Roadha Mihaaru
ހިޔާނާތުގެ "ބޮޑު މައްސަލައެއް" އޭސީސީން ބަލަނީ

ހިޔާނާތުގެ އިތުރު "ބޮޑު މައްސަލައެއް" އޭސީސީން ބަލަނީ

22 ޖުލައި 2020

ހިޔާނާތުގެ އިތުރު "ބޮޑު މައްސަލައެއް" ވެސް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ހިޔާނާތުގެ އިތުރު "ބޮޑު މައްސަލައެއް" ވެސް ބަލަމުން އަންނަ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން ބުނެފި އެވެ.

ރައްްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިދިޔަ ހޯމަ ދުވަހު ބޭއްވި ބައްދަލުވުމެއްގައި އޭސީސީގެ މެމްބަރު އިބްރާހީމް ޝަކީލް ވިދާޅުވީ، ބަލަމުން އަންނަ "ވަރަށް ބޮޑު މައްސަލައެއް" ގެ ތަަހުގީގު ގާތްގަނޑަކަށް ނިމިފައިވާ ކަމަށެވެ.

އޭސީސީގެ އިންފޮމޭޝަން އޮފިސަރު ހަސަން މުހައްމަދަށް "މިހާރު" ން މިއަދު ގުޅުމުން ވިދާޅުވީ އިތުރު ތަފްސީލު ހާމަކުރައްވަން އެ ކޮމިޝަންގެ މެމްބަރުން އަދި އެދިވަޑައިނުގަންނަވާ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި ވެސް އެ މައުލޫމާތު ހިއްސާ ނުކުރެއްވީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

"މިހާރު ވެސް ވޭތުވެދިޔަ ފަސް އަހަރާ ގުޅޭ ވަރަށް ބޮޑު މައްސަލައެއް އަޅުގަނޑުމެންނަށް ހުށަހެޅިފައި އެބަ އޮތް. އަޅުގަނޑުމެން މިވަގުތު ބޭނުމެއް ނުވޭ އޭގެ ތަފްސީލަށް ދާކަށް. އެހެން ނަަމަވެސް އެ މައްސަލަ ގާތްގަނޑަށް ނިމުމަކާ ހަމައަށް އާދެވިފައި މިވަނީ،" ޝަކީލް ވިދާޅުވި އެވެ.

އެއީ އޭނާ ވިދާޅުވި ގޮތުގައި އެސެޓް ރިކަވަރީ ކޮމިޝަނުން ބެލުމަށް ފަހު، އިތުރަށް ތަހުގީގު ކުރަން އެދުނު މައްސަލައެކެވެ.

ޝަކީލް ވިދާޅުވީ، އޭސީސީން އެސެޓް ރިކަވަރީ ކޮމިޝަނާއި ފުލުހުންނާ ގުޅިގެން ބަލަމުން އަންނަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަަލަ އެކަންޏެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ވަކިން ބަލާ އެހެން މައްސަލަތަކަކީ އެ ކޮމިޝަންގެ މަސައްކަތެއް ކަމަށާއި ނަމަވެސް އިތުރަށް ބަލަން އެ ކޮމިޝަނުން އޭސީސީ އަށް މައްސަލަތައް ފޮނުވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެސެޓް ރިކަވަރީ ކޮމިޝަނަށް ހުށަހަޅާ އިތުރު މައްސަލަތަކާއި އެ ކޮމިޝަނުން ބަލާ އިތުރު މައްސަލަތައް އެއީ އެ ބޭފުޅުންގެ މައްސަލަތައް. އަޅުގަނޑުމެންނާ ހަމައަށް މިހާރު ވެސް އެބަހުރި އެކިއެކި ކަންކަމުގައި މި ކަންކަން އިތުރަށް ތަހުގީގު ކޮށްދޭން އެދި މައްސަލަ ފޮނުވާފައި. ފޮނުވީމާ އެ މައްސަލަތައް ބަލަން އެބަ އަޅުގަނޑުމެން،" ޝަކީލް ވިދާޅުވި އެވެ.

އޭސީސީން ބަލަން ފަށައި ވަކި ހިސާބަކުން ހުއްޓިފައިވާ ބޮޑެތި ގިނަ މައްސަލަތަކެއް ވެސް ކުރިއަށް އޮތް މަހެއް ނުވަތަ ދެ މަސް ތެރޭގައި ނިންމައި ދައުވާ ކުރަން ފޮނުވޭ ވަރު ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އޭސީސީން ބަލަމުން އަންނަ މައްސަލަތަކުގެ ތެރެއިން މައުލޫމާތު އާއްމުކޮށްފައިވާ އެންމެ ބޮޑު މައްސަަލައަކީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ މައްސަލަ އެވެ. އެއީ ދައުލަތަށް 1.3 ބިލިޔަަން ރުފިޔާ ގެއްލުނު މައްސަލަ އެކެވެ.

އޭސީސީން ފަހުން ބުނި "ބޮޑު މައްސަލަ" އިގައި ހިމެނެނީ ކިހާ އަދަދެއްގެ ފައިސާއެއް ކަމެއް އެެއީ އެމްމްއެމްޕީއާރުސީގެ މައްސަލައާ އެއްވަރު ނުވަތަ އެއަށް ވުރެ ބޮޑު މައްސަލައެއް ކަމެއް ވެސް އަދި ނޭނގެ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި އޭސީސީން ހޯމަ ދުވަހު ބުނީ އެމްއެމްޕީއާރުސީގެ ތަހުގީގު ކުރިއަށް އޮތްް އަހަރެއްހާ ދުވަހުގެ ތެރޭގައި ވެސް ނުނިމޭނެ ކަމަށެވެ.