Roadha Mihaaru

ކޮރަޕްޝަން ހުއްޓުވާ އިދާރާގައި ވެސް ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު އެ ދެ ބޭފުޅުންގެ ނުފޫޒު ބޭނުން ކުރައްވައިގެން އެ ކޮމިޝަންގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކޮށްފި އެވެ.

އޭސީސީގައި ކޮރަޕްޝަން ހިންގިކަމުގެ ތުހުމަތުތައް!
އިފްރާޒް އަލީ
އިފްރާޒް އަލީ

25 ނޮވެމްބަރ 2024

އޭސީސީގެ ނައިބު ރައީސް އަބްދުއްސަލާމާއި މެމްބަރު ތޯހާ މުހައްމަދު އެ ދެ ބޭފުޅުންގެ ނުފޫޒު ބޭނުން ކުރައްވައިގެން އެ ކޮމިޝަންގެ ތެރޭގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމުގެ ސީރިއަސް ތުހުމަތުތަކެއް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީން ކޮށްފި އެވެ.

ސަލާމާއި ތޯހާ އެ ކޮމިޝަންގެ މެމްބަރުކަމުން ވަކިކުރަން ނިންމި ގޮތުގެ ރިޕޯޓް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން މިއަދު ވަނީ އާންމުކޮށްފަ އެވެ. އެ ދެ ބޭފުޅުން މަގާމުން ވަކިކުރަން ކޮމެޓީން ނިންމުމުން މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.

އެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި، ސަލާމް ވަނީ ކުރީގެ ބަންޑާރަ ނައިބެއްގެ މައްޗަށް ތުހުމަތު ކުރެވުނު މައްސަލައެއްގައި ދައުވާ ކުރެވޭ ވަރަށް ހެކި ހުރި ނަމަވެސް، އެ ބޭފުޅާގެ މައްޗަށް ދައުވާ ނުކުރެވޭނެ ކަމަށް ކަނޑައަޅައި، އެ މައްސަލަ ފައިލް ކުރުމުގައި އިސްދައުރެއް އަދާކޮށްފަ އެވެ. އެ މައްސަލަ ފައިލް ކުރުމުގައި ތޯހާ ވެސް އިސް ދައުރެއް އަދާކުރި ކަމަށް ކޮމެޓީގެ ރިޕޯޓުގައި ތުހުމަތު ކޮށްފައިވެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި މާލޭ މީހުންނަށް ގޯތި ދިނުމަށް ހިންގި ބިންވެރިޔާ ސްކީމްއާ ގުޅޭ ތަހުގީގު ހުއްޓުވި ކަމުގެ ތުހުމަތު ވެސް ސަލާމަށް ކުރެ އެވެ. އަދިވެސް އިތުރު ގިނަ ތުހުމަތުތަކެއް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

ތޯހާއަށް ކުރާ ތުހުމަތުތަކުގެ ތެރޭގައި އޭސީސީގެ ވަޒީފާއިން ވަކިކޮށްފައިވާ މުވައްޒަފެއްގެ މައްސަލަ، ވަޒީފާއާ ބެހޭ ޓްރައިބިއުނަލުން ނިންމި ނިންމުން އެ ކޮމިޝަނުން ހައިކޯޓުގައި އިސްތިއުނާފް ކޮށްފައި ވަނިކޮށް އޭނާގެ ނުފޫޒު ބޭނުން ކުރައްވައިގެން އެ އިސްތިއުނާފް އަނބުރާ ގެންގޮސް، އެ މުވައްޒަފަށް ބަދަލު ނަގައިދިނުން ހިމެނެ އެވެ.

އެ މުވައްޒަފަށް ބަދަލު ދިނުމުގައި މީގެ ކުރިން އޭސީސީން އަމަލު ކުރަމުން ދިޔަ ގޮތާ ހިލާފަށް، އެހެން ދެ ތަނެއްގައި އެ މުވައްޒަފު ވަޒީފާ އަދާކުރި މުއްދަތު ހިމަނައިގެން ބަދަލު ނަގައިދީފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެ އެވެ. އަދި ބަދަލުގެ ގޮތުގައި އެ މުވައްޒަފަށް ދެ ލައްކައަށް ވުރެ ގިނަ ރުފިޔާ ނަގައިދިން ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ނިންމުން ނިންމާފައިވަނީ އެއީ މަސްލަހަތު ފުށުއަރާ ކަމެއް ކަމަށް ވިދާޅުވެ، އޭސީސީގެ ރައީސާއި ނައިބު ރައީސް ބައްދަލުވުމުން ނުކުމެވަޑައިގަތުމުން، އެ ބައްދަލުވުމުގެ ރިޔާސަތުގައި ތޯހާ އިންނަވައިގެން ކޮމިޝަނުގެ ލީގަލް ޓީމްގެ ލަފަޔާ ވެސް ޚިލާފަށް ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.

އެ ރިޕޯޓުގައި ބުނީ އޭސީސީގެ މެންބަރުންނަކީ އެ ކޮމިޝަނުގެ ވަޒީފާގެ އިތުރުން އެހެން ވަޒީފާއެއް އަދާކުރާ ބަޔަކަށް ވެގެން ނުވާނެ ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވިޔަސް، ރާއްޖޭގައި ރަޖިސްޓްރީކޮށްފައިވާ ލޯ ފާމެއްގެ ވެބްސައިޓުގައި އެތަނުގެ އެޓާނީންގެ ތެރޭގައި މިހާރު ވެސް ތޯހާ ހިމެނޭ ކަމަށެވެ.

ކޮމިޝަނުގެ ވާޖިބު އަދާކުރުމުގައި އެއްވެސް ބިރަކަށް ނުވަތަ އެއްވެސް ނުފޫޒަކަށް ލެނބިގެނެއް ނުވާނެ ކަމަށާއި ކޮމިޝަނުގެ އެއްވެސް މައްސަލައެއް ނިންމުމުގައި ނުވަތަ މައްސަލައެއް ހިންގުމުގައި ނުވަތަ މަޝްވަރާއެއް ކުރުމުގައި ނުވަތަ ސިޔާސަތެއް ކަނޑައެޅުމުގައި ސީދާ ގޮތުން ވެސް ނުވަތަ ނުސީދާ ގޮތުން ވެސް މެމްބަރުންގެ އަމިއްލަ މަސްލަހަތެއް އިސްކޮށްގެން ނުވާނެ ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް، ކޮމިޓީއަށް ލިޔުމުން ލިބިފައިވާ މައުލޫމާތަށް ބަލާއިރު، އެ ދެ ބޭފުޅުންގެ ވެސް ގާނޫނުތަކާ ހިލާފުވެފައިވާކަން އެނގޭ ކަމަށް އެ ރިޕޯޓުގައި ބުންޏެވެ.