް ވީ ނަމަވެސް އެކަމުގައި ތުހުމަތު ކުރެވޭ މީހުން މަގާމުން އެއް ފަރާތްކޮށް، ހެކިންނަށް ނުފޫޒު ނުފޯރުވޭނެ މާހައުލެއް ހޯދައި ދިނުމުގެ ފުރުސަތެއް ވެސް އޭސީސީއަކަށް ނެތެވެ.
ކޮރަޕްޝަންގެ ސަބަބުން ދައުލަތަށް އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާއިރު، އެ ފައިސާ ހޯދުމުގައި ވެސް އޭސީސީން ޖެހެނީ އެހެން މުއައްސަސާތަކުގައި ސަލާން ޖަހާށެވެ. އެ ފައިސާ ހޯދުމަށް ދައުވާ ކުރުމުގެ ބާރެއް އަދި ހައިސިއްޔަތެއް އެ ކޮމިޝަނަކަށް ނެތެވެ. ނަތީޖާއަކަށް ވީ ދައުލަތަށް އަނބުރާ ހޯދަން އެ ކޮމިޝަނުން އަންގާފައިވާ 1.5 ބިލިއަން ރުފިޔާ އޮތްއިރު، މިހާތަނަށް ހޯދުނީ 100 މިލިއަނެއްހާ ރުފިޔާ އެވެ. އިދާރާތަކުން އެ ފައިސާ ހޯދަން މަސައްކަތް ނުކުރިޔަސް، މިހާރު ގާނޫނު އޮތްގޮތުން އޭސީސީއަށް ކުރެވޭނެ ކަމެއް ނެތެވެ.
ގިނަ އަދަދެއްގެ ފައިސާ --- ފޮޓޯ/މިހާރު
މިސާލަކަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުން ގެއްލުނު ފައިސާގެ ތެރެއިން 600 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައުލަތަށް އަނބުރާ ހޯދަން އެކި މުއައްސަސާތަކުގައި އެ ކޮމިޝަނުން އެދޭތާ އެތައް ޒަމާނެކެވެ. އެކަމަކު، ދައުލަތުގެ ފަރާތުން އެ ފައިސާ ހޯދަން ދައުވާ ކުރާނީ އެމްއެމްޕީއާރުސީންތޯ ނުވަތަ ސަރުކާރުންތޯ އޮތް ހިޔާލު ތަފާތުވުންތަކުގައި، އެތައް އަހަރެއް ފާއިތުވެއްޖެ އެވެ.
"އަޅުގަނޑުމެން އެމްއެމްޕީއާރުސީއާ ވެސް އަދި އޭރުގެ އެޓާނީ ޖެނެރަލާ ވެސް ބައްދަލު ކޮށްފައި ދެންނެވިން އަޅުގަނޑުމެން ފައިސާ ހޯދަން އެންގީމާ ތި ބޭފުޅުންގެ މެންޑޭޓުގައޭ މި އޮންނަނީ ފައިސާ ހޯދަން ދިއުން. އެހެންވީމާ ކޮންމެވެސް އެއް ތަނަކުން ދައުލަތަށް ގެއްލިފައި ހުރި ފައިސާ ހޯދަން ދާން ވާނެއޭ،" އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމް ދާދި ފަހުން މަޖިލީހުގެ ކޮމިޓީއެއްގައި ވިދާޅުވި އެވެ.
ޝާމިލް ވިދާޅުވި ގޮތުގައި، ކޮރަޕްޝަންގެ ސަބަބުން ގެއްލޭ ފައިސާތައް ހޯދުމުގައި އޭސީސީގެ ދައުރު އޮންނަން ޖެހެ އެވެ. އެއީ އެހެން ގައުމުތަކުގައި މިހާރު ވެސް އަމަލުކުރާ އުސޫލެއް ކަމަށާއި އެހެންވެ، އެ އުސޫލުން ރާއްޖޭގައި ވެސް އެކަމުގައި އޭސީސީގެ ދައުރެއް އޮންނަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.
"ސަބަބަކީ ތަހުގީގު މި ކުރަނީ އޭސީސީން. މި ތަހުގީގުތަކުގައި ހިމެނޭ ފަންނީ ކަންކަން ވަރަށް ތަފާތުވާނެ އެހެން ބައެއް ޖިނާއީ ކުށްތަކާ. މި ކަމުގެ ފަންނު ހުންނަ މުވައްޒަފުން މިފަދަ ދައުވާތަކުގައި ބައިވެރިވެވޭނެ ނިޒާމެއް އޮތުމަކީ އެ ފައިސާ އަނބުރާ ހޯދުމުގައި މުހިންމު ކަމެއް،" އޭނާ ވިދާޅުވި އެވެ.
"އެ ބާރަކީ ރާއްޖޭގައި ވެސް އޭސީސީއަށް ދެވިފައި އޮންނަންވާނެ ބާރެއް."
އޭސީސީގެ ރައީސް ވިދާޅުވި ގޮތުގައި ދައުލަތަށް ގެއްލިފައިވާ ފައިސާތައް އަނބުރާ ހޯދަން ދައުވާ ކުރުމުގައި އޭސީސީގެ ދައުރެއް އޮތުމުގެ އިތުރުން ކޮރަޕްޝަންގެ ޖިނާއީ ކުށްތައް ސާބިތު ނުވި ނަމަވެސް އެ ކުށުގެ ސަބަބުން ގެއްލުނު ފައިސާ ހޯދޭނެ ނިޒާމެއް ވެސް މިހާރު އޮންނަން ޖެހެ އެވެ.
"ގިނަ ގައުމުތަކުގައި ޖިނާއީ ކުށް ސާބިތު ނުވިޔަސް، މަދަނީ މިންގަނޑުން ސާބިތުކޮށް، އެފަދަ ފައިސާ އާއި މުދާ ދައުލަތަށް ނަގަން މަސައްކަތް ފެށުމުގެ ބާރު އެންޓި ކޮރަޕްޝަން އޭޖެންސީތަކަށް ނުވަތަ އެހެން މުއައްސާތަކަށް ދީފައިވޭ. އެ ބާރަކީ ރާއްޖޭގައި ވެސް އޭސީސީއަށް ދެވިފައި އޮންނަން ވާނެ ބާރެއް،" އޭނާ ވިދާޅުވި އެވެ.
ދައުލަތުގެ މުދަލާއި ފައިސާ ހޭދަކުރާ ގޮތް ބަލައި، ފާރަވެރިވާން އޮތް މުއައްސަސާގެ ނަތީޖާއާ މެދު އަބަދުވެސް ފާޑުކިޔުން ބޮޑެވެ. ނަމަވެސް އޭގެ އަނެއްކޮޅުން މިހާރު އޮތް ނިޒާމުގައި އެ ކޮމިޝަނަށް ލިބެންޖެހޭ ގިނަ ބާރުތަކެއް ނުލިބި ދަތް ނެތް ސިންގާއެއްގެ ގޮތުގައި އޮންނަ އޮތުން ވެސް ނިމުމަކަށް އަންނަން އެބަޖެހެ އެވެ. އެ ބާރު ނެތުމުން ދައުލަތަށް ވެސް މިލިއަނުން ދަނީ ގެއްލުން ވަމުންނެވެ.
ކޮރަޕްޝަންގެ 35 މައްސަލައެއްގައި މިއަހަރު ދައުވާކުރަނީ
ހިޔާނާތުގެ "ބޮޑު މައްސަލައެއް" އޭސީސީން ބަލަނީ
ބޮޑު ހިޔާނާތް:އެއް އަހަރުން ވެސް މައްސަލަތައް ނުނިމޭނެ
އޭސީސީގެ މެމްބަރުން ވަކިކުރާނެ ކަމުގެ އިންޒާރެއް!
މަހްލޫފްގެ މައްސަލައިގައި ފާހަގަވި ކަންކަން ރައީސަށް
ޚިޔާނާތާ ގުޅޭ ލިޔުންތައް ހާވައިގެން ހޯދަން ޖެހުނު
އޭސީސީގެ މެމްބަރުން ކޮމިޓީ އަށް މިއަދު ހާޒިރު ކުރަނީ
ބޮޑު ހިޔާނާތުގައި އޭސީސީގެ ތުހުމަތު ބީއެމްއެލްއަށް!
އެމްއެމްޕީއާރްސީގެ 1.4 ބިލިއަން ރުފިޔާއަށް ޚިޔާނާތްވި
އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!