Roadha Mihaaru
ކޮމިޓީގެ ތުހުމަތަށް މެމްބަރުން ޖަވާބުދާރީވެވަޑައިގެންފި

އޭސީސީގެ މެމްބަރުން ޖަވާބުދާރީވުމުން ކޮމިޓީ ބާއްވަނީ

26 ޑިސެމްބަރ 2021

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމަށް ކުރި ތުހުމަތުތަކަށް ލިޔުމުން އެ ބޭފުޅުން ޖަވާބުދާރީވެވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލު ކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ މެމްބަރުން ވަކިކުރުމަށް ކުރި ތުހުމަތުތަކަށް ލިޔުމުން އެ ބޭފުޅުން ޖަވާބުދާރީވެވަޑައިގަތުމުން، ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ ބައްދަލުވުމެއް މިއަދު ބާއްވަން ތާވަލު ކޮށްފި އެވެ.

އެ ކޮމިޝަނުގައި މިވަގުތު ތިއްބެވި ތިން މެމްބަރުން، ކޮމިޓީން އެދުނު ގޮތަށް ލިޔުމުން ޖަވާބު ފޮނުއްވި ކަން ކޮމިޝަންގެ މީޑިއާ އޮފިޝަލް ކަށަވަރު ކޮށްދެއްވި އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މަސައްކަތް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ފަށައި، މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ބާއްވައި ލިޔުމުން ޖަވާބުދާރީވެވަޑައިގަތުމަށް ދިން ފަސް ދުވަހުގެ މުއްދަތު ހަމަވާނީ މިއަދަށެވެ. ކޮމިޝަނުގެ މެމްބަރުންނަށް ކުރަނީ، މައްސަލަތައް ފުނިޖެހި، އެކަށީގެންވާ ސްޕީޑްގައި ނަތީޖާ ނުނެރެވޭ ކަމުގެ ތުހުމަތެވެ.

މި ތުހުމަތާ އެކު އެކި ފަހަރު މަތިން މެމްބަރުން ކޮމިޓީ އަށް ހާޒިރުކޮށް، ކޮމިޝަނުން ވަކިކުރަން އިންޒާރު ދިނެވެ. އެކަމަކު މައްސަލަތައް ނުބެލި ލަސްވުމުގައި ކޮމިޝަނަށް ހުރި ގޮންޖެހުންތައް ވެސް މެމްބަރުން ވަނީ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.

އޭގެ ތެރޭގައި ކޮމިޝަނުގައި އިންވެސްޓިގޭޓަރުން މަދުވުން ހިމެނެ އެވެ. އަހަރުތަކެއްވީ މައްސަލަތައް އޭސީސީގައި ހުރި އިރު، ކޮންމެ އިންވެސްޓިގޭޓަރެއްގެ އަތުގައި ގިނަ މައްސަލަތަކެއް ހުރި ކަން މެމްބަރުން ވިދާޅުވެފައި ވެ އެވެ.

އޭސީސީގެ މެމްބަރުން ވަކިކުރަން ކޮމިޓީން މަސައްކަތް ފަށާފައި ވަނިކޮށް، މެމްބަރު އިބްރާހިމް ޝަކީލާއި އަލީ އަޝްރަފް ވަނީ އެ ކޮމިޝަނުން އިސްތިއުފާ ދެއްވައިފަ އެވެ. އޭސީސީގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސް މަރިޔަމް ޝިއުނާ އާއި ނައިބު ރައީސް ފާތުމަތު އަނޫލާގެ އިތުރުން އައިޝަތު އަބްދުﷲ އެވެ.

މެމްބަރުން ވަކިކުރަން ނިންމައި ޖަވާބުދާރީވުމުގެ މުއްދަތުގައި ކޮމިޝަންގެ އުސޫލާ ހިލާފު އަމަލުތަކެއް ހިންގާ ކަމުގެ ތުހުމަތުގައި ވެސް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ބޭއްވި އެވެ. އެ ކޮމިޓީގައި އޭސީސީގެ މެމްބަރުންނަށް ކުރި ތުހުމަތަކީ، ސަރުކާރުގެ ބައެއް މިނިސްޓަރުންނަށް މެސެޖު ކުރުން ކަމަށް ވާއިރު، އެ މިނިސްޓަރުންނާ ގުޅޭ އެއްވެސް މައްސަލައެއް މީގެ ކުރިން ކޮމިޝަނަށް ހުށަހަޅާފައި ނެތް މައްސަލަ އެވެ.

އެކަމަކު މިނިވަން މުއައްސަސާއާ ބެހޭ ކޮމިޓީ ބޭއްވުމަށް ފަހު ނިންމީ އޭސީސީގެ މެމްބަރުންނަށް ކުރާ އެ ތުހުމަތުގެ މައްސަލަ ނުބެލުމަށެވެ.

ކޮމިޝަންގެ ރައީސް ޝިއުނާ ވިދާޅުވެފައި ވަނީ ގަނޑުކޮށް މައްސަލަ ބަލައި އުސޫލާ ހިލާފު އެއްވެސް ކަމެއް މެމްބަރުން ނުހިންގާ ކަމަށެވެ. އަދި އެއީ އެ މެމްބަރުން ކުރައްވާނެ ކަމެއް ވެސް ނޫން ކަމަށް ވިދާޅުވެފައިވެ އެވެ.

އޭސީސީގެ ޕާފޯމަންސް އޮޑިޓެއް، އޮޑިޓަ ޖެނެރަލްގެ އޮފީސް މެދުވެރިކޮށް ހަދައި އާއްމުކުރި ރިޕޯޓުން ފެންނަން އޮތީ އެ ކޮމިޝަނަށް ހުށަހަޅާ މައްސަލަތައް އަހަރުތަކެއްވި އިރު ވެސް ފުނިޖެހިފައި ހުރި އިރު ދައުވާ ކުރަން ފޮނުވެނީ ނިސްބަތުން މަދު މައްސަލަތަކެއްގައި ކަމެވެ. މައްސަލަ ނުބެލި ހުރީ އެ ރިޕޯޓުން ފެންނަން އޮތް ގޮތުގައި، މި ކޮމިޝަންގައި އެކަންޏެއް ނޫނެވެ.

ރިޕޯޓުގައި ބުނީ، ވޭތުވެދިޔަ ހަ އަހަރުގެ ތެރޭގައި ކޮމިޝަންގައި 7،113 ޝަކުވާ ރަޖިސްޓަރީ ކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން 5،476 މައްސަލަ އެ ތާރީހުގައި ތަހުގީގުކޮށް ނިންމާފައިވާ އިރު ދައުވާ ކުރެވޭ ވަރަށް ތަހުގީގު ފުރިހަމަކޮށް ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އެންމެ ޕަސެންޓެއް ކަމަށް ރިޕޯޓުގައި ވެ އެވެ.

މީގެ ތެރެއިން 61 ޕަސެންޓް މައްސަލަ ނިންމީ، ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ކޮރަޕްޝަންގެ ކުށެއް އެކުލެވިގެން ނުވާ ކޭސްތަކެއްގެ ގޮތުގަ އެވެ.

ދައުވާ ކުރަން އެދި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާ މައްސަލަތަކުގައި ހެއްކާއި ގަރީނާ ނެތިގެން އަނބުރާ ފޮނުވާލާ މައްސަލަ ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ހާޒިރުކޮށް، އޭސީސީގެ މެމްބަރުންގެ ފާޑުކިއުން އަމާޒުކުރައްވާ ކޮންމެ ފަހަރަކު އެ މެމްބަރުން ވަނީ މަސައްކަތްތައް ލަސްވާ ސަބަބުތައް ކިޔައި ދެއްވައިފަ އެވެ. ކޮމިޝަނުން ފުރަތަމަ ބެލީ އެ މުއައްސަސާ އިސްލާހުކޮށް، ހެޔޮ ބަދަލު ގެނައުމަށް ކަމަށާއި އޭގެ ފަހުން މައްސަލަތަކުގެ ސްޕީޑް އަވަސް ކޮށްފައިވާ ކަމަށް ކޮމިޝަނުން ބުނެފައި ވެ އެވެ.

ކޮމިޝަންގެ ރައީސް ޝިއުނާ ވިދާޅުވެފައި ވަނީ މައްސަލަތައް އަވަސް ނުކުރެވުމުގައި ގޮންޖެހުންތަކެއް އެބަހުރި ކަމަށެވެ. އޭގެތެރޭގައި އިންވެސްޓިގޭޓަރުން މަދުވުން ހިމެނެ އެވެ. އެއާއެކު 2020 ވަނަ އަހަރު ތަހުގީގު ހިންގަން އުނދަގޫވީ ކަމަށާއި އެ އަހަރުގެ ބޮޑު ބައި ލޮކްޑައުންއާ ހެދި މީހުން ހާޒިރު ނުކުރެވުމުން ކަމަށް ވިދާޅުވެފައިވެ އެވެ.