Roadha Mihaaru
އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް

އޭސީސީގެ މެމްބަރުން ވަކިކުރުމުގެ މައްސަލަ ކޮމިޓީއަށް ފޮނުވައިފި

16 ޑިސެމްބަރ 2021

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަކިކުރަން ނިންމައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން ދިރާސާކުރަން އެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެންޓިކޮރަޕްޝަން ކޮމިޝަނުގެ ހުރިހާ މެމްބަރުން ވަކިކުރަން ނިންމައި، މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ނިންމުން ދިރާސާކުރަން އެ ކޮމިޓީ އަށް މިއަދު ފޮނުވައިފި އެވެ.

ދައުރުން ބޭރުގައި މަޖިލީހުން މިއަދު ބޭއްވި ޖަލްސާއަށް މިނިވަންމުއައްސަސާތަކުގެ ކޮމިޓީން ހުށަހެޅި މައްސަލައިގައި ބުނީ އޭސީސީގެ މަސައްކަތްތައް ވަޒަންކުރަން އޮޑިޓާ ޖެނެރަލްގެ އޮފީހުން ހެދި ޕާފޯމެންސް އޮޑިޓުނުންނާއި ކޮމިޓީގެ ހޯދުންތަކުން އޭސީސީގެ ގިނަ މައްސަަލަތަކެއް ފެނިފައިވާ ކަމަށެވެ. މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ފޮނުވި މައްސަލަ މަޖިލީހަށް އިއްވަވައިދެއްވީ މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާ އެވެ.

މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ފެނުނު މައްސަލަތައް

1- އޭސީސީ އަށް ހުށަހެޅި މައްސަލަތަކުގެ ތެރެއިން ދައުވާކުރަން އެދި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައި ވަނީ އެންމެ އެއް ޕަސެންޓް މައްސަލަކަމަށް ވުން، އެއީ އިންވެސްޓިގޭޓަރުންގެ ގާބިލުކަމުގެ މައްސަލަ ހުރި ކަމަށް އޮޑިޓުން އެނގިފައި ވުން

2- ހުށަހަޅާ މައްސަލަތަކުގެ ކޭސްމެނޭޖްމަންޓް އަޕްޑޭޓްނުވުމުގެ ސަބަބުން ކޭސްތަކުގެ ތަފާސްހިސާބު ފުރިހަމަނޫންކަން.

3- ގިނަ އަހަރުތަކެއް ވީ އިރު ވެސް ނުނިމޭ މައްސަލަތައް ހުރުން

4- ތަހުގީގު ނިމުމަށް ފަހު ވެސް ދައުވާކުރަން ނުފޮނުވި ގިނަ ދުވަސްވުން.

5- ރިސްކް އެސެސްމެންޓް ރިޕޯޓް ހަދައި، އަށް މުއައްސަސާއަކަށް ހުށަހެޅުމުން، އެތަންތަނުން އެކްޝަން ޕްލޭން ހުށަނޭޅުމުން ވެސް ކޮމިޝަނުން ފިޔަވަޅު ނޭޅުން.

6- މަސައްކަތް އަވަސްކުރަން ކޮމިޓީން އޭސީސީއަށް ތަކުރާރުކޮށް އެންގުމުން ވެސް އަވަސްނުކުރުން.

7- އެމްއެމްޕީއާރްސީގެ މައްސަލަތައް އަވަސްކުރަން ކޮމިޝަނަށް ބޭނުންވާ އިންތިޒާމްތައް ހަމަޖައްސައިދޭން މަސައްކަތް ކުރުމުން ވެސް ދައުވާކުރަން ފޮނުވާނެ ކަމަށް ބުނި އަދަދުގެ މައްސަލަތައް ނުފޮނުވުން.

8- ކޮރަޕްޝަނުގެ ތެރެއިން ގެއްލުނު ފައިސާގެ ތެރެއިން ހޯދުނީ އެންމެ 11،000ރ. ކަމަށް ވުން

9- ޕީޖީއަށް ފޮނުވި މައްސަލަތަކުގެ ތެރެއިން ދައުވާ ނުކޮށް އަނބުރައި ފޮނުވައިލި މައްސަލަތަކުގެ އަދަދު ގިނަވުން.

10- ކޮމިޝަނުގެ މެމްބަރުން ބަދަލުކޮށްގެން ނޫނީ މަސައްކަތް ރަނގަޅުކުރެވޭނެ ކަމަށް ކޮމިޓީއަށް ގަބޫލުނުކުރެވުން

އޭސީސީގެ ހަތަރު މެމްބަރުން ވަކިކުރަން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ނިންމި ފަހުން އެ ކޮމިޝަނުގެ މެމްމްބަރު އިބްރާހީމް ޝަކީލް އިއްޔެ ވަނީ މަގާމުން އިސްތިއުފާ ދެއްވައިފަ އެވެ. އޭނާ އިސްތިއުފާދެއްވިކަން ރައީސް އޮފީހުން މަޖިިލީހަށް މިއަދު އަންގަވާފައިވާ ކަމަށް ރިޔާސަތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އިއުލާނުކުރެއްވި އެވެ. އެހެންވެ، ވަކިކުރުމުގެ މަސައްކަތް ދެން ކުރިއަށް ގެންދަން ޖެހޭނީ އަނެއް ތިން މެމްބަރުންނާ މެދުގަ އެވެ.

މިނިވަން މުއައްސަސާއެއްގެ މެމްބަރުން ވަކިކުރާ ނަމަ، މަޖިލީހުގެ ޖަލްސާއެއްގައި އެކަން އިއުލާނުކުރުމަށް ފަހު، މައްސަލަަ ފޮނުވާނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. އެ ކޮމިޓީން ދިރާސާކުރުމަށް ފަހު އެކުަލަވައިލާ ރިޕޯޓް މަޖިލީހުގެ މެމްބަރުން ދިރާސާކުރަން ތިން ދުވަސް ދޭން ޖެހެ އެވެ. އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ކުރާނީ އެއަށް ފަހުގަ އެވެ. އެއީ ދެ ގަޑިއިރުގެ ބަހުސެކެވެ.

އޭސީސީ މެމްބަރުންގެ ވަކިކުރުމުގެ މައްސަލަަ އިއުލާނުކުރެއްވުމުގެ ކުރިން މަޖިލީހުގެ ގަވައިދުގެ އެބައި، މެންބަރުންނަށް ނަޝީދު ވިދާާޅުވެދެއްވި އެވެ. މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ތާރީޚު، އެމަނިކުފާނު ވިދާޅުވި ގޮތުގައި އިއުލާނުކުރާނީ އަދި ފަހުންނެވެ.